އާބަދީގައި 907 މީހުން ދިރިއުޅެމުން އަންނަ ހއ.މުރައިދޫއަކީ މީގެ ކުރިން ނަރުދަމާގެ ނިޒާމެއް ގާއިމް ކުރެވިފަ ނެތުމުގެ ސަބަބުން ބޮޑެތި އުދަގޫތަކެއް ތަހަމަލް ކުރަމުން ދިޔަ ރައްޔިތުންތަކެއް ދިރިއުޅެމުން އައި ރަށެކެވެ. ރާއްޖޭގެ ފެންތިލަ ރަށްތަކުގެ ތެރެއިން މުރައިދޫއަކީވެސް ފާހަގަކޮށްލެވޭ ރަށެކެވެ. އެގޮތުން އެރަށުގެ ފެންތިލަކަމާއިއެކު ފެން ތަޣައްޔަރުވުމުގެ މައްސަލައަކީ ބޮޑު މައްސަލައަކަށް ވަނީ ވެފައި އެވެ. ފެން ތަޣައްޔަރުވުމުގެ ސަބަބުން އެރަށުގެ %90 ގޭގައި ވަޅުފެން ބޭނުން ނުކުރެވޭކަމަށް އެރަށު ކައުންސިލްގެ ރައީސް އަސްރާރު އަލީ ވިދާޅުވިއެވެ.
އަސްރާރު ވިދާޅުވި ގޮތުގައި އެރަށުގައި ނަރުދާމާގެ ނިޒާމް ޤާއިމްކުރެވިފައި ނެތް އިރު، ފާޚާނާތަކުގެ ޖަންގްޝަންތައް ބަހައްޓައި ފެން ހިންދަމުން ދިޔައީ ރަށުގެތެރެއަށް ކަމަށް ވުމުން ރަށުގެ ފެން ތަޣައްޔަރުވެ، ގޭގޭގައި ވަޅުފެން ބޭނުން ނުކުރެވޭތީ، އޮކްސިޖަން ޕަންޕް ނުވަތަ މާދުރުން ބޮއި ފަދަ ތަކެތި ލައިގެން ފެން ނަގައިގެން ބޭނުން ކުރަމުންދާ ގެތައް ވަރަށް ގިނައެވެ. އަދި ހަމަ އެއާއެކު ރަށަކީ ފެންތިލަ ރަށަކަށް ވާތީ ބައެއް ހިސާބުތަކުގެ ގޭގޭގެ ޖަންގްޝަން އަވަސް އަވަހަށް ސާފުކުރަން ޖެހުމަކީވެސް ރައްޔިތުނަށް ކުރިމަތިވެފައިވާ ވަރަށް ދަތި އުނދަގޫ އަދި އެކަމުގެ ސަބަބުން އިތުރު ޙަރަދުތަކެއް ކުރަންޖެހިފައިވާ ކަމެއްކަމަށް އަސްރާރު ވަނީ ވިދާޅުވިއެވެ.
ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި މުރައިދޫގެ ރައްޔިތުން ނަރުދަމާއެއްނެތި ތަހަމަލް ކުރަމުން ދިޔަ ދަތި އުނދަގޫ ދުވަސްތަކަށް މިވަނީ ނިމުމެއް ގެނެސްދީފައެވެ. އަސްރާރު ވިދާޅުވީ މުރައިދޫގައި ނަރުދަމާގެ ނިޒާމެއް ޤާއިމްވެގެން ދިއުމަކީ އެރަށުގެ ހުރިހާ ރައްޔިތުން ދެކެމުން އައި ވަރަށް މުހިއްމު ހުވަފެނެއް ޙަޤީޤަތަކަށްވުން ކަމަށެވެ. އަދި ނަރުދަމާގެ ނިޒާމް އެރަށުގައި ޤާއިމްކުރެވުމުން ރަށަށް ދިމާވެފައިވާ ފެން ތަޣައްޔަރުވުމުގެ މައްސަލަ ޙައްލުވެގެން ދާނެކަމަށެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލް ކޮށްފައިވަނީ 2018 ގައެވެ. މިމަސައްކަތް މުޅިން ނިންމައި މިނިސްޓްރީ އާއި ޙަވާލުކޮށްފައި ވަނީ 19 ޑިސެމްބަރ 2019 ގައެވެ. މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމި މިއަހަރުގެ ޖޫންމަހުގެ ފަހުކޮޅު ރައްޔިތުންނަށް ނަރުދަމާގެ ޚިދުމަތް ވަނީ ފޯރުކޮށްދޭން ފަށާފައެވެ
މި މަޝްރޫއުގެ ދަށުން ހއ މުރައިދޫގެ ނަރުދަމާގެ ނިޒާމް ޤާއިމްކުރުމަށް 95.25578448 ( ފަންސަވީސް މިލިއަން ފައްސަތޭކަ ހަތްދިހަ އަށް ހާސް ހަތަރުސަތޭކަ ސާޅީސް އަށް ރުފިޔާ ނުވަދިހަ ފަސްލާރި ) ސަރުކާރުން ވަނީ ޚަރަދުކޮށްފައެވެ. މަސައްކަތުގެ ބަޖެޓްގެ %100 ޚަރަދުކޮށްފައި ވަނީ ސަރުކާރުންނެވެ.
މިއަހަރުގެ މިހާތަނަށްވެސް ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކި ކުންފުނިތަކާއި ވަނީ ހަވާލުކޮށްފައެވެ. އަދި 53 ރަށުގެ ފެނުގެ ނިޒާމު އަދި، 40 ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އަޙުމަދު ހަމްދާން ވަނީ ވިދާޅުވެފައެވެ. 2021 ވަނަ އަހަރަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް 631 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކޮށް ނިންމާ އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ.