ޚަބަރު

ކުރިއަށްއޮތް 3 އަހަރުގެ ތެރޭގައި ރައްޔިތުން ހިންހަމަ ޖެހޭވަރަށް އެކި ދާއިރާތަކުން ރާއްޖެއަށް ކުރިއެރުން ގެނެސްދެވޭނެ


ކޯވިޑް-19އަށްފަހު ރާއްޖޭގެ ސިނާއަތްތައް އަލުން ކޮޅަށްޖެހުމަށް މިހާރު ފަށާފައިވާ މަސައްކަތުގެ ދަށުން ކުރިއަށްއޮތް 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ރައްޔިތުން ހިންހަމަޖެހޭވަރުގެ ކުރިއެރުންތައް ޤައުމަށް ގެނެވޭނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ކޯވިޑް-19 ބަހަނާއަކަށް ދައްކައިގެން ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރަންޖެހޭ ކަންކަން ހުއްޓާލައިގެން ސަރުކާރުން ނުތިބޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އަށްފަހު އަލުން އަނބުރާ ރާއްޖެ ކޮޅަށްޖެހުމަށް ރިކަވަރީ އެންޑް ރެޒިލިއަންސްގެ ނަމުގައި ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެގެވުމުގެ މަތިން ކޮމިޓީއެއް އުފައްދަވައި އެކޮމިޓީގެ މަސައްކަތްތައް މިހާރުވެސް ފަށައިގެން ކުރިއަށްދާކަމަށެވެ.

އެމަސައްކަތުގައި ޚާރިޖީ ދާއިރާއިން އައު ލަނޑުދަނޑިތަކެއް ހާސިލުކުރުމުގެ ގޮތުން އެއިޑް، ޓްރޭޑް، ޓޫރިޒަމް އެންޑް އިންވެސްޓްމަންޓްގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ކަނޑައަޅައި، ބޭރު ޤައުމުތަކުގައި ޤާއިމްކޮށްފައިވާ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްސަ އިސްކަމެއްދީގެން އެކި ދާއިރާތަކުން އެހީ ހޯދުމާއި ފަތުރުވެރިކަން އިޝްތިހާރުކުރުމާއި ވިޔަފާރީގެ ގުޅުންބަދަހިކޮށް އިންވެސްޓްމަންޓްތައް ހޯދުމަށް މަސައްކަތް ފަށާފައިވާކަމަށް ވެސް މިނިސްތަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެބަހުރި 16 އެމްބަސީއެއް އެކި ޤައުމުތަކުގައި. އެހެންވީމަ އެއެމްބަސީތަކުން ކުރައްވާ މަސައްކަތްތަކުގެ ތެރޭގައި ޚާއްސަ އިސްކަމެއް ދެއްވައިގެން އަޅުގަނޑުމެންގެ ޚާރިޖީ މަސައްކަތައް ބަދަލުކޮށްލުމަށް ރައީސް އިރުޝާދުދެއްވާތީ އެމަސައްކަތް މިހާރުކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ ކުރިއަށްމިއޮތް 2 އަހަރު 3 އަހަރުގެ ތެރޭގައި ރާއްޖެއަށް، ރާއްޖޭގެ ރައްޔިތުން ހިންހަމަ ޖެހޭ މިންވަރަށް މިދެންނެވި ދާއިރާތަކުން ކުރިއެރުން ގެނެސްދެވޭނެ" މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން ނިންމެވި ހަރުދަނާ ނިންމެވުންތަކުގެ ސަބަބުން އިމްޕޯޓަށް ބަރޯސާވެފައިވާ މި ރާއްޖޭގެ ރައްޔިތުން ބަނޑަށް ނުޖެހޭނެކަން ރައީސް ޞާލިޙް ޔަގީންކޮށްދެއްވާފައިވާކަމަށާއި މިޙާރުވެސް ތަރައްޤީގެ މަޝްރޫޢުތައް މެދުނުކެނޑި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާކަމަށެވެ.

އަދި ސަރުކާރުން ވެފައިވާ ވަޢުދުތަކާއެއްގޮތަށް ބޮޑެތި މަޝްރޫޢުތައް މިއަހަރުގެ ފަހުކޮޅާއި އަންނަ އަހަރުގެ ކުރީކޮޅު ފެށިގެން ހިނގައިގަންނާނެކަމަށްވެސް މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.