ކޯޓުން ބޭރުން ދީބާޖާގެ މައްސަލަ ހައްލުކޮށް 348މިލިއަން ރުފިޔާގެ ބަދަލުގައި 174މިލިއަން ރުފިޔާ އެކުންފުންނަށް ދިނުމަށް އެއްބަސްވުމެއް ހަދާފައި ނުވާނެކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި ބުނެފިއެވެ.
ބާންޑާރަ ނާއިބުގެ އޮފީހުން މިގޮތަށް ހާމަކޮށްފައިވަނީ ދަޢުލަތުން ދީބާޖާއާ ދެކޮޅަށް ސްޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި މިއަދު ބޭއްވި ދެވަނަ އަޑު އެހުމުގައެވެ.
މިއަދުގެ އަޑުއެހުމުގައި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުންވަނީ ފުރަތަމަ އަޑުއެހުމުގައި ދަޢުލަތުން ހުށައެޅި މައިގަނޑު ނުކުތާތަކަށް ޖަވާބުދާރީ ވެފައެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއި އެކު ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުން ހެދި އެއްބަސްވުން ކުރީގެ ރައީސް ޑރ.މުޙައްމަދު ވަހީދުގެ ސަރުކާރުން އުވާލައިފައިވާތީ އެކަމުގެ ބަދަލެއްގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ކުރި ޙުކުމް ސުޕްރީމް ކޯޓުގެ ކުރީގެ ބެންޗުން މިދިޔަ އަހަރު ވަނީ ދަމަހައްޓާފައެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދީބާޖާގެ ފާރާތުންވަނީ ޝަރުއީ މަރުހަލާގެ ބޭރުން ދީބާޖާއާއެކު ދައުލަތުގެ އެކި އިދާރާތަކުންނާއި ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ސެޓަލްމަންޓް ކޮމިޓީގެ ބައްދަލުވުންތަކެއްގައި އެއްބަސްވުންތަކެއް ވެވުނުކަމަށް ފާހަގަކޮށްފައެވެ. ނަމަވެސް ދައުލަތުގެ ފަރާތުން ބަންޑާރަ ނާއިބުގެ އޮފީހުގެ ވަކީލުންވަނީ ދިބާޖާއިން ކަންތައްތަކެއް އޮޅުވާލައި ހަޤީގަތާއި ޚިލާފު ވާހަކަތަކެއް މިހާރު ފާހަގަކުރަމުންދާކަމަށް ވިދާޅުވެފައެވެ.
މިއަދުގެ އަޑުހެހުމުގައި މައްސަލަ ބައްލަވާ އައު ބެންޗުންވަނީ ދައުލަތާއިވެސް އަދި ދިބާޖާއާވެސް ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން މިމައްސަލައިގައި 348 މިލިއަން ރުފިޔާގެ ބަދަލު 174 މިލިއަން ރުފިޔާއަށް ކުޑަކޮށް، ދީބާޖާއާ އެކު އެއްބަސްވުމެއް ހަދާފައިވާނެތޯ ފަނޑިޔާރުން ސުވާލުކުރުމުން ދަޢުލަތުންވަނީ އެފަދަ އެއްބަސްވުމެއް ވެފައިނުވާނެކަމަށް ވިދާޅުވެ، ދިބާޖާއިން ހަޤީގަތާއި ޚިލާފު ވާހަކަތަކެއް ހިއްސާކޮށް ކަންތައްތަކެއް އޮޅުވާލަން މަސައްކަތްކުރާކަމަށް ވިދާޅުވެފައެވެ.
ދީބާޖާގެ މައްސަލައަކީ މުރާޢާޖާ ކުރަންޖެހޭ މައްސަލައެއްކަމުގައި ކަނޑައަޅައިދިނުމަށް އެދި ދައުލަތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމްކޯތުގައި މިއަދުވަނީ ނިންމާލާފައެވެ.