ޚަބަރު

ބޯކޮށް ވާރޭ ވެހޭނެކަމަަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފި


ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ މިރޭ އިރުއޮއްސި 19:00އިން 23:00އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާހަމައަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ޔެލޯ އެލާޓް ނެރެފައެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުުރުން އެކަށީގެންވާކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން، އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް އެއިދާރާއިން މައުލޫމާތުދެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާާނެކަމަށާ ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ ޢިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ވިދާޅުވީ މިހާރު ކުރަމުން މިދަނީ ދެ މޫސުން ބެދޭ ވިއްސާރަަމަށާއއި ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރާނެކަމަށް ލަފާކުރެވޭކަމަށެވެ.

ސަދަން ހެމިސްފިއާގައި ތޫފާނެއް އުފެދިފައިވާކަމަށާއި އެހެން ނަމަވެސް އޭގެ ސީދާ އަސަރު ރާއްޖެއަށް ކުރާނެކަމަށް ނުބެލެވޭކަމަށް މޫސުމާބެހޭ ޤަޢުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.