ޚަބަރު

"ފުރިހަމަ ހިންގާ ކޮމިޓީއެއް އޮތުމުން ފީފާގެ ދަތިތަކަށް ލުޔެއް ލިބޭނެ"


އޮމާންކަމާއެކު ނިމިގެންދިޔަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކޮންގްރެސްއަކީ ހުއްޓިފައިވާ ފުޓްބޯޅަ ކުރިއަށް އަލުން ހިނގައިގަތުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، ފުރިހަމަ ހިންގާ ކޮމިޓީއެއް އޮވެގެން އެ އިދާރާގެ ހިންގުމަށް ފީފާ އަދި އޭއެފްސީ ފަދަ ތަންތަނުން މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމަށް ޖެނެރަލް ސެކްރެޓެރީ މުޙައްމަދު ޝުޖާޢު ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ 2025 ވަނަ އަހަރުގެ ކޮންގްރެސްއަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޝުޖާޢު ވިދާޅުވީ ފުޓުބޯޅަ ކުރިއެރުވުމަށް ހުރި ދަތިތައް ނިމުމަކަށް އައިސް ފުޓުބޯޅަ އަލުން ކޮޅަށް ޖެހުމަށް އެކްސްކޯ މުހިންމު ދައުރެއް އަދާކުރާނެކަމަށެވެ.

"ފުރިހަމަ އެކްސްކޯއެއް އޮވެގެން ހިންގުނީމަ ވާގޮތަކީ ފީފާ، އޭއެފްސީ ތަންތަނުން އަޅުގަނޑުމެންނަށް މިޙާރު ހުރި ރެސްޓްރިކްޝަންސްތައް އުވިގެން ގޮސްފަ، އަޅުގަނޑުމެންނަށް މީތި ކުރިއަށްދާން އެޅުނު ހަމަ އެންމެ ރަނގަޅު ފިޔަވަޅަކީ ރަނގަޅު ފުރިހަމަ އެކްސްކޯއެއް އޮތުން" ޝުޖާއު ވިދާޅުވިއެވެ.

އަންނަ މަހުގެ 26 ވަނަ ދުވަހަށް އިންތިޚާބް ތާވަލުކޮށްފަވާއިރު، މިހާރު އެފްއޭއެމްއިން ކުރަމުންދާ މަސައްކަތަކީ އެކަމާ ގުޅުންހުރި އެކިއެކި މަރުހަލާތަކުގެ މަސައްކަތްކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ. އެގޮތުން އިންތިޚާބަކަށް ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްގެންދާނެކަމަށް ޝުޖާއުވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިއޮތް ދުވަސްކޮޅުތެރޭ ފާހަގަކޮށްފަ ހުންނަ އެކި މަރުހަލާތަކުގެ މަސައްކަތްތައް ކުރިއަށްގެންދާނީ. އެގޮތުން އޮޕަރޭޝަނަލީ އެއްވެސް ކަހަލަ ޑިފިކަލްޓީއެއް ނާންނާނެ، ހަމަ މިހާރުވެސް ކުރިއަށް މިގެންދާގޮތަށް އެބައިކުރިއަށްދާނެ. ހުންނާނެ ދެއްތޯ އަޅުގަނޑުމެންގެ އިދާރީ ބައިވަރު ޕްރޮސެސްތަކެއް އިންތިޚާބަކަށްދާއިރު ގެންދަންޖެހޭ. އެހެންވީމަ އެކަމަށް އަޅުގަނޑުމެން ތައްޔާރުވަމުންދާނީ މިދުވަސްކޮޅު" ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ޝުޖާއު ހާމަކުރެއްވިއެވެ.

އެގްއޭއެމްގެ އާންމު ކޮންގްރެސްގެ ތެރެއިންވަނީ އެފްއޭއެމްގެ އައު އިލެކްޓޯރަލް ކޯޑުވެސް ފާސްކޮށްފައެވެ. އަދި މި ކޮންގްރެސްގެ ތެރެއިން އައު ހިންގާ ކޮމިޓީގެ އިންތިޚާބު ބާއްވާނެ ތާރީޚުވެސްވަނީ ކަނޑައަޅާފައެވެ. މިގޮތުން ނޯމަލައިޒޭޝަން ކޮމިޓީގެ އެއް އަހަރުދުވަހުގެ މެންޑޭޓް ހަމަވުމުގެ ކުރިން އިންތިޚާބު ބޭއްވުމަށާއި، އައު ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށް 26 ޖުލައި 2025ގައި އިންތިޚާބީ ޖަލްސާ ބޭއްވުމަށްވެސް ވަނީ ފާސްކުރެވިފައެވެ.