ތަރައްްޤީ

ހުޅުމާލެ 2ވަނަ ފޭސް، މުވާސަލަތީ އެއް ވިއުގައަކުން ގުޅާލަނީ


ހުޅުމާލޭގެ "ސްމާޓް ސިޓީ" މަޝްރޫއުގެ ދަށުން ކުރިޔަށް ގެންދާ އޯޕަން އެކްސެސް ނެޓްވޯކްގެ ތެރެއިން އިންޓަރނެޓް މެދުވެރިކޮށް ޚިދުމަތްދޭ ފާރާތްތަކަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވެއްޖެއެވެ.

އޯޕަން އެކްސެސް ނޭޓްވޯކްގެ ދަށުން ފޭސް 2 ގައި ޕަބްލިކް ސަރވިސް މީޑީއާ، ޕީ.އެސް.އެމްގެ ޚިދުމަތްތައް ދިނުމާގުޅޭ އެއްބަސްވުމެއްގައި އެޗްޑީސީއާއި ފަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް)އިން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޢަލީ ޚާލިދެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަަރ ސުޙައިލް އަޙްމަދެވެ.

އޯޕަން އެކްސެސް ނެޓްވޯކަކީ އިންޓަރނެޓް މެދުވެރިކޮށް ލިބެންޖެހޭ ހުރިހައި ޚިދުމަތްތަކެއް ޢާއްމު ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތެއް ހެދުމަށްޓަކައި ހުޅުމާލެ ފޭސް 2ގައި ޤާއިމްކުރާ ނެޓްވޯކެވެ. އެޗްޑީސީން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ ޚިދުމަތްތައް ހުޅުމާލެ ދެވަނަ ފިޔަވައްސަށް ދިނުމުގެ ފުރުޞަތު ލިބިގެންދާނެކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް އަޙްމަދު ވިދާޅުވީ، މި ނެޓްވޯކްގެ އަމާޒަކީ ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ފޯރުކޮށްދިނުމާއެކު ޕީއެސްއެމްއެކޭ އެއްފަދައިން އެހެނިހެން ފަރާތްތަކަށްވެސް މިކަމުގެ ސަބަބުން ފައިދާތައް ލިބިގެންދިޔުންކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިނެޓްވޯކްގެ ތެރެއިން އިތުރު ޚިދުމަތްތަކެއް ފޯރުކޮށް ދިނުމުގެ ފުރުޞަތުވެސް ލިބިގެންދާނެކަން ސުހައިލް ފާހަގަކުރެއްވިއެވެ.

"މި ނެޓްވޯކް ބޭނުންކޮށްގެން އިތުރު ޚިދުމަތްތަކެއް ދޭނެކަމަށް އުއްމީދުކުރަން. މި ނެޓްވޯކްގެ މަސައްކަތް ހުޅުމާލެ ފޭސް 1 އަށްވެސް ފުޅާކުރެވޭނެ." އެޗްޑިސީގެ މެނޭޖިން ޑިރެކްޓަރ ސުޙައިލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވީ މިފަދަ ނެޓްވޯރކެއް ޤާއިމްކުރުމަކީ މިވަގުތު ގްރޭޓަރ މާލެ ސަރަޙައްދުގައި ހުރި ގޮންޖެހުންތަކަށް ލުޔުއެއް ލިބިގެންދާނެކަމަށެވެ. އަލީ ޚާލިދު ވިދާޅުވީ މިފަދަ ނެޓްވޯކެއް ނެތުމުގެ ސަބަބުން ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހުރަހަކަށް ވާކަމަށާއި މިފަދަ ނެޓްވޯކެއް ނެތުމުގެ ސަބަބުން ބްރޯޑްކާސްޓްކުރާ ޢާއްމު ޗެނަލްތައް ކުރިއަރައި ދިޔުމަށްވެސް ދަތިތަކާ ކުރިމަތިލާންޖެހޭކަމަށެވެ.

"މިފަދަ ނެޓްވޯކެއްގެ ސަބަބުން މިހެން ހުންނަށް ހުރަސްތައް ކަނޑައްތުކުރުމަށް ފަސޭހަވެގެންދާނެ. ޕީއެސްއެމްގެ ޚިދުމަތްތަކުގެ އިތުރަށް އެހެން ޚިދުމަތްތައްވެސް އަންނާނެކަމަށް އުއްމީދުކުރަން" ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވިއެވެ.

އެޗްޑީސީއާއި ޕީއެސްއެމްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ސަބަބުން ޕީއެސްއެމްގެ ޚިދުމަތްތައް "ހިޔާ" މަޝްރޫގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 7000 ފްލެޓަށް ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ.

އޯޕަން އެކްސެސް ނެޓްވޯކަކީ ހުޅުމާލޭގެ "ސްމާޓް ސިޓީ" މަޝްރޫއުގެ މައިގަނޑު ބިންގާކަމަށް އެޗް.ޑީ.ސީން ވިދާޅުވެއެވެ. އެގޮތުން "އޯޕަން އެކްސެސް ނެޓްވޯކް"ގެ ބިޒްނަސް މޮޑެލްގައި މުޅި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ ޢިމާރާތްތައް އެއް ވިއުގައަކުން ގުޅާލުމަށްޓަކައި މައިގަނޑު އެއް އިންފްރާސްޓްރަކްޗަރުގައި ޤާއިމްކުރެވިގެންދާނެކަމަށް އެކޯޕަރޭޝަނުން ވިދާޅުވެއެވެ.

މީގެ އިތުރުން މި ނެޓްވޯކްގެ ސަބަބުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމަށް ކަށަވަރު ކުރުމަށްޓަކައި ޒަމާނީ ވަޞީލަތްތައް ބޭނުންކުރުމާއި، އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުގެ އިތުރަށް އޮންލައިންކޮށް ތަޢުލީމް ހާސިލްކުރުން ފަދަ ކަންކަން ފުޅާދާއިރާއެއްގައި ތަނަވެސްވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެފައިވެއެވެ.