ކޯވިޑް-19

ކޯވިޑް-19 : ރަށްފަޅު ހުރާއިން 107 މީހުން ޕޮޒިޓިވްވެއްޖެ


ރަށްފަޅު ހުރާއިން 107 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ރަށްފަޅު ހުރާގެ ނަމުގައި 4 ރަށެއް ހިމެނޭހެން ތަރައްޤީކުރަމުންދާ ރިސޯޓުން މިހާތަނަށް 107 އެކްޓިވް ކޭސް ފެނިފައިވާކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގގެ ތެރެއިން މިހާތަނަށް 125 މީހުން ދެނެގަނެވި ކަރަންޓީން ކުރެވިފައިވާކަމަށެވެ. އަދި އެ ރިސޯޓުން މިއަދުވެސް 143 ސާމްޕަލެއް ނަގާފައިވާކަމަށާއި، އެ އެންމެންނަކީވެސް ބަލީގެ އަލާމާތްތައް ހުރި މީހުންކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"މިއަދު އިތުރު 143 ސާމްޕަލް މިވަނީ ނެގިފައި. އެއީ ބަލީގެ އަލާމާތްތައް ހުރި މީހުންގެ ސާމްޕަލް. އެހެންވީމަ ކުރިއަށްއޮތް 2 ދުވަހެއްގެ ތެރޭގައި ހުރިހާ ސާމްޕަލެއްގެ ނަތީޖާ އަޅުގަނޑުމެންނަށް ލިބޭނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރަށްފަޅު ހުރާއިން ކޯވިޑް-19ގެ ބޮޑު ކްލަސްޓަރއެއް ފެނިފައިވާއިރު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެމް.އޭ.ސީ.އެލްގެ ކާގޯ ޑިޕާޓްމަންޓުން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިހާރު 102 އަށް އަރާފައިވާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. ކާގޯ ޑިޕާޓްމަންޓްގެ ކްލަސްޓަރއާއި ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި 191 މީހުން ދެނެގަނެވި، ކަރަންޓީން ކޮށްފައިވާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.