ޚަބަރު

"ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" ބިނާކުރަން ހަމަޖެހިފައިވާ ސަރަޙައްދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލައްވައިފި


"ޔޫތު ސްކިލް ޑިވެލޮޕްމަންޓް ސެންޓަރު" ބިނާކުރުމަށް ލ. ކަޅައިދޫގައި ކަނޑައަޅާފައިވާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި، އެ ސަރަޙައްދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިއްޔެ މެންދުރުފަހު ކަޅައިދުއަށް ކުރެއްވި މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ "ޔޫތު ސްކިލް ޑިވެލޮޕްމެންޓް ސެންޓަރު" ޤާއިމުކުރުމަށް އެ ރަށުގައި ކަނޑައަޅާފައިވާ ސަރަޙައްދުގެ އިތުރުން، އެ ސެންޓަރާއެކު އެ ރަށުގައި ހަމަޖައްސަންޖެހޭ އެހެން ޚިދުމަތްތަކާއި އިންތިޒާމުތަކަށް އެންމެ އެކަށޭނެކަމަށް ފާހަގަކުރެވިފައިވާ ތަންތަނަށް ވެސް ޒިޔާރަތްކުރައްވައި އެ ތަންތަންވެސް ބައްލަވާލައްވާފައެވެ.

ގާތްގަޑަކަށް 500 މީހުންގެ ޖާގައިގެ މި މަރުކަޒުގައި ތަޢުލީމާއި ހުނަރާ އަދި ތަރުބިއްޔަތުގެ އެކިއެކި ޕްރޮގްރާމުތައް ހިންގުމަށް ރާވާފައިވާއިރު، މި މަރުކަޒުން ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުންނަށް ބޭނުންވާނެ އެކި ވަޞީލަތްތައް ވެސް ކަޅައިދޫގައި ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މި މަރުކަޒުގައި ހިންގާ ޕްރޮގްރާމުތައް ފުރިހަމަކުރާ ފަރާތްތަކަށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުޞަތާއި އަމިއްލަ މަސައްކަތެއް ފަށައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންނެވި ދަޢުލަތުގެ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ކަޅައިދޫގައި މަޝްވަރާކުރައްވަމުން އެ މަނިކުފާނު ވަނީ، މި ސެންޓަރުގައި ޒުވާނުންނަށް ފޯރުކޮށްދެވޭ ތަރުބިއްޔަތާއި ދަސްކޮށްދެވޭ ހުނަރުތަކަކީ އެމީހަކަށް އަމިއްލަ މަސައްކަތެއްކޮށްގެން އާމްދަނީ ހޯދައި، ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި އެހީތެރިވެދެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމްތަކަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ހަމައެހެންމެ، މުޖަތަމަޢުގެ ހުރިހާ ފަރުދުންނަކީ، ވަކިން ޚާއްޞަކޮށް ޒުވާނުންނަކީ، މުޖުތަމަޢަށް ފައިދާކުރުވަނިވި ބައެއްގެ ގޮތުގައި ބިނާކުރުމުގައި އެހީތެރިވެދިނުމަކީ މިފަދަ މަޒުކަޒެއް ބިނާކުރުމުގެ އެންމެ މުހިންމު ބޭނުންކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަޅައިދުއަށް ކުރެއްވި މި ޒިޔާރަތުގައި އެ މަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޟް އިސްމާޢީލާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އަޙްމަދު ސަމީރުގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، ނޭޝަނަލް ޑްރަގް އެޖެންސީއާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.