ކޯވިޑް-19

ކޯވިޑް-19: މިއަދު ބަލި ޖެހުނީ 30 މީހުންނަށް، ރަނގަޅުވީ 40 މީހުން


ރާއްޖެއިން މިއަދު އިތުރު 30 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 27 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 3 މީހުން ޕޮޒިޓިވްވެފައި ވާކަމަށް އެ އޭޖެންސީން ވިދާޅުވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 30 މީހުންގެ ތެރެއިން 22 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 8 ބިދޭސީންނެވެ. މިއާއިއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 12،608 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ. އެޗް.ޕީ.އޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް 7915 ދިވެއްސަކަށް ވަނީ މި ބަލި ޖެހިފައެވެ. އަދި 4693 ބިދޭސީއަކަށްވެސް ވަނީ މި ބަލި ޖެހިފައެވެ. މިމަހުގެ މިހާތަނަށް 949 މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 40 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11،599 އަށް އަރާފައެވެ. ރާއްޖޭގައި ކޯވިޑް-19 ގެ ކޭސްތައް ފެނުނުތާ 260 ދުވަސްވެފައި ވާއިރު، މިހާތަނަށް މި ބަލި ޖެހިގެން 46 މީހުން ރާއްޖޭގައި ވަނީ ނިޔާވެފައެވެ. އެއީ 38 ދިވެހިންނާއި، 8 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 956 އަށް އަރާފައިވާއިރު 344 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 86 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އައި.ސީ.ޔޫގައި 3 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަދި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 81 މީހަކަށް ވޯޑުގައި ފަރުވާދެމުންދާކަމަށްވެސް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ.

އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ލ. ގަމުގައި 2 މީހުންނަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1763 ސާމްޕަލެއް ވަނީ ނަގާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 12 ރަށަކުންނާއި، 31 ރިސޯޓަކުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައި ވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 5 ދިވެއްސަކަށާއި، 7 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 54 ފަތުރުވެރިއަކާއި، 155 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.