އަތޮޅުތައް

ގދ. ގައްދުއަށް އުދައިގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފި


ހުވަދު އަތޮޅު ދެކުނުބުރީ ގައްދޫއަށް އުދައިގެ އަސަރު ރޭ ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށާއި، މި ޙާދިސާގައި އާއްމުންގެ އެއްވެސް މުދަލަކަށް ގެއްލުން ލިބިފައިނުވާކަމަށް ގައްދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން ގދ. ގައްދޫ ކައުންސިލް އިދާރާގެ ރައީސް މުހައްމަދު އަހުމަދު ވިދާޅުވީ، އުދައިގެ އަސަރު އެރަށަށް ކޮށްފައިވަނީ ރޭ ދަންވަރު 02:15 ހާއިރުކަމަށެވެ. އުދައިގެ ސަބަބުން ގައްދޫ ދެކުނު ބަނދަރުގެ 3 ދިމާލަކުން ލޮނުގަނޑު ރަށުތެރެއަށް އަރާފައިވާކަމަށާއި، ނަމަވެސް އެ ސަރަހައްދަކީ އެއްވެސް ވަރަކަށް އާއްމުން ދިރިއުޅޭ ސަރަހައްދަކަށް ނުވުމުން، މި ހާދިސާގައި އާއްމުންގެ މުދަލަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ދިޔަވަރު ބޮޑުވެ، ރަށު ތެރެއަށް އުދައެރުމުގެ ތެރޭގައި އެވަގުތު ބަނދަރުގައި އަޅާފައި އޮތް އެއްވެސް އުޅަނދަކަށްވެސް ގެއްލުމެއް ލިބިފައިނުވާކަމަށް ގައްދޫ ކައުންސިލުން ހާމަކުރައްވައެވެ.މުހައްމަދު އަހުމަދު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ އޮއިވަރާއި ދިޔަވަރަށް ބަދަލުއައިސް، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާފާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން އާއްމުކޮށްވެސް ގައްދޫއަށް އުދައަރާ ސަރަހައްދުތަކުގައި ވެލި ބަސްތާޖެހުމާއި، ރިވެޓްމަންޓް ގާ އެތުރުމުގެ ފުލުހުންނާއި އެރަށުގެ ރައްޔިތުން ގުޅިގެން ކޮށްފައިވާކަމަށެވެ. އަދި ފުލުހުން މިހާރުވެސް ތައްޔާރީ ހާލަތުގައި އެރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ގައްދޫ ކައުންސިލުން މައުލޫމާތުދެއްވައެވެ. ގައްދޫގެ އިތުރުން ގއ. މާމެންދޫ އަދި ވިލިގިއްޔަށްވެސް ކޮންމެވެސް ވަރަކަށް އުދައިގެ އަސަރުކޮށްފައިވާކަމަށާއި، ނަމަވެސް އާއްމުންގެ ގޯތިގެދޮރާއި މުދަލަށް އެއްވެސް ގެއްލުމެއް ނުވާކަމަށް އެ ދެ ރަށުން ވަނީ ޕީ.އެސް.އެމްއަށް މައުލޫމާތުދީފައެވެ.މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ހިފި ހަނދުކޭތައާއި ގުޅިގެން ރައްޖޭގެ ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރު ކުރާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ފުލުހުންނާއި ސިފައިން ގުޅިގެން ބައެއް ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ. މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ހިފި ހަނދުކޭތައާއި ގުޅިގެން މިއީ ހަނދު ދުނިޔެއާއި އެންމެކައިރިއަށް އަންނަ އެއް ފަހަރުކަން ސައިންސްވެރިން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ދިޔަވަރާ އޮއިވަރަށް ބަދަލު އަންނެކަމަށާއި، މިގޮތުން ރާއްޖޭގައިވެސް މިމަހުގެ ތިރީސްވަނަދުވަހާއި ހަމައަށް އާންމުކޮށް ދިޔަވަރު ބޮޑުވާވަރަށް ވުރެ 6 އިންޗިވަރު އިތުރަށް ދިޔަވަރު އުފުލޭނެކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ. އަދި ރާއްޖެއާއި ދުރުގައި އުފެދޭ ރާޅުބާނި ހުރި ގޮތަށްބަލާއިރު މިދުވަސް ތަކުގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކުރައްވަފައެވެ.