ޚަބަރު

ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރު 1 މަސް ދުވަހަށް އިތުރުކޮށްފި


ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.

ޢާއްމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނުނުގެދަށުން، މުޅި ރާއްޖޭގައި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވަނީ މިއަހަރުގެ މަރޗްމަހުގެ 12ވަނަ ދުވަހުއެވެ. އެއީ ދުނިޔޭގައި ފެތުރެމުންއައި ކޯވިޑް-19ބަލި ރާއްޖެއިން ފެނި، ރިސޯޓަކުން މީހަކު ބައްޔަށް ޕޮސިޓިވްވުމާއި ގުޅިގެންނެވެ.

ހެލްތް މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ މި މުއްދަތު އަންނަ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހާ ހަމައަށް ދަމަހައްޓާފައިވާކަމަށެވެ. ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމް ސޮއިކުރައްވައި ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވީ، މުއްދަތު އިތުރުކޮށްފައިވަނީ ކޯވިޑް-19ބަލި ފެތުރުުމުގެ ނުރައްކާ އަދިވެސް ރާއްޖެއަށް އޮތުމުންކަމަށެވެ. އެގޮތުން 12މަރޗްގައި އިޢުލާންކުރި ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދަމަހައްޓާފައިވަނީ ބައްޔަށް އޮތް ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ލަފާދެއްވާފައިވާތީކަމަށްވެސް އެބަޔާނުގައިވެއެވެ.

އެއްމެ ފަހުން އާއްމުކުރި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު މިއަދަށް ހަމަވާނެއެވެ. މި ޙާލަތު މިހާތަނަށް 8 ފަހަރެއްގެމަތިން މިވަނީ ދަމަހައްޓާފައެވެ.

އާއްމު ރޯގާއެއްގޮތަށް ފެތުރެމުން އައި ކޯވިޑް-19 ބަލި، މުޅި ދުނިޔެއަށް ފެތުރި "ޕެންޑަމިކް"އެއްގެ ގޮތުގައިވަނީ އިޢުލާންކޮށްފައެވެ. ރާއްޖެއިން ފުރަތަމަ ކޭސްތައް ފެނުނީ ރިސޯޓްތަކުން ނަމަވެސް، މާލޭ ސަރަޙައްދުން ބަލި ފެނުމާއިއެކު، މުޖުތަމަޢުގެތެރޭގައި ބަލި ފެތުރޭކަމަށްވަނީ ނިންމާފައެވެ.