ޚަބަރު

އައިމިނަތު ވަހީދާގެ ޓެކްސީއަށް ގެއްލުންދިން މައްސަލައިގައި 2 މީހުން ހައްޔަރުކޮށްފި


މާލޭގައި ޓެކްސީކުރާ ހަމައެކަނި އަންހެން ޑްރައިވަރު، އައިމިނަތު ވަހީދާގެ ޓެކްސީއަށް ގެއްލުންދިން މައްސަލައިގައި 2 މީހުން ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސުން ވިދާޅުވީ މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުގެރޭ އިއްޒުއްދީން މަގު ތާޢިބާ މިސްކިތް ކައިރީ ޕާކްކްފައޮތް އެ ޓެކްސީގެ ވިންޑް ސްކްރީން ތަޅާލައި ގެއްލުންދީފައިވާ މައްސަލައިގައި މިމަހުގެ 5 ވަނަ ދުވަހު 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މިމައްސަލަ ތަޙްޤީގުކުރުމަށް އޭނާގެ ބަންދުގެ މުއްދަތު ދެފަހަރެއްގެ މަތިން ކޯޓުން ޖަހައިދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން މި މައްސަލައާއި ގުޅިގެން ރޭގެ ވަގުތެއްގައި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި އޭނާގެ ބަންދަށް 5 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މި މައްސަލަ ތަޙްޤީގުކުރަމުން ދާއިރު، މިއީ އައިމިނަތު ވަހީދާ ޓެކްސީކުރަން ފެށިފަހުން އޭނާގެ ޓެކްސީއަށް ގެއްލުންދިން 5 ވަނަ ފަހަރުކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އޭގެ ސަބަބުން އޭނާ އާމްދަނީހޯދަން ކުރާ މަސައްކަތް ހުއްޓި ބޮޑެތި ގެއްލުންތައް ލިބިފައި ވާތީ އެކަމުގެ ދާއިމީ ޙައްލެއް ހޯދުމަށް ފުލުހުންނާއި އާންމު ރައްޔިތުންގެ އެހީތެރިކަމަށް އޭނާ ވަނީ އެދިފައެވެ.

މާލޭގައި ޓެކްސީގެ ޚިދުމަތް ދެމުންއަންނަ އަންހެން ޑްރައިވަރު އައިމިނަތު ވަޙީދާގެ ޓެކްސީއަށް އެކިފަހަރުމަތިން ގެއްލުންދޭ މައްސަލާގައި ކަމާބެހޭ މުއައްސަސާތަކުން ވީހާވެސް އަވަހަކަށް އިންސާފު ޤާއިމްކޮށްދޭން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ވަނީ ވިދާޅުވެފައެވެ.

އާމިނަތު ވަޙީދާގެ ކާރަށް އެކި ފަހަރުމަތިން ގެއްލުންދިން މައްސަލާގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ޢަލީ ޢާޒިމް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި މެމްބަރުން ވަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުންނާއި ކަމާގުޅުންހުރި މުއައްސަސާތަކަށް ގޮވާލައްވާފައެވެ.

އާމިނަތު ވަޙީދާގެ ކާރަށް އެކި ފަހަރުމަތިން ގެއްލުންދިން މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއްވެސް ވަނީ ހުށައަޅާފައެވެ. އަދި މެންބަރުން ވަނީ އައިމިނަތު ވަޙީދާގެ ޓެކްސީއަށް އެކިފަހަރުމަތިން ގެއްލުންދޭ މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުން ވީހާވެސް އަވަހަކަށް އިންސާފު ޤާއިމްކޮށްދޭން ޖެހޭކަމަށް ވިދާޅުވެފައެވެ.

އައިމިނަތު ވަހީދާގެ ޓެކްސީއަށް އެންމެ ފަހުން ދިން ގެއްލުންތައް މަރާމާތު ކުރުމަށް އާންމު ފަރާތްތަކުންނާއި ޔޫތް މިނިސްޓަރ މަޚްލޫފްވެސް ވަނީ އެހީތެރިވެދެއްވާފައެވެ.