ޚަބަރު

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި


އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމުން އެކޮމިޝަނުގެ ނައިބް ރައީސް އަޙްމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެން، ހުސްވެފައިވާ ކޮމިޝަނުގެ މެމްބަރުކަމަށް ހުޅުވާލައިފިއެވެ.

އެކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލައްވާ ފަރާތްތަކުން އެކަމަށްކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރުގެ އިތުރުން ކުށާއި ދަރަނީގެ ރެކޯޑް ފޯމާއެކު މިމިހުގެ 30ވަނަ ދުވަހުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅަންޖެހެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުކަމުގެ މަޤާމުން އިސްތިއުފާދެއްވައި އެކޮމިޝަނުގެ ނައިބް ރައީސް އަޙްމަދު އަކްރަމް ނެރުއްވި ބަޔާނެއްގައިވަނީ އިސްތިޢުފާދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީކަމަށެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހްމަދު އަކްރަމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނީ 7 މެންބަރުންގެ ވޯޓުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.