ވިޔަފާރި

ދިރާގުގެ "ނައުއެމްވީ" އެޕް މެދުވެރިކޮށް އެންޖީއޯތަކަށް މިހާރު އެހީތެރިކަން ފޯރުކޮށްދެވޭނެ


ދިރާގުގެ "ނައުއެމްވީ" މެދުވެރިކޮށް އެން.ޖީ.އޯ ނުވަތަ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް މިހާރު އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

"ނައުއެމްވީ" އަކީ ދިރާގުން މިއަހަރު އަލަށް ތަޢާރަފުކުރި ލައިފްސްޓައިލް މޮބައިލް އެޕްލިކޭޝަނެކެވެ. ނައު އެމްވީ އެޕްލިކޭޝަންގެ ޑޮނޭޝަން ފީޗަރ މެދުވެރިކޮށް ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ އިތުރުން އެ ޖަމާއަތްތަކުން ބާއްވާ ފަންޑްރެއިޒިން ކެމްޕެއިން ތަކަށްވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ދިރާގުން ބުނެއެވެ. މިހާރު ނައު އެމްވީ އެޕްގައި 4 އެން.ޖީ.އޯ އެއް ވަނީ ލިސްޓް ކުރެވިފައިއެވެ. އަދި މީގެން ކޮންމެ އެން.ޖީ.އޯ އަކުންވެސް ވަނީ ހާއްސަ ފަންޑްރައިޒާއެއް ހުޅުވާފައެވެ.

ނައު އެމްވީގެ ޑޮނޭޝަން ފީޗަރ އާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ދިރާގު މެނޭޖަރ ބިޒްނަސް ޑިވަލޮޕްމެންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ވަރަށް ގިނަ އެން.ޖީ.އޯ ތަކުގެ މަސައްކަތްތަކަށް ފަންޑްރައިޒް ކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައިވާކަމަށެވެ. އެހެންކަމުން ދިރާގުގެ މި އިސްނެގުމަކީ އެން.ޖީ.އޯ ތަކާއި އަމިއްލަ ފަރާތްތަކާ ގުޅުވާލަދީ، އަމިއްލަ ފަރާތްތަކުން، އެފަރާތްތައް ސަޕޯޓްކުރަން ބޭނުންފުޅުވާ ކަމަކަށް ނުވަތަ އެން.ޖީ.އޯ އަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސް ކޮށްދިނުންކަމަށެވެ.

"މި ދަނޑިވަޅަކީ މިފަދަ ޖަމިއްޔާތަކަށް އަޅުގަނޑުމެން އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއް. ސަބަބަކީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ އެން.ޖީ.އޯ ތަކުގެ މަސައްކަތްތަކަށް ފަންޑްރައިޒް ކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައި ވާތީ. ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވީ އެން.ޖީ.އޯ ތަކާ އަމިއްލަ ފަރާތްތަކާ ގުޅުވާލަދީ، އަމިއްލަ ފަރާތްތަކުން، އެފަރާތްތައް ސަޕޯޓްކުރަން ބޭނުންފުޅުވާ ކަމަކަށް ނުވަތަ އެން.ޖީ.އޯ އަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސް ކޮށްދިނުމަށް. މީގެ އިތުރުން، އެން.ޖީ.އޯ ތަކުން ކުރާ މަސައްކަތްތަކީ ކޮބައިކަން ދެނެގަނެ، އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންވާ އެން.ޖީ.އޯ ތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ގާއިމްކުރުމަށް" ޝިނާއު އަބްދުލް ގާދިރު ވިދާޅުވިއެވެ.

ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް ޑޮނޭޓް ކުރެވޭނީ ދިރާގުޕޭ މެދުވެރިކޮށެވެ. މިވަގުތު ޑޮނޭޓްކުރެވޭ 4 ޖަމިއްޔާއަކީ އެޑްވަކޭޓިން ރައިޓްސް އޮފް ޗިލްޑްރަން (އާކް)، ޓައިނީ ހާރޓްސް އޮފް މޯލްޑިވްސް، އެހީ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕާސަންސް ވިތް ޑިސްއެބިލިޓީސް އެވެ. ނައުއެމްވީ މޮބައިލް އެޕަކީ ތަފާތު މުނިފޫހިފިލުވުމާއި ލައިފްސްޓައިލް ފީޗަރސްތައް އެކުލެވިގެންވާ އެޕްލިކޭޝަނެކެވެ.