ޚަބަރު

"ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު"


  • ފުލުހުން މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ޚިދުމަތްދެމުންދާތާ 22 އަހަރު

  • ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއްކަމަށް ވިދާޅުވި

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި މެސެޖުގައި ވަނީ ފުލުހުންގެ މުއައްސަސާގެ އެހާރާއި މިހާރުގެ ޚިދުމަތްތެރީންނަށް ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ފުލުހުންގެ ޚިދުމަތް ހަރުދަނާވުމަކީ، ދިވެހި ކޮންމެ ރައްޔިތުންނަށާއި، ކޮންމެ ބިދޭސީއަކަށާއި، އަދި ދުނިޔޭގެ ކުރިމަތީގައިވެސް މި ޤައުމުގެ އިތުބާރާއި ޤަދަރު ހިފެހެއްޓުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ޢަޒުމާއި މި ރޫޙުގައި މި އަމާޒު ޙާޞިލްވާކަން ކަށަވަރުކޮށްދިނުންމަތީ އަބަދުމެ ހިންމަތާއި އިޚްލާޞްތެރިކަމާއެކު ދެމިތިބުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި ފުލުހުންގެ ޚިދުމަތް އެންމެ ފުރަތަމަ ފެށިގެން އައީ 1933 ވަނަ އަހަރުއެވެ. އޭރުން ފެށިގެން ސިފައިންނާއި ފުލުހުންގެ ޚިދުމަތް އެއް ޚިދުމަތެއްގެ ގޮތުގައި ބައްޓަންވެގެން އައިސް، ވަކި މަދަނީ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ޤާއިމްވެގެން ދިޔައީ 2004 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެ ބަދަލާއެކު ފުލުހުންގެ ޚިދުމަތް ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރެވުނެވެ.

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރަނީ މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ މުއައްސަސާ އުފެދުނު ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުއެވެ. މި ޚިދުމަތަށް ޚާއްސަކޮށްގެން ފުރަތަމަ ޤާނޫނެއް އެކުލަވާލެވި ޢަމަލުކުރަން ފެށުނީ 2008 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން 2020 ވަނަ އަހަރު އެކުލަވާލެވުނު އައު ޤާނޫނުގެ ދަށުން ޒަމާނީ ކޮމިއުނިޓީ ޕޮލިސިންގގެ ފަލްސަފާއަށް ޚިދުމަތް ވަނީ ބައްޓަންކުރެވިފައެވެ.

ފާއިތުވި 22 އަހަރުގެ ތެރޭގައި ޒަމާނާ އެއްގޮތަށް ފުލުހުންގެ ޚިދުމަތް ފުޅާކުރަމުން އަންނައިރު، ސަރުކާރުން މިހާރު ނިންމަވާފައިވަނީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމަށެވެ. އަދި މި މަޝްރޫޢުތައް އަންނަ އަހަރުގެ ޖޫންގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.