ޚަބަރު

އެއްފަހަރާ 3 އެއާޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރެވޭނެ ޤާބިލްކަން އެބަހުރި: އެމްޓީސީސީ


އިތުރު ޕްރޮޖެކްޓްތައް ހިންގަމުންވެސް، އެއްފަހަރާ 3 އެއަރޕޯޓެއް ތަރައްޤީ ކުރެވޭނެ ޤާބިލްކަން އެބަހުރިކަމުގައި އެމްޓީސީސީއިން ހާމަކޮށްފިއެވެ.

ރާއްޖޭގައި ބިންހިއްކައިގެން އެންމެ ކުރު މުއްދަތެއްގައި ތަރައްޤީކުރި ފުރަތަމަ އެއާޕޯޓުކަމުގައިވާ، ހއ ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ނިންމައި، 15 ނޮވެމްބަރުގައި ވަނީ ސަރުކާރާއި ހަވާލުކޮށްފައެވެ.

ޕީއެސްއެމް ނިއުސްގެ "ދުވެލި" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، އެމްޓީސީސީގެ ސީއިއޯ އާދަމް އާޒިމް ވަނީ ،ހއ. ހޯރަފުށީ އެއަރޕޯޓަކީ ގިނަ ރިކޯޑްތަކެއް ޤާއިމުކޮށްފައިވާ އެއަރޕޯޓެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ބިންހިއްކައިގެން އެންމެ ކުރު މުއްދަތެއްގައި ތަރައްޤީކުރި އެއަރޕޯޓަށް ހޯރަފުށީ އެއަރޕޯޓް ވެފައިވާއިރު، މި އެއަރޕޯޓަކީ އެމްޓީސީސީން އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފުރިހަމައަށް ތަރައްޤީކޮށް ނިންމައި ސަރުކާރާއި ހަވާލުކުރާ ފުރަތަމަ އެއަޕޯޓްކަންވެސް އާޒިމް ފާހަގަކުރެއްވިއެވެ. ހޯރަފުށީ ފަޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރި މި އެއަރޕޯޓް ތަރައްޤީކުރަން 18 މަސްދުވަސް ހޭދަވިކަން ފާހަގަކުރައްވައި އާޒިމް ވަނީ، މި ތަޖުރިބާއިން ފިލާވަޅު ލިބިގަނެ މިހާރު މިފަދަގޮތަކަށް އެއަރޕޯޓެއް ތަރައްޤީކުރާނަމަ މި މުއްދަތު 8 މަސްދުވަހަށް ކުރުކޮށްލެވޭނެ ކަމަށެވެ. އަދި ބިން ނުހިއްކައި އެއަރޕޯޓް ތަރައްޤީކުރާނަމަ 3 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓް ތަރައްޤީކޮށް ނިންމާލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

ހޯރަފުށީ އެއަރޕޯޓް މަޝްރޫޢުގެ ސަބަބުން އެމްޓީސީސީގެ ޓީމުގެ ގުޅުން ވަރަށް ބަދަހިވެއްޖެކަން ފާހަގަކުރައްވައި އާޒިމް ވަނީ، މިވަރުގަދަވި ގުޅުމާއި އުފެދުނު ޖޯޝާއިއެކު ބަނދަރު ތަރައްޤީކުރުންފަދަ އިތުރު ޕްރޮޖެކްޓްތައް ހިންގަމުންވެސް 3 އެއަރޕޯޓެއް އެއްފަހަރާ ތަރައްޤީކުރެވޭނެ ޤާބިލްކަން އެމްޓީސީސީގެ ޓީމުގައި އެބަހުރިކަން ހާމަވެއްޖެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ހޯރަފުށިން މިފެނުނީ ރައްޔިތުންނާއި ސަރުކާރާއި އަދި އެމްޓީސީސީގެ މުއައްޒަފުންގެ ގުޅުމުން ވަރަށް ފުރިހަމަކަމާއެކު ރިކޯޑްތަކެއް ޤާއިމުކުރިތަން. މި އެއަރޕޯޓް މި ނިންމާލީ 18 ވަރަކަށް މަސްދުވަހުން. މި ތަޖުރިބާއިން ފިލާވަޅު ލިބިގަނެ މިހާރު މިފަދަގޮތަކަށް އެއަރޕޯޓެއް ތަރައްޤީކުރާނަމަ މި މުއްދަތު 8 މަސްދުވަހަށް މަދުކުރެވޭނެ. ބިންނުހިއްކާ އެއަރޕޯޓް ތަރައްޤީކުރާނަމަ 3 މަސްދުވަހުގެ ތެރޭގައި އެއަރޕޯޓް ތަރައްޤީކޮށް ނިންމާލެވޭނެ. އިތުރު ޕްރޮޖެކްޓްތައް ހިންގަމުންވެސް، އެމްޓީސީސީއަށް 3 އެއަރޕޯޓް އެއްފަހަރާ ތަރައްޤީކުރެވޭނެ މިހާރު" އާދަމް އާޒިމް ވިދާޅުވިއެވެ.

އެމްޓީސީސީއިން މިހާރު ދަނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީކުރަމުންނެވެ. ގދ.ފަރެސްމާތޮޑާ އެއަރޕޯޓްގެ ޑިޒައިން މަސައްކަތާއި، ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް އެމްޓީސީސީއަށް މިމަހުގެ 10 ވަނަ ދުވަހު ހަވާލުކޮށްފައިވާއިރު، އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 1 އަހަރާއި 8 މަސް ދުވަހުން މަސައްކަތް ނިންމުމަށެވެ.

އެމްޓީސީސީގެ ސީއީއޯ އާޒިމް ވަނީ ވަނީ މި މުއްދަތައްވުރެ އަވަހަށް މި މަސައްކަތް ނިންމާ ހޯރަފުށީ އެއަރޕޯޓްގެ ރިކޯޑް މުގުރާލުމަށް މިހާރު މަސައްކަތް ފަށާފައިވާކަމުގައި ވިދާޅުވެފައެވެ.

އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ގދ. ފަރެސްމާތޮޑާ އެއަރޕޯޓް 1200 މީޓަރުގެ ރަންވޭ ހެދުމާއި، ޓަރމިނަލް ބިލްޑިންގ ހެދުމާއި، އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށެވެ. މިއީ 144.8 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.