ވިޔަފާރި

އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް އަލުން ހުޅުވާފައި ވަނީ ކ. އަތޮޅުގައި


އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް އަލުން ހުޅުވާލާފައިވަނީ ކ. އަތޮޅުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކ.އަތޮޅުގެ 7 ރަށެއްގައި 37 ގެސްޓްހައުސެއް ވަނީ ހުޅުވާފައެވެ. މިއީ ފަތުރުވެރިކަމުގެ އެއްހާސް އަށާވީސް އެނދެވެ.

ދެން އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް ހުޅުވާފައި ވަނީ އއ. އަތޮޅުގައެވެ. އެއަތޮޅުގައި 34 ގެސްޓްހައުސެއްވަނީ އަލުން ހުޅުވާފައެވެ. އެއަތޮޅުގެ 4 ރަށެއްގައި ގެސްޓްހައުސްތައް އަލުން ހުޅުވާފައިވާއިރު، މިއީ ފަތުރުވެރިކަމުގެ 474 އެނދެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވާވު އަތޮޅުން 12 ގެސްޓް ހައުސަކާއި އދ.އަތޮޅުން 6 ގެސްޓުހައުސަކާއި ބ.އަތޮޅުން 6 ގެސްޓްހައުސެއް، ޏ. އަތޮޅުން 4 ގެސްޓުހައުސަކާއި، ސ.އަތޮޅުން 2 ގެސްޓުހައުސެއް އަދި ނ.އަތޮޅުން އެއް ގެސްޓުހައުސްވަނީ ހުޅުވާފައެވެ. މިއީ މުޅި ޖުމްލަ 102 ގެސްޓުހައުސެވެ.

އަދި ގެސްޓުހައުސްތަކުން އޮޕަރޭޝަން ގެނެވިފައިވާ އެނދުގެ އަދަދު ދެހާސް އެއްސަތޭކަ ތިރީސް ދޭކަށް އަރައެވެ.

ރާއްޖޭގެ ކޯވިޑް-19ގެ ހާލަތަށް ބަލައި، މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ 17ވަނަ ދުވަހުއެވެ. އޭގެ 212 ދުވަސް ފަހުން މިމަހުގެ 15 ވަނަ ދުވަހު އަލުން ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ. އަދި އެތަނެއް ހުޅުވުމުގައި ކައުންސިލުގެ އެއްވެސް އިއުތިރާޒެއްނެތްކަމަށް މިނިސްޓްރީއަށް އެންގުމުން، ވަކިވަކި ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކަށް ބެލުމަށްފަހު، ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދަނީ ދެމުންނެވެ.

ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި، އާއްމު ތަންތަނުގައި އުޅޭއިރު، އަނގައާއި، ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.