ނ. ފޮއްދޫގައި އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.
އެކަމަށްޓަކާ އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފޮއްދޫގެ އައު އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢަބްދުއްﷲ ޝަފީގްއެވެ.
ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުރި އިންޖީނުގެތައް އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، 48 ރަށެއްގައި އިންޖީނުގޭގެ މަސައްކަތް ފަށާފައިވާ ކަމަށާއި މީގެތެރެއިން 15 އިންޖީނުގޭގެ މަސައްކަތް މިހާރު ނިމިފައިވާކަމަށްވެސް ސައީދުވަނީ ވިދާޅުވެފައެވެ. އަދި އިންޖީނުގެތައް މީހުން ދިރިނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމަށް ނިންމީ އިންޖީނުން އަރާ ދުމުން އާއްމުންނަށް ލިބޭ ސިއްޙީ ގެއްލުންތަކާއި، އިންޖީނުގޭގެ އަޑު ގަދަވުމުގެ ސަބަބުން އާއްމުންނަށް އުނދަގޫވަމުންދާތީ ކަމަށް ސައީދު ވިދާޅުވިއެވެ.
ފެނަކައިން ރާއްޖޭގެ ރަށްރަށުގައި މިހާރު އިމާރާތްކުރާ އިންޖީނުގެތަކަކީ ކުރިން އިމާރާތް ކޮށްފައިވާ އިންޖީނުގެތަކާ ވަރަށް ތަފާތު އިންޖީނުގެތަކެއް ކަމަށާއި މި އިންޖީނުގޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް އުނދަގުލެއް ކުރިމަތި ނުވާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވަނީ ވިދާޅުވެފައެވެ.
ހއ. ދިއްދޫގެ އިތުރުން ށ. ފޭދޫގައި އަލަށް ޢިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް ޢިމާރާތުގެ ބިންގާވެސް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރވަނީ އަޅުއްވައި ދެއްވާފައެވެ. ރަށްރަށުގެ ކަރަންޓުގެ ޙާލަތު ރަނގަޅުކުރުމަށް ފެނަކައިން ވަނީ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސަތޭކަ ފަންސާސް ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ.