ވިޔަފާރި

އިންޑިއާގެ ގޯ އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި


އިންޑިއާގެ ގޯ-އެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ.

ގޯއެއަރގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފައިވަނީ މިއަދު މެންދުރުއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވީ، ގޯއެއަރއިން ހަފްތާއަކު 6 ފްލައިޓް ރާއްޖެ އަންނާނެކަމަށެވެ. މި ދަތުރުތައް ކުރާނީ އިންޑިއާގެ ދިއްލީ، ބެންގަލޫރު އަދި މުންބާއީންނެވެ.

ގޯއެއަރއިން އެންމެ ފުރަތަމަ ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. ނަމަވެސް އެ އެއަރލައިންއިން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް 2019 ވަނަ އަހަރުގެ ޖުލައިމަހުން ފެށިގެން ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ. އަނެއްކާވެސް 2019 ވަނަ އަހަރުގެ ޑިސެމްބަރ ގައި ގޯ އެއަރއިން ވަނީ ރާއްޖެއަށް ދަތުރުކުރަން ފަށާފައެވެ. އެންމެފަހުން އެ އެއަރލައިންއިން ރާއްޖެއަށް ކުރަމުންއައި ދަތުރުތައް މެދުކަނޑާލީ ކޯވިޑް19 އާއި ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުންވެސް ބޯޑަރު ހުޅުވިފަހުން އެންމެ ގިނައިން އެއް ގައުމަކުން ރާއްޖެއަށް ފްލައިޓް އޮޕަރޭޓްކުރަނީ އިންޑިއާއިންނެވެ.

ގޯ އެއަރއިން ރާއްޖެއަށް އަލުން ދަތުރުތައް ފެށިއިރު އިންޑިއާގެ އިންޑިގޯ އަދި ސްޕައިސް ޖެޓުންވެސް ދަނީ ރާއްޖެއަށް ދަތުރުކުރަމުންނެވެ.