ސިއްހަތު

ޞިއްޙީ ދާއިރާ ލާމަރުކަޒުކޮށްގެން ނޫނީ ދިވެހިރާއްޖެ ދާންވާ މިސްރާބަކަށް ނުގެންދެވޭނެ - މިނިސްޓަރ ނަސީމް


ޞިއްޙީ ދާއިރާ ލާމަރުކަޒުކޮށްގެން ނޫނީ ދިވެހިރާއްޖެ ދާންވާ މިސްރާބަކަށް ނުގެންދެވޭނެކަމަށާއި، މި ސަރުކާރުން އެކަން ފުރިހަމަކުރާނެކަމާމެދު އިތުބާރާއި ޔަޤީންކަން އެބައޮތްކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއެއްގައި ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަކީ ކޮބައިކަން ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ޕްލޭންތަކަކާއި މެނިފެސްޓޯއަކާއެކު ކަމަށާއި، ކަންކަން ރާވާ ހިންގާނެ ތަރުތީބަކާއެކުކަމަށެވެ. އެހެންކަމުން ވެރިކަމަށް އައިއިރުވެސް ޞިއްޙީ ދާއިރާގައި ހުރި އުނިކަންކަމާއި، ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކުގެ ޙާލަތު ވަރަށް ރަނގަޅަށް ދެނެގަނެވި، އެކަންކަމަށް ސަރުކާރުން ވަރަށް ތައްޔާރުވެފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ، ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައިވާގޮތުންވެސް ރާއްޖެއަށް އެންމެ އެކަށީގެންވަނީ ޞިއްޙީ ނިޒާމް ލާމަރުކަޒުކުރުންކަމަށާއި، ރައްޔިތުންނާއި ވީހާވެސް ގާތުން މި ޚިދުމަތް ފޯރުކޮށްދެވިގެންނޫނީ ރާއްޖެ ދާންވާ މިސްރާބަކަށް ނުގެންދެވޭނެކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތައް ހެލްތު މިނިސްޓްރީން ހިންގުމަކީ އެމަނިކުފާނާއި ސަރުކާރުންވެސް ޤަބޫލުކުރާކަމެއް ނޫންކަމަށާއި، ހޮސްޕިޓަލްތައް ހިންގުމަށްވުރެ ބޮޑަށް ހެލްތު މިނިސްޓްރީގެ ރޯލަކަށް ނުވަތަ ދައުރަކަށްވާނީ އެތަންތަން ރެގިއުލޭޓްކުރުންކަން މިނިސްޓަރ އަހުމަދު ނަސީމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުވެސް ދެކޭގޮތުގައި ހޮސްޕިޓަލްތައް ހިންގުމަކީ ކޮންމެހެން ހެލްތު މިނިސްޓްރީން ކުރަންޖެހޭނެކަމެއްނޫން. ހެލްތު މިނިސްޓްރީން ކުރަންޖެހޭނެ ކަމަކީ ރެގިއުލޭޓްކުރުން. ކަންތައްތައް ހިނގަނީ ކިހިނެއްތޯ ބެލުން. އަޅުގަނޑު ދެކޭގޮތުގައި އެ ދިމާލަށް ރައީސް ޞާލިޙު މިސްރާބު އެހުރީ ޖައްސަވާފައި. އެހެންވީމަ އެގޮތުން މިހާރު އަޅުގަނޑުމެންގެ ހޮސްޕިޓަލްތަކުގައި ވަރަށް ރަނގަޅު އިކުއިޕްމަންޓްތަކާ އެއްޗެހި ތަޢާރަފުކުރެވި އަދި ބޭނުންވާ ވަރަށް ގިނަ ތަންތަނަށް ޚިދުމަތްތައް އިތުރުކުރެވި ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކުރެވި، އަދި ހެލްތު ސެންޓަރުތަކުގެވެސް ފެންވަރު ރަނގަޅު ކުރެވި، ވަރަށް ބޮޑު ކުރިންއެރުންތަކެއް ލިބިއްޖެކަމަށް އަޅުގަނޑުދެކެނީ" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ޞިއްޙީ ދާއިރާ ލާމަރުކަޒުކުރުމުގައި ސަރުކާރުގެ މައިގަނޑު ވިސްނުންހުރީ ވަކިވަކި ކްލަސްޓަރތަކެއް ގޮތަށް ސްޕެޝަލައިޒްޑް ޚިދުމަތްތައް އެކި ސަރަޙައްދުތަކުން ލިބޭނެހެން ނިޒާމު ފަތުރާލުންކަމަށެވެ. އަދި މިކަން ކުރުމުގައި އެއް ރަށުން އަނެއް ރަށަށް ފަސޭހައިން ދަތުރުކުރެވޭނެހެން ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުވެފައި އޮތުން މުހިއްމުކަމަށާއި، ޕްލޭނިންގ މިނިސްޓްރީއާއި އެމް.ޓީ.ސީ.ސީ ގުޅިގެން އެކަމަށް ބޭނުންވާ ޕްލޭންތައް ހަދައި، ދަތުރުފަތުރުގެ ނިޒާމް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެކަމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މައިގަނޑުގޮތެއްގައި އަމާޒުކުރެވިފައި ހުރީ 5 ޓަރޝަރީ ހޮސްޕިޓަލް ހުރި ދިމާތަކަށް މީހުންނަށް ދަތުރުކުރެވޭނެ އިންތިޒާމްތަކެއް ހަމަޖެއްސުން. އޭރުން ވަރަށް ބޮޑު ލުއިފަސޭހައެއްވާނެ. މިހާރު މިވާގޮތަށް އަމިއްލައަށް ލޯންޗު ފަހަރު ކުއްޔަން ނަގައިގެން ދާކަށް ނުޖެހޭނެ. ހުރިހާ ބޯޓުތައްވެސް ހަމައެކަމަށް ތައްޔާރުވެގެން ރާއްޖޭގެ ކަނޑުތަކަށް ޚާއްސަކޮށްގެން އަންނަކަހަލަ ގޮތަކަށް ރޭވިފައިހުރިކަމަށް އަޅުގަނޑަށް މަޢުލޫމާތުލިބިފައިވަނީ. އެހެންވީމަ އޭގެ ސަބަބުން ސިއްހީ ދާއިރާއަށް ވަރަށް ބޮޑު ފައިދާތަކާއި މަންފާއެއް ކުރާނެ. އެނޫން އެހެންގޮތަކަށް ރާއްޖެ ގުޅުވޭކަށްނެތް" މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކަށްވާނީ ޞިއްޙީ ދާއިރާ ލާމަޒުކަޒު ކުރުންކަމަށާއި، އެކަން ފުރިހަމަކުރުމަށް ސަރުކާރުގެ އިދާރާތަކާއި، ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެކަމާމެދު ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ ޞިއްޙީ ނިޒާމެއް މި ސަރުކާރުން ރާއްޖޭގައި ޤާއިމުކުރާނެކަމާމެދުވެސް ފުރިހަމަ އިތުބާރު އެބައޮތްކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.