ވިޔަފާރި

ބަޖެޓް 2021 : ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި، ސްޓޯރޭޖާއި، މަސްފިނި ކުރުމުގެ ނިޒާމްތައް ޤާއިމްކުރަނީ


ރާއްޖޭގެ އެކި ހިސާބުތަކުގައި ވެލިއު އެޑިޝަންއަށް ބޭނުންވާ ވަސީލަތްތަކާއި، ސްޓޯރޭޖާއި، މަސްފިނި ކުރުމުގެ ނިޒާމްތައް ޤާއިމްކުރުމަށް ބަޖެޓުގައި ހިމަނައިފިއެވެ.

2020 ވަނަ އަހަރުގެ ބަޖެޓް ބަޔާން މަޖިލީހަށް ހުށަހަޅުއްވައި، ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އިގުތިސާދު ސިންދަފާތު ކުރެވެން ހުރި ދިމާތަކަށް އިގުތިސާދީ ހަރަކާތްތައް އިތުރުކުރުމަށް މަގު ފަހިކޮށްދިނުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން މަސްވެރިކަމުގެ ދާއިރާއަކީ އެންމެ ޒަމާންވީ ސިނާއަތް ނަމަވެސް މި ސިނާއަތުގެ ނަފާ އިތުރު ކުރެވިދާނެ ގިނަ ގޮތްތަކެއް އަދިވެސް އެބަހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ހާއްސަ ސަމާލުކަމެއް ދެވިގެން 2021 ވަނަ އަހަރުގެ ބަޖެޓުގައިވެސް ވެލިއު އެޑިޝަންއަށް ކުރަން ޖެހޭ އިންވެސްޓްމަންޓް ތައް ކުރެވިގެންދާނެ. މިގޮތުން ބަޖެޓުގައި ވާނީ މިފްކޯގެ ކޫއްޑޫ އަދި ކަނޑުއޮތްގިރީގައި ޚިދުމަތް ފުޅާކޮށް ވަސީލަތްތައް ތަރައްޤީކުރަން ހިމެނިފައި" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެލިއު އެޑްކުރުމަށް އައްޑޫ ސިޓީގެ ހަތަރު ރަށެއްގައި ގޭދޮށު މަސްފެކްޓްރީ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަންވެސް ހަމަޖެހިފައިވާ ކަމަށެވެ.

ބާނާ މަހުގެ އިތުރުން އާލާކުރާ މަސްވެރިކަންވެސް ތަރައްގީކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށާއި، ރާއްޖޭގެ ކަނޑުފަޅުގައި މަސްއާލާކޮށް މިސިނާއަތް ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް 2021 ވަނަ އަހަރުވެސް ރާވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" ރާއްޖޭގެ މަސްވެރިންނަށް ލިބޭ ނަފާ އިތުރުކޮށް، މަސްވެރިކަމުގެ އެކްސްޕޯޓް އިތުރުކުރުމަށް، ރާއްޖޭގެ މަސްވެރިކަމާއި މަހުގެ އުފެއްދުންތައް ބޭރު ދުނިޔޭގައި މާކެޓު ކުރުމަށް 2021 ވަނަ އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއްދީފައިވާނެ" މިިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކޮށްދިނުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދޭކަމަށެވެ. އެގޮތުން ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ މިންވަރު އިތުރުކުރުމަކީ އިމްޕޯޓު މަދުކޮށް، ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށްވެސް މުހިންމު ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

" ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީ ކުރުމުގެ މަސައްކަތުގެ ފަހަތުގައި އެންމެ ބޮޑު ރޯލެއް ކުޅޭނީ ސަރުކާރުން މިއަހަރު އެކުލަވާލި އެގްރޯ ނެޝަނަލް ކޯޕަރޭޝަން. މި ކުންފުނީގެ މަސައްކަތް ފުޅާކުރުމަށް ކެޕިޓަލް ކޮންޓްރިބިއުޝަން ގޮތުގައި 84 މިލިއަން ރުފިޔާ ދޫކުރުމަށް 2021 ވަނަ އަހަރު ބަޖެޓުގައި ހިމަނާފައި" މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖޭގައި ދަނޑުވެރިކަން ފުޅާކުރުމާއެކު ކޮންޓްރެކްޓް ފާމިން ފަދަ އާ ކަންކަން އެ ސިނާޢަތަށް ތަޢާރަފްކުރުމާއި، ހަރުދަނާ ނިޒާމެއްގެ ތެރެއިން ދަނޑުވެރިން އުފައްދާތަކެތި ރަނގަޅު ފެންވަރެއްގައި ބެހެއްޓުމާއެކު އެތަކެތި މާކެޓްކޮށް ވިއްކުމަށް މަގުފަހިކޮށްދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް މި ބަޖެޓުން އެހީތެރިވެ ދޭނެ ކަމަށްވެސް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.