ޚަބަރު

ފެނާއި ނަރުދަމާ، އަންނަ އަހަރު ހުރިހާ ރަށެއްގައި އަމަލީ މަސައްްކަތް ފެށޭނެ


މި ސަރުކާރުގެވެރިކަމުގެ ފުރތަމަ ދެ އަހަރު ނިމުނީއެވެ. މި ދެ އަހަރު ސަރުކާރުން ނިންމާލާފައި މިވަނީ ކާމިޔާބު ދެ އަހަރުގެ ގޮތުގައެވެ. ވެރިކަމުގެ ފުރަތަމަ އަހަރު ރައްޔިތުންންގެ އުއްމީދުތަކާއި ގުޅުން ހުރި މަސައްކަތްތައް ފެށިއެވެ. ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ނިޒާމުތައް ތަރުތީބުކޮށް ހަމަ މަގަށް އެޅުވިއެވެ. ސަރުކާރުގެ ދެވަނަ އަހަރުވެސް ފެށީ ގިނަ މަޝްރޫއުތަކާއި ޕްލޭންތަކާއިއެކުއެވެ. އެހެންނަމަވެސް ބޮޑެއް ކުޑައެއް ބެލުމެތްނެތި މުޅި ދުނިޔެ ބަލިކޮށްލި ކޯވިޑްގެ ބަލިމަޑުކަމާއި ރާއްޖެވެސް ކުރިމަތިލާން ޖެހުނެވެ.

އިޤްތިޞާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ލޮޅުން އެރި ނަމަވެސް ސަރުކާރުން މި ދެ އަހަރު ކާމިޔާބު ކަމާއި އެކު ނިންމާލީ ތަރައްޤީގެ މަޝްރޫއުތަކާއި ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދެމުންނެވެ. މަރާމާރީއާއި ކުށް މަދުކުރިއެވެ. ކުޑަކުދިންނަށް އަމާންވެއްޓެއް ޤާއިމުކުރުމަށް ޤާނޫނާއެކު މަސައްކަތްވަނީ ފަށާފައެވެ. ހަޤީގީ ލާމަރުކަޒީ ނިޒާމުގެ ފޮނި މީރުކަން ރައްޔިތުންނަށް ހޯދާދީ ކައުންސިލްތައް ބާރުވެރިކުރުވިއެވެ.

މި ހުރިހާ ކަމެއްގެ ތެރެއިންވެސް ސަރުކާރުގެ އެންމެ ބޮޑު މަސައްކަތަކަށްވީ ސަރުކާރުގެ އެއްމެ މުހިއްމު ސިޔާސަތު ކަމަށްވާ ޖަޒީރާ ދިރިއުޅުން މި ސިޔާސަތުގެ ދަށުން ރަށުގައި ތިބެގެން ހުރިހާ އިންތިޒާމުތަކެއް ލިބޭނޭ މަޝްރޫއުތައް މުޅި ރާއްޖެއަށް ފަތުރާލުމެވެ. ސިއްޙީ ނިޒާމު މުޅި ރާއްޖެއަށް ފަތުރާލާ ރަށުން ސާފު ބޯފެނާއި ފުރިހަމަ ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުމުގެ މަޝްރޫއުތައް މުޅި ރާއްޖޭގައި ހިންގަން ފެށިއެވެ.

2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ޤާއިމުކޮށް ނިންމާ އެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އުއްމީދުގައި ތިބި ރައްޔިތުންގެ ހިތައް އަނެއްކާވެސް މިވަނީ ހަމަޖެހުން ލިބިގެންގޮސްފައެވެ. ފެނާއި ނަރުދާމާގެ މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގެ އެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެކަމުގެ ފެހި ސިގްނަލް ސަރުކާރުން މިވަނީ ދެއްވާފައެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ބަޖެޓު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އަޙުމަދު ހަމްދާން ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖޭގެ 30 އިންސައްތަ ރަށުގައިކަމަށެވެ.

ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙުގެ ވަޢުދުފުޅާއި އެއްގޮތަށް، އެމަސައްކަތް 2021ވަނަ އަހަރު ފެށުމުގެ ތައްޔާރީތައް ވަމުންދާކަމަށް ހަމްދާން ވިދާޅުވިއެވެ. ފެނާއި ނަރުދަމާގެ މަޝްރޫއުތަކުން މިހާރު ބީލަމަށް ހުޅުވާނުލާ އެއްވެސް މަޝްރޫއެއް ނޯންނާނެކަން ފާހަގަކުރައްވަމުން ހަމްދާން ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގެ މަސައްކަތް ހަވާލުކޮށް ކުންފުނިތަކާއި އެކު މިއަހަރު ނިމުމުގެ ކުރިން ސޮއިކޮށް އަންނަ އަހަރު އަމަލީ މަސައްކަތްތައް ފެށުންކަމަށެވެ.

