ޚަބަރު

ގުޅިފަޅުގައި 4000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް މިއަހަރު ފަށަނީ


  • މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގައި ގެންދާ މަޝްރޫޢުއެއް

  • އިތުރު 5000 ޔުނިޓްގެ މަޝްރޫޢުއެއް ފަށަން ދަނީ ތައްޔާރުވަމުން

ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް މިއަހަރު ފެށުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވީ މި މަޝްރުޢޫއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢުއެއްކަމަށެވެ. މި މަޝްރޫޢުއަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް އެގްޒިމް ބޭންކާއެކު ދަނީ ކުރިއަށްގެންދަމުންނެވެ. ނާޒިމް ވިދާޅުވީ މަސައްކަތް ޢަމަލީގޮތުން މިއަހަރު ފެށުމަށްޓަކާ ސަރުކާރުން މަސައްކަތްކުރަމުންދާކަމަށެވެ.

މާލެ ސަރަޙައްދުގައި މިވަގުތު ބީއެމްއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުގައި 3460 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަނީ ކުރިއަށްގެންދަމުންނެވެ. ނާޒިމް ވިދާޅުވީ ސައިޓުގައި ޢަމަލީ މަސައްކަތްތަކަށް ދިއުމުގެ ކުރިން، އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުންނަކަމަށެވެ. މިއީ ޢަމަލީގޮތުން ސައިޓުގައި މަސައްކަތް ކުރިއަށްދާތަން ފެންނަލެއް ލަސްވާ އެއް ސަބަބުކަމަށެވެ. ނަމަވެސް މި މަރުޚަލާތައް ފުރިހަމަކޮށް ނިމި، މިހާރު ހުޅުމާލެ ފޭސް 1ގައި އަޅާ ފްލެޓްތަކުގެ ޓަވަރުތަކުގެ ޢަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. އަދި ފޭސް 2ގައި އަޅާ ފްލެޓްތަކުގެ ފައިނަލް ޑިޒައިންތައް އެޕްރޫވްކޮށް ނިމި، ޢަމަލީ މަސައްކަތް ފެށުމުގެ މަރުޚަލާގައިވާކަމަށް ވިދާޅުވިއެވެ.

"މަސައްކަތް ދާތަން ނުފެނެއޭ ބައެއް މީހުން ބުނޭ. އެކަމަކު އިދާރީ ވަރަށް ބޮޑު ޕްރޮސެސްއެއް އެބަ އޭގެ ކުރިން ކުރިއަށްދޭ. ޑިޒައިން އެޕްރޫވްކުރުން، ސައިޓް ހޭންޑްއޯވަރ، ޤަނޫނާއި ގަވާއިދުތަކުގެ މަރުޚަލާތައް ފުރިހަމަކުރުން އަދި ހުއްދަތައް ހޯދުމާއި ފަންނީ މަރުޚަލާތައް ހިމެނޭ." ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ ޢަމާޒާއެއްގޮތަށް، މިދަޢުރުގެ ތެރޭގައި މަސައްކަތްތައް ނިންމާ، ޙައްގުވެރިންނާ ހަވާލުކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށެވެ.

"އަމާޒަކީ 2028ގެ އޮގަސްޓަށް ޔުނިޓްތައް ނިންމާ ރައްޔިތުންނާ ހަވާލުކުރުން. އަދިވެސް އެކަން ހާސިލްވާނެކަމާމެދު ޝައްކެއް ނުކުރަން." ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން އިތުރު 5000 ހައުސިން ޔުނިޓް މާލެ ސަރަޙައްދުގައި ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ޕްލޭން ކުރެވި، އޭގެ މަސައްކަތްތައްވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ދަނީ ކުރިއަށްގެންދަމުންނެވެ.މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ފެށުމަށް ތައްޔާރުވަމުންދާ މަސައްކަތްތަކާއެކު 13،000 ހައުސިން ޔުނިޓްގެ މަސައްކަތް މާލެ ސަރަޙައްދަށް ޢަމާޒުކުރެވިގެން ދަނީ ކުރިއަށެވެ.

މާލެ ސަރަޙައްދަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަޙައްދެވެ. މާލެ ސަރަޙައްދަށް އަމާޒުކޮށް މިހާރު ހުޅުވާލާފައިވާ ފްލެޓާއި ގޯތި ދޫކުރުމުގެ މަޝްރޫޢުއަށް 50،000އަށްވުރެ ގިނަ މީހުން ހުށައަޅާފައިވެއެވެ.