ކޯވިޑް-19

ކޯވިޑް-19 : ރޭގަނޑު 12 ޖަހަންދެން ބޭރުގައި އުޅުމުގެ ހުއްދައާއެކު ޕާކުތަކާއި މައިޒާންތައް ހުޅުވާލަނީ


މާލޭ ސަރަޙައްދުގައި ރޭގަނޑު 12 ޖަހަންދެން ބޭރުގައި އުޅެވޭނެހެން ކާފިއު ގަޑިތަކަށް ބަދަލުތަކެއް ގެނެސް އިތުރު ލުއިތަކެއް ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ނިންމައިފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އެންގުމުގައި ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ގެނެސްފައިވާ ބަދަލުތައް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 04:00 ޖެހުމާއި ހަމައަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން ވަނީ މަނާކޮށްފައެވެ. އަދި މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި އެއްވެސް ވަގުތެއްގައި އެއްހަފަރާ 15 މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އެއްވެއުޅުން ހުއްޓާލުމާއި، މާލެ، ވިލިމާލެ އަދި ހުޅުމާލެއިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުކުރުން ހިމެނެއެވެ.

މީގެ އިތުރުން ރާއްޖޭގެ އެތެރޭގައި ވައިގެ މަގުންނާއި، ކަނޑުމަގުން ދަތުރުކުރާ ފަރާތްތައް އެޗް.ޕީ.އޭގެ ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރުމަށާއި، ހުރިހާ ވަގުތެއްގައިވެސް މާސްކް އެޅުމަށް އަންގާފައިވެއެވެ.

ގްރޭޓަރ މާލޭ ސަރަހައްދުގައި މަގުމަައްޗަށް ނުކުމެ އުޅުމާއި، ވެހިކަލް ދުއްވުމަށް ހުއްދަދީފައިވާ ގަޑިތަކަށް ބަދަލުގެނައުމުގެ އިތުރުން، މިރޭ ވަނީ އިތުރު ލުއިތަކެއްވެސްދީފައެވެ. އެގޮތުން އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ޔޫތު މިނިސްޓްރީން ކަނޑައަޅާގޮތެއްގެ މަތިން މުބާރާތްތައް ފިޔަވައި، ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓްޑޯ ކުޅިވަރުތައް ކުޅުމަށް ވަނީ ހުޅުވާލާފައެވެ. އަދި އެޗް.ޕީ.އޭގެ ގައިޑްލައިނާ އެއްގޮތަށް ވިޔަފާރިކުރާ ތަންތަނާއި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން އެކަމާގުޅޭ އިދާރާތަކުން ކަނޑައަޅާގޮތެއްގެ މަތިން ހުޅުވުމުގެ ހުއްދަދީފައިވާއިރު، އެއްފަހަރާ 15 މީހުންނަށްވުރެ ގިނަ ނުވާގޮތަށް ކުޅިވަރުތައް ބަލަން ދިއުމުގެ ހުއްދަވެސް ވަނީ ދީފައެވެ.

ހަމައެހެންމެ އެޗް.ޕީ.އޭގެ ގައިޑްލައިންތަކާއި އެއްގޮތަށް މާލޭ ސަރަހައްދުގައި ހިމެނޭ ޕާކުތަކާއި، މައިޒާންތަކާއި، ދާރުލް އާސާރުތަކާއި، އާއްމުން އެއްވެ އުޅޭ ތަންތަން ހުޅުވާލުމުގެ ހުއްދަ އެ އެޖެންސީން ދީފައިވާއިރު، ގޭގައި މަސައްކަތްކުރާގޮތަށް އޮފީސްތަކުން ހަމަޖައްސާފައިވާ ހައި ރިސްކު ފަރަާތްތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އޮފީސްތަކަށް ނުކުމެ މިހާރު މަސައްކަތް ކުރެވޭނެކަމަށްވެސް އެޗް.ޕީ.އޭއިން ވަނީ ހާމަކުރައްވާފައެވެ.