2021ވަނަ އަހަރަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓުގައި ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް 631މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއަހަރުގެ މިހާތަނަށްވެސް ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންޓްރެކްޓަރުންނާވަނީ ހަވާލުކޮށްފައެވެ. ހަމްދާން ވިދާޅުވީ 53ރަށުގެ ފެނުގެ ނިޒާމު އަދި، 40ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.

"މިހާރު ކޮންޓްރެކްޓް ނުކުރެވި އޮތީ 77 ރަށުގެ މަސައްކަތް. ޢަމާޒަކީ އަހަރު ނިމުމުގެ ކުރިން މި ރަށްތަކުގެ ކޮންޓްރެކްޓުގައި ސޮއިކުރެވޭ ވަރަށް މަސައްކަތް ގެންދިއުން. މިހާރު އާދެވިފައިވާ ހިސާބަށް ބަލާއިރު އެއްވެސް ރަށެއް ނޯންނާނެ ބީލަމަށް ހުޅުވާނުލާ. މި 77ރަށުގެ މަސައްކަތްވެސްވަނީ ބީލަމަށް ހުޅުވާލާފައި." ހަމްދާން ވިދާޅުވިއެވެ..

އެން،މެ ފަހުން ބަޖެޓް ހަމަޖެހުނު 34 ރަށުގެ މަސައްކަތްވެސް މިހާރު އޮތީ ބީލަމުގެ މަރުހަލާގައެވެ. އަހަރު ނިމުމުގެ ކުރިން ޢަމަލީ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށްދަނީ ތައްޔާރުވަމުންނެވެ.

މުޅި ދުނިޔެ ކޯވިޑާއި ކުރިމަތިލި މިއަހަރުވެސް ސަރުކާރުންވަނީ އިޤްތިޞާދީ ގޮތުންވެސް ކާމިޔާބުތަކެއް ހޯދާފައެވެ. ގެއްލުންވި އެތައް ވިޔަފާރިތަކެއް ކޮޅަށް ޖަހާދީ ކުދި ވިޔަފާރިތައްވެސް ވަނީ އުފުލާލަދީފައެވެ. ތަރައްޤީގެ މަޝްރޫއުތަކާއި އެކުވެސް ދިވެހި ކުންފުނިތައް ބާރުވެރިކުރުވުމަކީ ސަރުކާރުގެ އަމާޒެވެ.

ހަމްދާން ވިދާޅުވީ އިޖުތިމާއީ ގޮތުން ކުރިއަށްގެންދާ މިމަސައްކަތުގައި، ދިވެހި ކުންފުނިތަކަށް އިޤްތިޞާދީ މަންފާ ލިބޭގޮތަށް މަޝްރޫޢުގެ މަސައްކަތްތައް ބައްޓަންކުރައްވަމުން އަންނަކަމަށެވެ. އެގޮތުން މި އަމާޒަށް މަޝްރޫއުތައް ރާވަމުން އަންނަކަން ހަމްދާން ފާހަގަކުރެއްވިއެވެ.

"ޓަރގެޓަކީ އިޤްތިޞާދު އާލާކުރާއިރު ދިވެހި ކުންފުނިތަކަށް ޕްރޮޖެކްޓްތައް އެވޯޑްކުރެވި ކުރިއަށްގެންދިއުމުގެ މޮޑެލެއް ގެންދިއުން. މި ކުންފުނިތަކަށް މަސައްކަތް ކުރިއަށްގެންދެވޭނެ ފައިނޭސް ހަމަޖެއްސުމާއި ގުޅޭ މަޝްވަރާތައް ސަރުކާރުންދަނީ ބޭންކްތަކާއިއެކު ކުރިއަށްގެންދަމުން." ހަމްދާން ވިދާޅުވިއެވެ.

އަޙުމަދު ހަމްދާން ވިދާޅުވީ ފެނާއި ނަރުދަމާގެ ގިނަ މަސައްކަތްތަކަކަށް ކޯވިޑާއި ގުޅިގެން މަޑުޖެހުމެއް އައި ނަމަވެސް އަލުން މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމަށެވެ. ވޭތުވެ ދިޔަ ދެތިން ހަފްތާގެ ތެރޭގައި 40އަށްވުރެ ގިނަ ރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކޮންޓްރެކްޓަރުންނާއިވަނީ ހަވާލުކޮށްފައެވެ.

ސަރުކާރުގެ ފުރަތަމަ ދެ އަހަރުގައި މިވަނީ 382 ވުރެ ގިނަ މަޝްރޫއު ފަށާފައެވެ. މިއީ ސަރުކާރެއްގެ ފުރަތަމަ ދެ އަހަރު އެންމެ ގިނަ މަޝްރޫއުތައް ހިންގި ފުރަތަމަ ފަހަރުއެވެ. މީގެތެރޭގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫއުތައް ހިމެނެއެވެ.