ކޯވިޑް-19

ކޯވިޑް-19 : މާފުއްޓަށް އަރާ ފޭބުން މަނާކޮށް އެ ރަށް މޮނިޓަރިންގއަށް ލައިފި


ކ. މާފުއްޓަށް އަރާ ފޭބުން މަނާކޮށް، އެ ރަށް މޮނިޓަރިންގއަށް ލައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މާފުށީ ކައުންސިލަށް ފޮނުވާފައިވާ އެންގުމުގައިވަނީ ކޯވިޑް-19އާ ގުޅިގެން ޞިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެ ރަށް މޮނިޓަރިންގއަށް ލާފައިވާކަމަށެވެ. މާފުށި މޮނިޓަރިންގއަށް ލާފައިވަނީ މިއަދު މެންދުރުފަހު 15:43 އިން ފެށިގެންނެވެ.

މާފުށީގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެޗް.ޕީ.އޭގެ ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުން ވަނީ މަނާކޮށްފައެވެ. އަދި އެ ރަށް މޮނިޓަރިންގގެ ޙާލަތަށް ލުމާގުޅިގެން، އެޗް.ޕީ.އޭއިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެގޮތުން އަންގާ އެންގުންތަކާއި، އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެ އެޖެންސީން ވަނީ އެދިވަޑައިގެންފައެވެ.

ކ. މާފުށި މޮނިޓަރިންގގެ ޙާލަތަށް ލާފައި މިވަނީ އެރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވި ހުރިހާ ފަތުރުވެރިންވެސް އެ ބަލިން ރަނގަޅުވެފައިވާކަމަށް އެރަށުގެ ޞިއްޙީ މަރުކަޒުން އިއްޔެ ހާމަކުރައްވާފައިވަނިކޮށެވެ.

މާފުށީ ޞިއްޙީ މަރުކަޒުން ވިދާޅުވެފައިވަނީ އެ ރަށުން ކޯވިޑް-19 އަށް ޕޮޒިޓިވްވި 5 ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ އިއްޔެ ރަނގަޅުވެފައިވާކަމަށެވެ. އަދި އޭނާ ރަނގަޅުވުމާގުޅިގެން މިހާރު ދޫކޮށްލާފައިވާކަމަށާއި، މާފުށީގައި ކޯވިޑް-19ގެ އެއްވެސް އެކްޓިވް ކޭސްއެއް ނެތްކަމަށެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ހިންގަމުންދާ މާފުށިން 5 ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މިކަމާގުޅިގެން އެ ރަށުގައި ބަލި ފެތުރިފައިވޭތޯ ދެނެގަތުމަށް ނެގި 85 ރެންޑަމް ސާމްޕަލްގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް މާފުށީ ޞިއްޙީ މަރުކަޒުން ވިދާޅުވެފައިވެއެވެ.

ކޯވިޑް-19ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން ރާއްޖޭގެ ގެސްޓް ހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ. އަދި އަލުން މި ސިނާއަތް ފަތުރުވެރިންނަށް ހުޅުވާލާފައިވަނީ މިދިޔަ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ. ގެސްޓްހައުސް ސިނާއަތް ހުޅުވާލުމާއިއެކު އެންމެ ފުރަތަމަ ފަތުރުވެރިންގެ ބަޔަކު ގޮސްފައިވަނީވެސް މާފުއްޓަށެވެ.