ތަރައްްޤީ

ޗާލު މާގަސްތަކާއިއެކު ތަރައްޤީކޮށްފައިވާ ލޮނުޒިޔާރާތް ޕާކު ރަސްމީކޮށް ހުޅުވައިފި


ލޮނުޒިޔާރަތްކޮޅުގައި ތަރައްޤީކޮށްފައިވާ ޕާކު މިއަދު ރަސްމީކޮށްހުޅުވައިފިއެވެ.

އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ލޮނުޒިޔާރާތް ޕާކު ރަސްމީކޮށް ހުޅުއްވައިދެއްވީ ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢުމަރު ޒާޙިރެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފަައިޞަލް ނަސީމްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ދަޢުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގަތެވެ.

ލޮނުޒިޔާރާތް ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާލޭ ސިޓީގެ މޭޔަރ ސިފާ މުޙައްމަދު ވިދާޅުވީ، 2.5 ހެކްޓަރުގެ މި ސަރަހައްދު ހިތްފަސޭހަ ބަގީޗާއެއްގެގޮތުގައި ތަރައްޤީކުރުމަށް ޖުމްލަ 16.8 މިލިއަން ރުފިޔާ ދަޢުލަތުން ޚަރަދުކޮށްފައިވާކަމަށެވެ. އަދި މި ބަގީޗާގެ މަސައްކަތް ހަޤީޤަތަކަށް ހެދުމަށް ދަޢުލަތުގެ އިދާރާތަކާއި، ވިޔަފާރިވެރިންނާއި، އާއްމު ރައްޔިތުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން މޭޔަރ ވަނީ ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މޭޔަރ ސިފާ ވިދާޅުވީ، މިއީ އެތައް ތަޖުރިބާތަކެއް ސިޓީ ކައުންސިލަށްވެސް ލިބިގެންދިޔަ މަސައްކަތެއްކަމަށާއި، މާލެ ފެހިކުރުމަށް ކުރާ މަސައްކަތުގެ ހަޤީޤީ ފެށުމަކީ މި ޕާކުކަމަށެވެ.

"މި ޕާކުގެ ސަބަބުން މާލޭ ސީޓީގެ ކައުންސިލަށްވެސް އެތައް ތަޖުރިބާއެއް ލިބި، މިފަދަ ކަންކަން ކުރުމުގެ ޤާބިލުކަން އިތުރުވެއްޖެ. ހިތްފަސޭހަ މާހައުލަކަށް ހެދުމަށް ކުރާ މަސައްކަތް ދެކުނަ އިތުރުކުރާނަން. ޕާކުތަކުގައި ގަސް އިންދުމާއި، މުޅި މާލެ ވަށާ ގަސް އިންދުމުގެ މަސައްކަތްވެސް ކުރިއަށްއޮތްތާ އަޅުގަނޑުމެން ކުރާނަން" މޭޔަރ ސިފާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ލޮނުޒިޔާރާތް ޕާކު ހެދުމުގެ މަސައްކަތް ކުރިއަށްދިޔަގޮތާއި ބެހޭގޮތުން ވާހަކަދައްކަވަމުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝާރީފް ވިދާޅުވީ، ބުރިޖުގެ މަސައްކަތްތަކަށްފަހު ކޮންސްޓްރަކްޝަން ސައިޓެއްގެގޮތުގައި އޮތް މި ސަރަޙައްދުން ކޮންކްރީޓްތައް ނަގައި، މާބަގީޗާއެއްގެ ސިފަގެނައުން ވެގެންދިޔައީ ވަރަށް ގޮންޖެހުން ބޮޑު މަސައްކަތަކަށް ކަމަށެވެ. ޝަމާޢު ވިދާޅުވީ، މި ޕާކުގައި ރާއްޖޭގައި މިހާރު ނެތެމުންދާ ވަރަށް ގިނަ ބާވަތްތަކުގެ ގަސްތަކާއި މާމެލާމެލި އިންދާފައިވާނެކަމަށެވެ.

"މިތަނުގައި ހުންނާނެ ރާއްޖޭގައި ނެތެމުންދާ ވަރަށް ގިނަ ބާވަތުގެ ގަސްގަހުގެ ކުރި ކަނޑައިގެން ގެނެސް އިންދާފައި. މިތަން ވެގެންދާނެ ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބާވަތްތަކުގެ ގަސް އެއްތަނަކުން ފެންނަން ހުންނާނެ ތަނަކަށް. ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފެންނަން ހުންނަ މާމެލާމެލި މިތަނުގައި ހުންނާނެ" ޑެޕިއުޓީ މޭޔަރ ޝަމާޢު ވިދާޅުވިއެވެ.

ހުސް ވެލި ބިމެއްގެ ގޮތުގައި އޮތް ލޮނުޒިޔާރާތްކޮޅު ސަރަޙައްދު ތަރައްޤީކޮށްފައި ވަނީ އެކި ބާވަތްތަކުގެ ގަސްގަހާގެހި ހިމަނައިގެން ބަގީޗާއެއް ގޮތަށެވެ. މި ޕާކުގައި ފެންގަނޑަކާއި، އެފެންގަނޑު މަތިން ހުރަސްކުރެވޭގޮތަށް އަޅާފައިވާ ބްރިޖަކާއި، އުސްފަސްގަނޑެއްވެސް ހިމެނެއެވެ. އަދި ރާޅާ އަޅާ ޒުވާނުންނަށް ބޭނުންވާ ގަރޓް ޕޯސްޓް ބޮޑުކޮށް، އަލުން ވަނީ މަރާމާތުކޮށްފައެވެ. ޕާކުގައި ހައްދާފައިވާ ގަސްތަކާއި މާމެލާމެލީގެ ސައިންޓިފިކް ނަންތަކާއި ދިވެހި ނަންވެސް އާއްމުންނަށް ފެންނާނެހެން ހަރުކޮށްފައި ވެއެވެ. ޕާކުގެ އެކި ސަރަޙައްދުތަކަށް ދީފައި ވަނީ އެކި ނަންތަކެވެ. އެގޮތުން ހޭޅި، މާމެލާމެލި، މެދު ބަގީޗާ، ކަސްރަތު ފެހި، ފާލަން އައްސޭރި، ވަރުނުލާ ރާޅު، އުސް ބަގީޗާ އަދި ފެން އާރު ހިމެނެއެވެ.

ޕާކު ތަރައްޤީކޮށްފައި ވަނީ އާއްމުންނަށް އިށީނދެ އިނދެ ތިބުމަށް ޚާއްޞަ 300 އަށްވުރެ ގިނަ ބެންޗާއި، 2 ހޮޅުއައްޓާއި، އުނދޯއްޔަކާއި، ކުޑަކުދިންނަށް ޚާއްސަ ބައިސްކަލު ދުއްވާ ލޭނަކާއި، ޕާކު ވަށައިގެން ކަސްރަތަށް ދުވެވޭގޮތަށް ތައްޔާރުކޮށްފައިވާ ލޭނެއްވެސް ހިމެނޭގޮތަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންނަށް ފުރޮޅުލީ ގޮނޑީގައި ދުއްވޭގޮތަށް ޚާއްސަ ލޭންތަކެއް ހަދާފައިވާއިރު، ޕާކުގެ ވަކި ސަރަޙައްދެއް ކަސްރަތުކުރާ މީހުންނަށްވެސް ވަނީ ޚާއްސަކޮށްފައެވެ.