މުދައްރިސުންނާއި ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުގެ މެދުގައި ދިރާސާކުރުމުގެ ސަޤާފަތެއް ޤާޢިމުކުރުމަށް ބޭއްވި 8ވަނަ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސް ނިންމާލައިފިއެވެ.
މިއަހަރުގެ ކޮންފަރެންސް ބާއްވާފައިވަނީ މިމަހުގެ 12 އިން 13 ޝަހީދު ޢަލީ ސްކޫލުގައެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ކޮންފަރެންސްގެ މައިގަނޑު މަޤުޞަދަކީ، ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށް، ކިޔަވައިދިނުމުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި މެދު ޚިޔާލު ބަދަލުކޮށް، މަޢުލޫމާތު ހިއްސާކުރުމެވެ.
މިއަހަރުގެ ކޮންފަރެންސްގައި 300 ފަރާތް ބައިވެރިވެފައިވެއެވެ. އޭގެތެރެއިން 106 ފަރާތަކުން މި ކޮންފަރެންސްގައި 70 ދިރާސާ ކަރުދާހެއް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން، ކެމްބްރިޖު ޔުނިވާސިޓީ ޕްރެސް އެންޑް އެސަސްމަންޓް، ސައުތު އޭޝިޔާގެ މެނޭޖިން ޑިރެކްޓަރ، އަރުން ރާޖަމަނީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ޗާންސެލަރ، ޑރ. މަޚުމޫދު ޝައުޤީގެ ފަރާތުން މި ކޮންފަރެންސްގައި ކީ ނޯޓު ސްޕީޗެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮންފަރެންސަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ކޮންފަރެންސް ކޯޑިނޭޓަރ އަދި އެންއައިއީގެ ސީނިއަރ ކަރކިއުލަމް ޑިވެލޮޕްމެންޓް އެނަލިސްޓް ޝުހުދާ ރިޒްވާން ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސްގެ ބައިވެރިންގެ ފަރާތުން ވަރަށް ރަނގަޅު ފީޑްބެކްތަކެއް ކޮންފަރެންސާއި ގުޅިގެން ލިބިގެން ދިޔަ ކަމަށެވެ. މިގޮތުން ޕެނަލް ޑިސްކަޝަންތަކާއި ހުށެހެޅުނު ކަރުދާސްތަކުން އަދި ކީނޯޓުތަކުން ވަރަށް ގިނަ ކަންކަން ދަސްވެގެން ދިޔަކަން ޓީޗަރުން ފާހަގަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންފަރަންސްގެ ފުރުތަމަ ދުވަސް ހާއްސަކޮށްފައިވަނީ "ޝޭޕިންގ އަ ރެސްޕޮންސިބަލް ޑިޖޓަލް ފިއުޗަރ ފޮރ އެޑިޔުކޭޝަން"ގެ މަޢުޟޫއަށް އަދި ދެވަނަ ދުވަހު "ބިޔޯންޑް އެކަޑެމިކްސް: ރީއިމޭޖިނިންގ އެޑިޔުކޭޝަން ތްރޫ އިންކްލޫޝަން، ވެލިޔުސް، ރެލެވެންސް އެންޑް ޑައިވަރސް ޕެތްވޭސް"ގެ މަޢުޟޫއަށް ބިނާކޮށް، ޕެނަލް ޑިސްކަޝަންއެއް ކުރިއަށްގެންގޮސްފައިވެއެވެ.
ކޮންފަރެންސްގެ ބައިވެރިންނަށް ޚާއްސަކޮށް ޖުމްލަ 4 ވޯކްޝޮޕެއް ބާއްވައި، ގއ.މާމެންދޫ ސްކޫލް، މުހީޢްދީން ސްކޫލް، ތާޖުއްދީން ސްކޫލް އަދި އަފީފުޢްދީން ސްކޫލުގެ ފަރާތުން އިންކްލޫސިވް އެޑިޔުކޭޝަންއާއި ގުޅޭ ގޮތުން ޕްރެޒެންޓޭޝަންތަކެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންފަރެންސްގެ ދެވަނަ ދުވަހު، ބައިވެރިވި ހުރިހާ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރެވޭނެ މާހަޢުލެއް ޤާޢިމުކޮށް، ރޭގަނޑުގެ ކެއުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
2026ވަނަ އަހަރުގެ އިންޓަރނޭޝަނަލް ޓީޗަރސް ކޮންފަރެންސަށް ޚާއްސަކޮށްފައިވާ ޝިޔާރަކީ" ރީއިމޭޖިން، ރީތިންކް، ރިފޯމް-އެޑްވާންސިންގ އިނޮވޭޝަން ފޮރ އެން އެކުއިޓަބަލް އެންޑް ރެޒިލިއަންޓް ފިއުޗަރ"އެވެ. މި ކޮންފަރެންސްގައި، ސްރީލަންކާ، ޕާކިސްތާން، މިސްރު، އޮސްޓްރޭލިޔާ އަދި އިންޑިޔާގެ ތަޢުލީމީ ދާއިރާގައި ފަންނީ މަސައްކަތް ކުރައްވާ ފަރާތްތަކުން ބައިވެރިވެ، ތަޢުލީމީ ދާއިރާގެ ކުރިއެރުވުމާއި ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.