ތިމާވެށި

ހަނދުކޭތައާއި އެކު އުދައެރުން އެކަށީގެންވޭ- މެޓް އޮފީސް


މިމަހުގެ ހަތާވީސްވަނަދުވަހު ހިފާ ހަނދުކޭތައާގުޅިގެން މާދަމާއިން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާއި ދެމެދު ރާއްޖޭގެ ދިޔަވަރާއި އޮއިވަރަށް ބަދަލުއައިސް ރަށްރަށަށް އުދައަރާފާނެކަމަށް ބެލެވޭތީ އެކަމަށް ސަމާލުވެތިބުމަށް މޫސުމާބެހޭ ޤައުމީއިދާރާއާ، ޑިޒާސްޓަރ މެނޭޖްމެންޓާއި އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.މޫސުމާބެހޭ ޤައުމީ އިދާރާއާއި، ޑިޒާސްޓަރ މެނޭޖްމެންޓާއި، އެމްއެންޑީއެފް ގުޅިގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި މައުލޫމާތުދެއްވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ ޑިރެކްޓަރ މީޓްރޮލޮޖީ އަބުދުލް މުހުސިން ރާމިޒް ވިދާޅުވީ މިމަހުގެ 27 ވަނަ ދުވަހުގެ ރޭ ހިފާކޭތަ ނުވަތަ "ރަތްހަނދު" ކޭތަ ހިފަން ފަށާނީ 27 ވަނަ ދުވަހުގެ ރޭ ފަތިހު 5:11ގައި ކަމަށެވެ.އަބުދުލްމުހުސިން ރާމިޒް ވިދާޅުވީ އެހެންފަހަރުތަކާ މިފަހަރުގެ ކޭތައާ އެންމެބޮޑު ތަފާތަކީ މިފަހަރަކީ ހަނދު ދުނިޔެއާ އެންމެގާތަށް ޖެހޭ އެއްފަހަރުކަމަށްވާތީކަމަށެވެ. އަދި މީގެ ސަބަބުން ދިޔަވަރަށް ބަދަލުއަންނާނެކަމަށާ އެގޮތުން ރާއްޖެއަށްވެސް މިމަހުގެ 26 ވަނަދުވަހުން ފެށިގެން 30 ވަނަ ދުވަހާއި ހަމައަށް ކޮންމެދުވަހަކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އާންމުކޮށް ދިޔަވަރު ބޮޑުވާ ވަރަށްވުރެ 6 އިންޗިވަރު އިތުރަށްދިޔަވަރު އުފުލޭނެކަމަށްވެސް އަބުދުލް މުހުސިން ވިދާޅުވިއެވެ.މީގެ އިތުރުން ރާއްޖެއާ ދުރުގައި އުފެދޭ ބާނި އެދުވަސްވަރު ހުރިގޮތަށްބަލާއިރު އެދުވަސްތަކުގައި ރާއްޖެއަށް އުދައަރާފާނެކަމަށް އިލްމީ ހޯދުންތަކުންދައްކާތީ އެކަމަށް ސަމާލުވެ ތައްޔާރުވެ ތިބެންޖެހޭކަމަށް އަބުދުލް މުހުސިން ވިދާޅުވިއެވެ.ރާއްޖެއަށް އުދައިގެ އަސަރުކުރާނަމަ އެންމެބޮޑަށް ކުރާނެކަމަށް ބެލެވެނީ އިރާއި އިރުދެކުނުންކަމަށާ އަދި 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގެ ތެރޭން އާންމުކޮށް އުދައިގެ  އަސަރުކުރާ ރަށްތަކަށް އުދައެރުމުގެ ފުރުޞަތު ބޮޑުކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.މި ޕްރެސްކޮންފަރެންސްގައި ޑިޒާސްޓަރ މެނޭޖްމެންޓްގެ ފަރާތުން މައުލޫމާތުދެއްވަމުން މައުލޫމާތުދެއްވަމުން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޑެޕިއުޓީ މިނިސްޓަރ ފާތިމަތު ތަސްނީމް ވިދާޅުވީ މިކަމާގުޅިގެން ރަށްރަށަށް މާބޮޑަށް އުދައަރާފާނެކަމަށް ލަފާނުކުރެވޭކަމަށާ ނަމަވެސް ރައްކާތެރިކަމުގެ ގޮތުން ރަށުފެންވަރުގަޔާ ފަރުދީ ފެންވަރުގައި ދުރާލާ ތައްޔާރުވުން މުހިންމުކަމަށެވެ. މިގޮތުން ރަށްރަށުގެ ކައުންސިލްތަކާ ކަމާބެހޭ ފަރާތައްގުޅިގެން އިންތިޒާމްތައް ހަމަޖެއްސުމަށް ޓީމެއް އެކުލަވާލުން މުހިންމުކަމަށް ތަސްނީމް ވިދާޅުވިއެވެ.ޕްރެސްކޮންފަރެންސްގައި މައުލޫމާތުދެއްވަމުން އެމްއެންޑީއެފް ކޯސްޓްގާޑް ކޮމާންޑަރ ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ މިދުވަސްތަކުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުންވެސް އާންމުކޮށް ހުންނަ ވަރަށްވުރެ އޮއިގަދަވާނެކަމަށް ބަލައިގެން ދަތުރުކުރުން އެދޭކަމަށެވެ. އަދި ރަށަކަށް އުދަ އަރައިފިނަމަ އެމްއެންޑީއެފްއާ ފުލުހުންގެ އެހީތެރިކަން ލިބިގެންދާނެކަމަށްވެސް މުހައްމަދު އިބްރާހިމް ވިދާޅުވިއެވެ.ޑިޒާސްޓަރ މެނޭޖްމެންޓުން ބުނީ އިލްމީ ހޯދުންތަކުގެ އަލީގައި މި މައުލޫމާތެއް ލިބިފައިވުމުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންތިބުމަކީ އެދެވިގެންވާކަމެއްކަމަށެވެ.