ދުނިޔޭގެ ވިޔަފާރި

އެމެރިކާގައި ޓިކްޓޮކް މަނާކުރުން އަނެއްކާވެސް ފަސްކޮށްފި

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުން މިމަހުގެ 27ގެ ނިޔަލަށް ފަސްކުރުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އެމެރިކާގެ ސަރުކާރުން މިފަދައިން ނިންމާފައި މިވަނީ އެމެރިކާގެ ކުންފުންޏަކަށް ޓިކްޓޮކްގެ ހިއްސާތައް ނުވިއްކާ އެ ޤައުމުގައި ޓިކްޓޮކް ބޭނުންކުރެވޭނީ މިމަހުގެ 12 ވަނަ ދުވަހަށްކަމަށް ނިންމާފައިވަނިކޮށް އެ މުހުލަތުވެސް ފަހަނައަޅާ ދިއުމަށް ފަހުއެވެ.

އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމެންޓުން ނެރުނު ބަޔާނެއްގައި ވަނީ ޓިކްޓޮކް މައްސަލަ ކޮޅެއްގައި ޖެއްސުމަށް އިތުރު 15 ދުވަހުގެ މުޙުލަތެއް އެ ޤައުމުގެ ކޮމިޓީ އޮން ފޮރިން އިންވެސްޓްމެންޓް އިން ޔުނައިޓެޑް ސްޓޭޓްސްއިން ދޭން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ ސަރުކާރާއި ޓިކްޓޮކްއާއި ދެމެދު އުފެދިފައިވާ މައްސަލައިގެ ސަބަބުން ސަރުކާރުން ނިންމާފައި އޮތް ނިންމުން، މަޑުޖައްސާލަން އެމެރިކާގެ ކޮލަމްބިއާ ޑިސްޓްރިކްޓް ކޯޓަށް ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓް ޑާންސްއިން ވަނީ މައްސަލައެއްވެސް ހުށަހަޅާފައެވެ.

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރުން މަނާކުރުމަށް އެމެރިކާ ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން މިކަމުގައި ސުލްހަވެރި ހައްލަކަށް އާދެވޭތޯ ދެ ފަރާތުންވެސް މަސައްކަތްކުރިއެވެ. އެގޮތުން ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަން އެމެރިކާގެ ކުންފުންޏަކަށް ބަދަލުކުރުމަށް އެމެރިކާގެ އޮރެކަލް ކުންފުންޏާއެކު އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެމަސައްކަތް ކޮޅެއްގައި ޖެއްސުމަށް އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ވަނީ ޓިކްޓޮކްއަށް އިތުރު މުހުލަތެއް ދީފައެވެ.

އެހެންނަމަވެސް، މި މައްސަލަ އަނެއްކާވެސް ހޫނުވެގެން ދިޔައީ ޓިކްޓޮކްގެ މެޖޯރިޓީ ހިއްސާ ނުވަތަ ފުރިހަމަ ކޮންޓްރޯލް އެމެރިކާގެ ކުންފުނިތަކަކަށް ނުދީ އެ ޤައުމުގައި ޓިކްޓޮކް ބޭނުން ނުކުރެވޭނެކަމަށް އެމެރިކާގެ ރައީސް ޑޮލަޑް ޓްރަމްޕް ވިދާޅުވުމާއި ގުޅިގެންނެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެމެރިކާގެ ހުށަހެޅުންތައް ޤަބޫލުކޮށްގެން ނޫނީ މި އެއްބަސްވުން ޤާއިމު ނުކުރެވޭނެކަމަށްވެސް ވިދާޅުވެފައެވެ.

އެމެރިކާގައި ހުރި ޑިޕްލޮމެޓިކް އެހެން މައްސަލަތައް ފަދައިން މި މައްސަލައިގައިވެސް ޖޯބައިޑެން ވެރިކަމާއި ހަވާލުވެވަޑައިގަތުމުން ބަސްމަގު ބަދަލުވުން އެކަށީގެންވާކަމަށް ތަޖުރިބާކާރުން ބުނެއެވެ. މި މައްސަލާގައި އެމެރިކާގެ ސަރުކާރުން ބަސް ބުނަމުންދާއިރު، ޗައިނާ ސަރުކާރުގެ ރުހުންވެސް އެއްބަސްވުމަށް ލިބިގެން ނޫނީ މި އެއްބަސްވުން ކާމިޔާބެއް ނުވާނެއެވެ. ނަމަވެސް މި އެއްބަސްވުމަށް ޗައިނާއިން ރުހުން ދިނުމަކީ ދުރުކަމެއްކަމަށް ޚަބަރުތައް ބުނެއެވެ.