ޚަބަރު

ފަރެސްމާތޮޑާ އެއަރޕޯޓާއިއެކު ރައްޔިތުންގެ މިސްރާބު ރަށު ފަތުރުވެރިކަމަށް


ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުގެ ދަތުރަކުން އެއަރޕޯޓަށް ދަތުރުކުރެވޭ ސަރަޙައްދުގައި އެއަރޕޯޓް އެޅުމަކީ މިސަރުކާރުގެ ތަޞައްވުރެވެ. ފޮނަދޫ އާއި މާވާރުލާއި ހޯރަފުށީ އެއަރޕޯޓްގެ ޚިދުމަތް ފަށާފައިވާއިރު، މިވަގުތުވެސް މަސައްކަތް ކުރިއަށްދާ އެއަރޕޯޓްތައް އެބަހުއްޓެވެ.

ގދ.ފަރެސްމާތޮޑާގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެއަރޕޯޓް މަޝްރޫއަކީ އެރަށާއި، އެސަރަޙައްދުގެ ރައްޔިތުންގެ އުންމީދުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢުއެކެވެ. ފަރެސްމާތޮޑާ އާއި އެއްފަޅެއްގައި އޮތް ކުޑަ 5 ފަޅުރަށަކާއި އެއްކޮށްލައި ބިން ހިއްކައިގެން ކުރިއަށްގެންގާ މަޝްރުޢޫގެ މަސައްކަތް ފަށާފައި ވަނީ 2018ވަނަ އަހަރުއެވެ.

އެއަރޕޯޓް ތަރައްޤީކުރުމަށް 19.8 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. ބިން ހިއްކުމުގެ މަސައްކަތް ނިންމައި، ހިއްކި ސަރަޙައްދުގެ ވެލިގަނޑު ހިފެހެއްޓުމަށް 888 މީޓަރުގެ ސަރަޙައްދެއް ވަނީ ބޮޑު ހިލަ ޖަހައިގެން ޙިމާޔަތްކޮށްފައެވެ. ބިން ހިއްކުމާއި، ރިވެޓްމަންޓްޖެހުމުގެ މަސައްކަތް މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށް ވަނީ ނިންމާފައެވެ.

އެ ސަރަޙައްދުގެ ރައްޔިތުންގެ މިވަގުތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބިން ހިއްކުމުގެ މަސައްކަތް ނިމި ދިގު މުއްދަތެއްވެފައި ވީނަމަވެސް، އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވުމުގެ ކަންބޮޑުވުމެވެ.

ޕީއެސްއެމް އާއި ވާހަކަފުޅު ދައްކަވަމުން ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ނަސްރުﷲ މުޙައްމަދު ވިދާޅުވީ، މާލެއާއި އެރަށާއި ދެމެދު ދަތުރުކުރުމުގައި ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިވަމުންދާކަމަށެވެ. ކަނޑުގަދަ ދުވަސްވަރު ގަދަ ކަނޑުގައި ދިގު ދަތުރެއްކޮށް އެއަރޕޯޓަށްދާން ޖެހުމާއި، އަދި މާލީ ގޮތުން ބެލިއަސް ރައްޔިތުންގެ އަތުން ބޮޑު ޚަރަދެއް ހިނގާކަމަށް ނަސްރުﷲ ވިދާޅުވިއެވެ. ގދ.ފަރެސްމާތޮޑާ އާއި އެ ސަރަޙައްދުގެ ރަށްތަކުގެ ރައްޔިތުން ވައިގެ މަގުން ދަތުރުކުރުމަށް ދާންޖެހެނީ ގދ.ކާޑެއްދު އާއި، ދާދިފަހުން ހުޅުވި ގދ.މާވަރުލު އެއާޕޯޓަށެވެ.

"ރައްޔިތުންގެ އުއްމީދަކީ އެއަރޕޯޓްގެ މަސައްކަތް އަވަހަށް ނިމި ޚިދަމަތް ފެށުން. މިހާރު ދަނީ ކާޑެއްދުއާއި މާވަރުލަށް. ގަޑިއެއްހާއިރު އެބަ ހޭދަވޭ ލޯންޗުގައި. ކުރާ ކޮންމެ ދަތުރަކަށް 2000، 2500ރުފިޔާ ހޭދަވޭ." ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މަސައްކަތް ނުފެށި ދިގު މުއްދަތެއް ވެފައިވާ ފަރެސްމާތޮޑާ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް މިމަހު މިވަނީ ކޮންޓްރެކްޓަރާއި ހަވާލުކޮށްފައެވެ. މިއާއި އެކު މި ޚިދުމަތަށް ރައްޔިތުން ކުރާ އުއްމީދު މިވަނީ އާވެފައެވެ. އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއި އެވެ.

ކައުންސިލްގެ ރައީސް ނަސްރުﷲ ވިދާޅުވީ، އެއަރޕޯޓާއިއެކު އިތުރު ވަޒީފާތައް އުފެދި، ރަށަށް އިޤުތިޞާދީ އިތުރު ކުރިއެރުންތައް އަންނާނެކަމަށް ޤަބޫލުކުރާކަމަށެވެ.

"މިހާރު ގެސްޓް ހައުސްތައް ވަރަށް މަދު. މަސްވެރި ރަށެއް މީއީ، ނަމަވެސް މަސްވެރިކަން މަޑުމަޑުން ދަށަށްދަމުން ދަނީ. އެއްކަމަކަށް ބަރޯސާވުމަށްވުރެ ޓުއަރިޒަމާއި އެއްކޮށް ކުރިއަށް ގެންދެވޭނަމަ އިތުރު ކުރިއެރުން ރަށަށް ލިބޭނެ. އެއަރޕޯޓް އެޅުމަށް ތައްޔާތުވަމުންދާތީ، އާ ގެސްޓްހައުސްތަކެއްގެ މަސައްކަތްވެސް ރައްޔިތުން މިހާރުވަނީ ފަށާފައި." ނަސްރުﷲ ވިދާޅުވިއެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ހަދާ ފަރެސްމާތޮޑާ އެއަރޕޯޓްގައި، 1200 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރާނެއެވެ. ރަންވޭގެ އިތުރަށް ޓާރމިނަލް އާއި އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށްވެސް އެމްޓީސީސީ އާއި ވަނީ ހަވާލުކޮށްފައެވެ. ފަރެސްމާތޮޑާ އެއަރޕޯޓް ތަރައްޤީ ކުރަނީ ކޯޒްވޭއަކުން އެރަށާއި ގުޅާލާގޮތަށެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށް، 1 އަހަރާއި 8 މަސް ދުވަހުން މަސައްކަތް ނިންމުމަށެވެ.

ގދ.ފަރެސްމާތޮޑާއަކީ އާބާދީގައި 1800އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ރަށެކެވެ.