ކޯވިޑް-19

ކޯވިޑް-19 : ވެކްސިނެއް ލިބެންދެން އިތުރު އައުޓް-ބްރޭކެއް އަޔަނުދޭން މަސައްކަތްކުރަންޖެހޭ - ޑރ.ނަޒްލާ


ކޯވިޑް-19އަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ލިބެންދެން އެބަލީގެ އިތުރު އައުޓްބްރޭކެއް ރާއްޖެއަށް އަޔަނުދޭން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.ނަޒްލާ މުސްތަފާ ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19ގެ މުޅި ޖުމްލަ ޢަދަދުތައް މައްޗަށް އަރައިގެންދާތަން ނުފެނުނުކަމުގައިވިޔަސް، ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންނާއި އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ ރޭޓު ފާއިތުވި 4 ހަފްތާގެ ތެރޭގައި އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ފާއިތުވި 4 ހަފްތާއަށް ބަލާއިރު ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވި މީހުންގެ ރޭޓު 6 އިންސައްތައިން 11 އިންސައްތައަށް މިހާރު އިތުރުވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މިއީ ބަލީގެ ނުރައްކާ ރާއްޖެއަށް އިތުރަށް ބޮޑުވެދާނެކަމުގެ އިޝާރާތެއްގެގޮތުގައި ޑރ.ނަޒްލާ ސިފަކުރެއްވިއެވެ.

"މިވަގުތު އަޅުގަނޑުމެންގެ އެހެން ޓޯޓަލް ނަންބަރުތައް ކުއްލިއަކަށް މައްޗަށް ނޭރިކަމުގައިވިޔަސް އަޅުގަނޑުމެންނަށް ފާހަގަވަނީ އަލާމާތްތައް ހުންނަ މީހުންގެ ޓެސްޓް ހަދައިގެން އެ އަންނަ ޕޮޒިޓިވިޓީ ރޭޓު އިތުރުކަން. އޭގެ މާނައަކީ ކޯވިޑް އިތުރުވުމުގެ ފުރުޞަތު ތަންކޮޅެއް ބޮޑޭ. މީގެ އިތުރުން ފަހަރެއްގައި ޓޯޓަލް ނަންބަރުތައް ދައްވެދާނެ މީހުން ފްލޫ ކްލިނިކްތަކަށް ސާމްޕަލް ނަގަން ނުދާތީވެ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް އިލްތިމާސްކުރަން އެއްވެސް ކަހަލަ ރޯގާގެ އަލާމާތެއް ނިޝާނެއް ހުންނަކަމަށްވާނަމަ ޓެސްޓްކުރަން ދުރުވުމަށް" ޑރ. ނަޒްލާ މުސްޠަފާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ މުސްތަަފާ ވިދާޅުވީ، ދުނިޔޭގެ ވަރަށް ގިނަ ބައްރުތަކުން ކޯވިޑް-19ގެ ކޭސްތައް ރިޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް އަނެއްކާވެސް އިތުރުވާން ފަށާފައިވާއިރު، ކުރިއަށްއޮތީ ޗުއްޓީ ދުވަސްވަރުކަމަށްވެފައި، އެއްތަނުން އަނެއްތަނަށް ދަތުރުކުރާ މީހުންގެ ނިސްބަތްއިތުރުވުމާއެކު ރާއްޖޭގައިވެސް ކޭސްތައް އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އަދި މި ބައްޔަށް ވެކްސިނެއް ނުހޯދެނީސް، އިތުރު އައުޓް-ބްރޭކެއް ރާއްޖެއަށް އަތުވެއްޖެނަމަ، ބަލިފެތުރުން ހުއްޓުވުމަަށް ކުރާ މަސައްކަތްތަކަށް ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެގެންދާނެކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"އައި.ޖީ.އެމް.އެޗްވެސް ފުލް ކެޕޭސިޓީގައި މަސައްކަތް ކުރަނީ މިހާރު. އަސްލު އިތުރު ކޯވިޑް އައުޓް-ބްރޭކެއް އައިސިއްޔާ އަޅުގަނޑުމެންގެ ނޮން-ކޯވިޑް އެ ދޭ ޚިދުމަތްތަކަށްވެސް އަސަރުކުރާނެ. އިރާދަކުރެއްވިއްޔާމުން އަންނަ އަހަރުގެ ކުރީކޮޅު ވެކްސިނެއް ލިބޭނެކަމަށް މި އުއްމީދުކުރަނީ. މިދުވަސްވަރު އަޅުގަނޑުމެން ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ވެކްސިން ރޯލްއައުޓްކުރަންވެސް. އެހެންވީމަ އިތުރު އައުޓް-ބްރޭކެއް އައިސިއްޔާމުން ވަރަށް އުނދަގޫވާނެ. ވަރަށް ބޮޑަށް ބާރު އަޅަން ހުރިހާ ބޭފުޅުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރަން" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޓެގް ޓީމުގެ ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ، ކޯވިޑް-19ގެ އަލާމާތްތައް ހުރެމެ، އަދިވެސް ބައެއް ފަރާތްތަކުން ޓެސްޓްނުކޮށް މަޑުކުރާކަން ފާހަގަކުރެވޭކަމަށެވެ. ވަކިން ޚާއްސަކޮށް ކޯވިޑް-19ގެ އަލާމާތްތަކާއެކުވެސް މަސައްކަތުގެ މާޙައުލަށް ނުކުންނަކަން ފާހަގަކުރެވިފައިވާކަމަށާއި، އެކަމުގެ ނަތީޖާއެއްގެގޮތުން އޮފީސް މާޙައުލުތަކުންވެސް ބޮޑެތި ކްލަސްޓަރތައް ފެނިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މި ބަލީގެ އަލާމާތަކީ ހަމައެކަނި ހުންއައުން ނޫންކަމަށާއި، ކަރުގައި ރިއްސުން ނުވަތަ ވަރުބަލިވެ ގައިގައި ރިއްސާނަމަވެސް ލަސްނުކޮށް ފްލޫ ކްލިނިކަކަށްގޮސް ޓެސްޓްކުރުން މުހިއްމުކަމަށް ތަކުރާރުކޮށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.