ކޯވިޑް-19

މާލެ ހިޔާ ފުރަގަހުގައި ހަދާފައިވާ ފްލޫ ކްލިނިކުގެ ޚިދުމަތް މެދުކަނޑާލަނީ


މާލެ ހިޔާ ފުރަގަހުގައި ހަދާފައިވާ ފްލޫ ކްލިނިކްގެ ޚިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗުން ވިދާޅުވެއްޖެއެވެ.

އައި.ޖީ.އެމް.އެޗުން ވިދާޅުވީ، ކޯވިޑް-19 އާއި ގުޅިގެން މާލެ ހިޔާ ފުރަގަހުގައި ކުރިއަށް ގެންދިޔަ ފްލޫ ކްލިނިކްގެ ޚިދުމަތް 29 ނޮވެމްބަރު 2020 ވާ އާދިއްތަ ދުވަހުން ފެށިގެން މެދުކަނޑާލުމަށް ހަމަޖެހިފައިވާކަމަށެވެ. އެހެންނަމަވެސް ސެނަހިޔާއިން ދެމުންގެންދާ ފްލޫ ކްލިނިކްގެ ޚިދުމަތް ކުރިއެކޭވެސް އެއްފަދައިން ދެމުންގެންދާނެކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19 ހޮސްޕިޓަލްތަކުގައި ފެތުރޭ މިންވަރުވީހާވެސް ކުޑަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުގައި ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ބިދޭސީންގެ ތެރެއިން ހުމާ ރޯގާގެ ޢަލާމާތްތައް ހުންނަ ފަރާތްތަކުން އާއްމު ހޮސްޕިޓަލްތަކަށް ދިއުމުގެ ބަދަލުގައި އެ ފަރާތްތަކަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމުގެގޮތުން އެކި ސަރަޙައްދުތަކުގައި ފްލޫ ކްލިނިކްތަކެއް ސަރުކާރުން ވަނީ ޤާއިމުކުރައްވާފައެވެ.

އެގޮތުން މާލެ ހިޔާ ފުރަގަހުގައި ހަދާފައިވާ ކްލިނިކްގެ ޚިދުމަތް ދޭން ފަށާފައިވަނީ މިދިޔަ މާރޗު މަހުގެ 10 ވަނަ ދުވަހުއެވެ. މި ކްލިނިކް ފުރަތަމަ ޚާއްސަކުރީ ޓްރެވަލް ކްލިނިކެއްގެގޮތުގައި ރާއްޖޭން ބޭރަށް ދަތުރުކުރުމަށްފަހު، އެނބުރި އަންނަ މީހުންގެ ތެރެއިން ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކުން ޑޮކްޓަރަށް ދެއްކުމަށް އެކަންޏެވެ. ނަމަވެސް ފަހުން ވަނީ ފްލޫ ކްލިނިކެއްގެ ގޮތުގައި ބަދަލުކޮށް، އާއްމުންގެ ތެރެއިންވެސް ހުމާ ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށާއި، ކޯވިޑް-19އަށް ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖައްސާފައެވެ.