ޚަބަރު

"މަސްވެރިކަން ކުރިނޭރީ، ކުރީ ސަރުކާރުތަކުން ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން"


މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައި ދިނުމާއި، މަސްވެރިކަމުގެ ސިނާއަތަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް ތަރައްޤީ ކުރުމުގެ ވާހަކައަކީ އަބަދުވެސް ސަރުކާރު ތަކުން ދައްކަމުންދާ ވާހަކައެކެވެ. އެހެންނަމަވެސް އެންމެ އެދެވޭ ގޮތުގައި މިކަން ހައްލު ކުރެވިފައި ނުވާކަމުގެ ޝަކުވާއަކީ މިއަދުވެސް މަސްވެރިންގެ އޮތް އެންމެބޮޑު ޝަކުވާއެވެ. މި ސަޤާފަތް ބަދަލު ކުރުމަކީ މަސްވެރިކަމުގެ ދާއިރާއިން މިސަރުކާރުގެ އެންމެ ބޮޑު އަމާޒެވެ.

މަސްވެރިން ބާނާމަސް ނުކިރުވުމާއި، ކިރުވާ މަހަކަށް ހަމައަށް ފައިސާ ނުލިބުމާއި މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރަށް ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގައި މަހުގެ ވިޔަފާރި ކުރާތާ 800 އަހަރު ވެފައިވާކަމަށެވެ. މަހުގެއަގު އެއް މިންގަނޑެއްގައި ނުހިފެހެއްޓި މަސްވެރިކަމަށް ބަދަލުތަކެއް އަންނަމުންދަނީ ސިޔާސަތުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުންކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ރާއްޖޭގެ އެކިއެކި ސަރަހައްދުގައި ބިނާކޮށްފައިވާ މަސް ފިނިކުރާ ތަންތަނާއި ކާރުހަނާތައް ހިންގަނީ ބޮޑެތި ގެއްލުމުގައި. އެއީ ސަރުކާރުހިއްސާވާ ކުންފުނިތަކަށްވުމުން އެހެންވަނީ. އަބަދުވެސް ފާހަގަވެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އުވާލައި އަމިއްލަ ވިޔަފާރިތަކަށް ހުޅުވާލައިންނޭ މިކަން ހައްލުވަނާނީ. ނިމިދިޔަ 30 އަހަރުގައިވެސް ރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތް އޮތީ މިދެންނެވި ގޮތަށް. އަޅުގަނޑުމެން މިދަނީ އެކަން ބަދަލު ކުރަމުން" ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ.

މިމައްސަލާގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ ކުރީސަރުކާރުން މަސްވެރިކަމުގެ ސިޔާސަތަށް ވަނީ ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައިސް ޔާމީންގެ ރިޔާސީ ވައުދު "ބެޔަސް ނުބެޔަސް"ގެ އެއްވެސް ފައިދާއެއް މަސްވެރިނަށް ކޮށްފައި ނުވާކަމަށާއި، އަދި އެވައުދު ފުއްދަވާފައިވެސް ނުވާކަން މެމްބަރުން ފާހަގަކުރައްވާފައިވެއެވެ.

ކުރީސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި "ބެޔަސް ނުބެޔަސް" ޕްރޮގުރާމުގައި ބައިވެރިވެފައިވަނީ އެންމެ ދޯންޏެކެވެ. އެހެންކަމުން އެވައުދު ވެފައިވަނީ މަސްވެރިންނަށް އެއްވެސް ފައިދާއެއް ނުކުރި ބޭކާރު ވައުދެއްގެ ގޮތުގައެވެ. މިކަން ފާހަގަކުރައްވައި ވާހަކަދެއްކެވި މެމްބަރުންގެ ތެރެއިން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްކެވި ވާހަކަފުޅު ފާހަގަކޮށްލެވެއެވެ. ޖާބިރު ވިދާޅުވީ ސަރުކާރުގެ މަސްކުންފުނި މިފްކޯ މެނޭޖް ކުރެއްވުމުގައާއި މަސްވެރިވެރިކަމުގެ ސިނާއަތު ކުރިއެރުވުމުގައި ރައީސް ޔާމީންގެ ސަރުކާރު ވަނީ އިހުމާލުވެފައިކަމަށެވެ. އަދި މިސަރުކާރުން މިކަން ރަނގަޅު ކުރައްވައި މަސްވެރިކަން ކުރިއަރުންވަން ކުރައްވާ މަސައްކަތް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިމައްސަލައަށް ވާހަކަ ދެއްކެވި ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީ މެމްބަރުން ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މަަސއްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ފާއިތުވެދިޔަ އެއްވެސް ސަރުކާރަކުން މަސްވެރިކަމަށް ނުދޭ ސަމާލުކަމެއް މިސަރުކަރުން ދީފައިވާކަމަށެވެ. މަސްވެރިކަމުގެ ޤާނޫނެއް ވުޖޫދުކުރުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިން ބާނާ މަސް ކިރުވައި ބަންދުކުރެވޭނެ ކެޕޭސިޓީ އިތުރު ކުރަމުންދާކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ މަސްވެރިކަމުގެ އަގުމައްޗަށް އަރުވައި މަހުގެއަގު ވައްޓާލީ ރައީސް ޔާމީންގެ ވެރިކަމުގައި. މަސްވެރިން ބާނާ މަހުގެއަގު އިންތިހާއަށް އޭރުވަނީ މައްޗަށް އަރުވާފައި. 2008ގައި މަސްވެރިކަމާއި ކަންނެނިލި މަހަށްވެސް ވާނީ ހަމައަގު ހޯދައިދީފައި. އަނެއްކާ އަޅުގަނޑުމެން މިޖެހެނީ އެމަސައްކަތް މިއަދުވެސްކުރަން. އަޅުގަނޑުމެން މިކަންކުރާނަން." މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވީފަހުން މަސްވެރިކަމުގެ ސިނާއަތަށް ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ތެރޭގައި، މަހުގެ ފްލޯ ޕްރައިޒް މައްޗަށް ޖެއްސުމާއި، ބޭރުގެ ލޭނު އަޅާ ބޯޓުތައް ރާއްޖެ ސަރަހައްދުގައި މަސްވެރިކަން ކުރަން ހުއްޓުވުމާއި، އެކްސްކްލޫސިވް އުވާލުން ހިމެނެއެވެ. އަދި މަސްވެރިންނަށް ލުއިފަސޭހަކަމާއެކު ކުރިއަށް ދިއުމުގެ މަގުފަހިކުރުމުގެގޮތުން މަސްވެރިޔާ ކާޑު ތަޢާރަފްކުރުމަކީވެސް މިސަރުކަރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ. މަސްވެރިންގެ ބޮޑު ތަރުޙީބެއް ލިބިފައިވާ މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓްއަކީ މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބޭ ވަސީލަތެކެވެ. މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފައިވަނީ 2019ވަނަ އަހަރުއެވެ.

މީގެއިތުރުން ސަރުކާރުން ވަނީ ކޫއްޑޫއާއި، ފިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ޚާއްސަ މަސައްކަތްތަކެއްވެސް ފަށާފައެވެ. އެގޮތުން ޅ.ފެލިވަރުގައި ހިންގަމުންއަންނަ ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާގެ މަސައްކަތް ފުޅާކުރުމަށް އެރަށު ފަޅުން 5 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވެއެވެ. އަދި ދުވާލެއްގެ މައްޗަށް 50 ޓަނު މަސް ބަންދުކުރުމުގެ ޤާބިލްކަން ހުރި ފެކްޓަރީއަކަށް ފެލިވަރުވަނީ މިހާރުވސް ހަދާފައެވެ. މިނޫނަސް ގިނަގުނަ މަސައްކަތްތަކެއް ސަރުކާރުންދަނީ ކުރައްވަމުންނެވެ.