ޚަބަރު

ކޯވިޑް-19: ޑޭކެއަރ ސެންޓަރުތައް އަންނަ ހޯމަ ދުވަހު ހުޅުވާލަނީ


އަންނަ ހޯމަ ދުވަހުން ފެށިގެން ޑޭކެއާ ސެންޓަރުތައް ހިންގުމަށް ހުއްދަ ދީފައި ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކަށް ފެތޭތަންތަން އެކަނިކަމަށް އެޗްއީއޯސީން ހާމަކުރައްވައިފިއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާން ޑރ.ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ޑޭކެއަރ ސެންޓަރުތަކަކީ ވަރަށް ތުއްތު ކުދިންވެސް އަންނަ ތަނަކަށްވުމުން އެތަންތަނުގެ ރައްކާތެރިކަމަށްޓަކާއި ޚާއްސަ ގައިޑްލައިންތަކެއް ހެދިފައިވާކަމަށެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީން އެކުލަވާލާފައިވާ ގައިޑްލައިނަށް އިތުރު ކުރަންޖެހޭ އަދި ރަނގަޅުކުރަންޖެހޭ ކަންކަން އެޑްވައިޒަރީ ގުރޫޕުން ހިއްސާކޮށް މިހާރު ގައިޑްލައިން ރިވައިޒްކޮށް ނިމިފައިވާކަމުގައި ޑރ ނަޒްލާ ވިދާޅުވިއެވެ.

މިތަންތަން ހުޅުވުމުގެ ހުއްދަ މިނިސްޓްރީ އޮފް ޖެންޑަރގެ ދަށުން ދެމުންގެންދާނީވެސް އެތަންތަން ހުންނަންޖެހޭކަމަށް ގައިޑްލައިންގައި ހިމަނާފައިވާ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވާނަމަ އެކަނިކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިތަންތަން ޖެންޑަރ މިނިސްޓްރީން ބަލާ އިންސްޕެކްޝަންތައް ހިންގާނެކަމަށް އެޗްއީއޯސީގ ތަރުޖަމާން ޑރ.ފާތުމަތު ނަޒްލާ ވިދާޅުވެއެވެ.


ޑޭކެއަރ ސެންޓަރުތައް މިމަހުގެ 30 ވަނަ ދުވަހު ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ދެއްވާފައިވާކަމަށް ޖެންޑަރ މިނިސްޓްރީންވެސް ވިދާޅުވެއެވެ. އަދި އެޗްޕީއޭއާއެކު ގުޅިގެން ޑޭކެއަރ ސެންޓަރުތައް ހުޅުވުމުގެ ހުއްދަދޭއިރޔ އެތަންތަން ބަލައި މޮނިޓަރ ގެންދާނެކަަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19އާއެކު ޢިއުލާންކުރި ފުރަބަންދަށް އަންނަނީ ލުއިތައް ދެމުންނެވެ. އައު ޢާއްމު ޙާލަތަކުން ޢާއްމު ޙާލަތަކަށް ރާއްޖެ އަމާންކަމާއެކު ގެންދިޔުމަށް އެޗްޕީއޭއިން އަންނަނީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއިއެކު އެކި ދާއިރާތަކުގެ ބައިވެރިވުން ހިމަނައިގެން ޚާއްސަ އުސޫލުތަކެއް އެކުލަވާލައި އެކި ދާއިރާތައް މަޑުމަޑުން ހުޅުވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ބޯޑަރާއިއެކު ފަތުރުވެރިކަމުގެ ސިނާޢަތަށް އެކި ގިންތިތަކުގައި ލުއިތައް ދެމުން އަންނައިރު ތަޢުލީމީ ދާއިރާއަށްވެސް އަންނަނީ މިގޮތަށް ލުއިތައް ދެމުންނެވެ.

މި ލުއިތަކާއި އެކުވެސް ދަސްކުރަންވީ ކޯވިޑް-19އާއެކު ދިރިއުޅެންކަމަށް އެޗްއީއޯސީން ހާމަކުރައްވައެވެ. އެގޮތުން އަދިވެސް ބަލީގެ ނުރައްކާ ކުޑަވީކަމަށް ނުބަލައި ރައްކާތެރިކަމަށް އިސްކަންދިނުމަށް އަންނަނީ ތަކުރާރުކޮށް ނަސޭޙަތްތެރި ވަމުންނެވެ.