ވިޔަފާރި

މިދިޔަމަހު މީރާއަށް ލިބުނީ 390 މިލިއަން ރުފިޔާ، މިއީ %57.9 ދަށްވުމެއް


މިއަހަރުގެ އޮކްޓޯބަރ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާއަށް އާމްދަނީގެ ގޮތުގައި 390 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.

މީރާއަށް މިދިޔަމަހު ލިބުނު އާމްދަނީވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 57.9 އިންސައްތަ ވަނީ ދަށްވެފައެވެ. އޮކްޓޯބަރުމަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 4.68 މިލިއަން އެމެރިކާ ޑޮލަރުވެސް ލިބިފައިވާކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހާއި އަޅާބަލާއިރު މިއަހަރުގެ އޮކްޓޯބަރުމަހު މީރާއަށް ލިބުނު އާމްދަނީ ދަށްވެފައިވަނީ ކޯވިޑް19 ގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިން ދަށްވެ، ފަތުރުވެރިކަމުގެ އިޤްތިޞާދީ ހަރަކާތްތައް ދަށްވުމުގެ ސަބަބުންކަމަށެވެ. މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއިން މީރާއަށް ލިބިފައިވާ ޓެކުހުގެ މިންވަރު ވަނީ މިދިޔަ އަހަރާއި އަޅާބަލާއިރު ވަރަށް ބޮޑުތަން ދަށްވެފައެވެ. މީގެތެރޭގައި ޖީއެސްޓީ އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ ވަރަށް މަދު އަދަދެއްކަމަށް މީރާއިން ބުނެއެވެ.

މިއަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ 63.3 އިންސައްތައާއިއެކު ޖީއެސްޓީއެވެ. އެއީ 247.42 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކުހުންނެވެ. އިންކަމް ޓެކުހުގެ ގޮތުގައި 13.4 އިންސައްތަ ނުވަތަ 52.39 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެއިތުރުން ބީޕީޓީގެ ގޮތުގައި 20.32 މިލިއަން ރުފިޔާ، ރެސިޑެންޓް ޕާމިޓްގެ ގޮތުގައި 18.54 މިލިއަން ރުފިޔާ، ވެހިކަލް ފީގެ ގޮތުގައި 9.34 މިލިއަން ރުފިޔާ، އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 42.56 މިލިއަން ރުފިޔާ އޮކްޓޯބަރުމަހު މީރާއަށް ވަނީ ލިބިފައެވެ.