ރިޕޯޓް

ދުނިޔޭގެ ސުލްހަ ޤާއިމް ކުރުމުގައި އދ ނުކުޅެދިފައި


ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ތެރެއިން އެންމެ ލޭހޮރުވުން ބޮޑު އެއްހަނގުރާމަކަމަށްވާ ސޫރިޔާގެ ހަނގުރާމައަށް ޙައްލު ހޯދުމުގައާއި، އަދި ސޫރިޔާގެ ރައްޔިތުން ހިމާޔަތްކުރުމުގައި އދ.ން އަދާކުރާ ދައުރާމެދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.ދެވަނަ ބޮޑު ހަނގުރާމައަށްފަހު އދ. އުފެދުނީ ދުނިޔޭގައި އެފަދަ ތިންވަނަ ހަނގުރާމައެއް ފެށުނަނުދިނުމަށާއި، ދުނިޔޭގެ އެކިކަންކޮޅު ތަކުގައި ހިނގާފާނެ ބޮޑެތި ހަމަނުޖެހުންތަކާއި ލޭއޮހޮރުވުންތައް ހުއްޓުވުމަށެވެ. އެހެންނަމަވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކާއި، ސަރަޙައްދީ އިންތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމަށް އދ. ނުކުޅެދިފައިވާ މަންޒަރު މިހާރު ފެންނަމުންދާކަމަށް ދުނިޔޭގެ މަޞްރަޙު ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެއެވެ.އެފަރާތްތަކުން ސިފަކުރާ ގޮތުގައި މިމަންޒަރު އެންމެ ސާފުކޮށް މިހާރު ފެންނަމުންދަނީ ދުނިޔޭގައި މިވަގުތު އެންމެ ބޮޑު ލާއިންސާނީ އެއްޖަރީމާ ހިނގަމުންދާ ސޫރިޔާގައެވެ.ދެވަނަ ބޮޑުހަނގުރާމައަށްފަހު ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގެ ތެރެއިންވެސް އެންމެ އަނިޔާވެރި އެންމެ  ރަހުމުކުޑަ އަދި އެންމެ ލޭހޮރުވުންބޮޑު އެއްހަނގުރާމަ ކަމަށްވާ ސޫރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި ދެލައްކަ ފަންސާސްހާހަށްވުރެ ގިނަ މީހުން މަރުވެ، އެގާރަ މިލިޔަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހި ރެފިއުޖީންގެ ގޮތުގައި އެތައްހާސް ބަޔަކު ޔޫރަޕަށް ވަންނަމުންދާއިރު މިމައްސަލައަށް ޙައްލެއް ހޯދުމުގައި އދ.ށް އެއްވެސް ދައުރެއް އަދާކުރެވިފައިނުވާތީ، ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އަދި އދ.ގެ ސަލާމަތީ މަޖިލީހުގެ ޒިންމާއާއި، އެމަޖިލީހުގެ ޤާބިލުކަމާމެދުވެސް ދަނީ ސުވާލު އުފައްދަމުންނެވެ.ދުނިޔޭގައި ހިނގާ ހަމަނުޖެހުންތައް ހުއްޓުވުމުގެ މަޤްޞަދުގައި އުފައްދާފައި އޮތް އދ.ގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ބޭރު ދުނިޔޭގެ މަޞްރަހު ދިރާސާކުރާ މުރާސިލުންވެސް ދަނީ ސިފަކުރަމުންނެވެ. އަދި އެޖަމާޢަތަށް 70އަހަރު ފުރުން ފާހަގަކުރަމުންދާއިރު އެއީ އުމުރުންދުވަސްވެފައިވާ އެއްވެސް ބާރެއްނެތް ޖަމާޢަތެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބާރު ލިބިފައިވާ ފަސްޤައުމުކަމަށްވާ، އެމެރިކާއާއި، ރަޝިޔާއާއި، ޗައިނާއާއި އިނގެރޭސިވިލާތާއި، ފަރަންސޭސިވިލާތުން ކުޅޭ ރާޒުވާ ކުޅިގަނޑަކަށް ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުން ހަދާފައިވާއިރު މިކަމުގެ އަގު ފުރާނައިން އަދާކުރަމުންދަނީ ކުށެއް ނެތް ސޫރިޔާގެ ރައްޔިތުންނެވެ.އދ.ން ބަލަބަލާ އޮއްވާ ސޫރިޔާގެ ކުށެއްނެތް އެތައް މައުސޫމް ފުރާނައެއް ގެއްލިފައިވާއިރު، އެޤައުމުގެ ކުޑަކުދިންގެ މުޅި ޖީލެއް ނެތިގެންގޮސްފައިވާކަމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ވަނީ ހާމަކޮށްފައެވެ.ސަލާމަތީ މަޖިލީހަށް ސޫރިޔާގެ ހަނގުރާމައާއި ގުޅިގެން ހުށަހެޅޭ މައްސަލަތަކުގައި ވީޓޯގެ ބާރުބޭނުން އެންމެ ބޮޑަށް ކުރަމުންދަނީ ރަޝިޔާއާއި ޗައިނާއިންނެވެ.ސޫރިޔާގެ މައްސަލާގައި އެމެރިކާއިން ރަޝިޔާއާ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވެފައިވާއިރު އަނެއްކޮޅުން މިހާރު ރަޝިޔާއިންމިވަނީ ސޫރިޔާގައި ހަމަލާތައް ދޭންފަށާފައެވެ. ރަޝިޔާގެ ވައިގެ ސިފައިން ފުޅާދާއިރާއެއްގައި ސޫރިޔާގައި ހަރަކާތްތެރިވާން ފަށާފައިވާއިރު ސޫރިޔާއަށް އެއްގަމު ސިފައިން ފޮނުވުމަށް ނިންމާފައިވާކަންވެސް ރަޝިޔާއިންވަނީ އިޢްލާންކޮށްފައެވެ.ރަޝިޔާއިން ބުނަނީ އެޤައުމުން ހަމަލާތައްދެނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުންވެސް ހަމަލާތައް އަމާޒުކުރާ އައިއެސް ޖަމާއަތާއި އަދި އެހެން  ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށްކަމަށެވެ.ރަޝިޔާއިންވެސް ބުނަނީ އެޤައުމުން ދޭ ހަމަލާތައްވެސް ސޫރިޔާގެ ޢާއްމު ރައްޔިތުންނަށް އަމާޒުނުކުރާ ކަމަށެވެ.މިހަނގުރާމައިގައި ހަމަލާ ބަދަލުކުރަމުންދާ ފަރާތްތަކުން ހަމަލާތައް ދެނީ ޢާއްމު ރައްޔިތުންނަށް އަމާޒުކޮށްގެން ނޫންކަމަށް ބުނަމުންދާއިރު، މިހަނގުރާމައިގައި މިހާތަނަށް ގިނައަދަދަކަށް މަރުވެފައިވަނީ ސޫރިޔާގެ ކުށެއް ނެތް ޢާއްމު ރައްޔިތުންނެވެ. އަދި މިހަނގުރާމައަށް ޙައްލެއް ހޯދުމަށް އދ.ފެއިލްވެފައިވާއިރު، ކައިރި މުސްތަޤުބަލެއްގައި މިހަނގުރާމައަށް ނިމުމެއް ނެތްކަން މިދަނީ ފެންނަމުންނެވެ.