ތިމާވެށި

ކ. ތަނބުރުދޫ ހިމެނޭ ސަރަޙައްދު ހިމާޔަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި


ކ. ތަނބުރުދޫ ތިލައިގެ ޒޮނޭޝަން މުރާޖަޢާކޮށް، ތަނބުރުދޫ ހިމެނޭގޮތަށް ތިމާވެށީގެގޮތުން ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި އެ ސަރަޙައްދު ކަނޑައަޅުއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމަވާފައި ވަނީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމަށްފަހު ވަޒީރުންގެ ލަފާގެ މަތިންނެވެ. މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހަކަށް މަޝްވަރާކުރެއްވުމަށްފަހު ހިމާޔަތްކުރެއްވުމަށް ނިންމެވި ސަރަޙައްދަކީ ތިމާވެށީގެ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިފައިވާ ސަރަޙައްދެކެވެ.

މި ސަރަޙައްދު ހިމާޔަތްކޮށްފައިވާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުއްވި މައިގަނޑު މަޤްޞަދަކީ، ކ. ތަނބުރުދޫ އާއި އެ ރަށް ވަށައިގެންވާ މާޙައުލަކީވެސް ޤުދުރަތީ އަދި ތަބީޢީ ގޮތުން ޚާއްޞަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދަކަށްވާތީކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި މި ސަރަޙައްދުގެ ޚާއްޞަ ސިފަތަކުގެ މައްޗަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ތައްޔާރުކޮށްފައިވާ ޓެކްނިކަލް ސާވޭ ރިޕޯޓަށާއި، އަދި މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަންއިން ތައްޔާރުކޮށްފައިވާ "ކ. ތަނބުރުދޫ ޤުދުރަތީ އާސާރެއް،" މި ކަރުދާހުގެ މައްޗަށް ބައްލަވާފައިވެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ ދަށުން ބޮޑުތިލަދުންމަތީގެ 14 ސަރަޙައްދަކާއި، އައްޑޫ ސިޓީގެ ހަތަރު ސަރަޙައްދަކާއި، ފުވައްމުލައް ސިޓީގެ އެއް ސަރަޙައްދު، އަދި ފާދިއްޕޮޅުގެ ފަސް ސަރަޙައްދެއް ހިމެނޭހެން ޖުމްލަ 24 ސަރަޙައްދު މިހާތަނަށް ވަނީ ހިމާޔަތްކޮށްފައިވެއެވެ.

މީގެ އިތުރުން ތިމާވެށީގެ ޤާނޫނުގެ ދަށުން މާލެ އަތޮޅު އުތުރު އަދި ދެކުނު ހިމެނޭގޮތަށް 11 ސަރަޙައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ނުވަ ޑައިވް ސައިޓަކާއި، ކ. ރަސްފަރި އާއި ކ. ހުރާގެ ކަނޑޫފާ ސަރަޙައްދެވެ.