ޚަބަރު

71ވަނަ ސަވައިލަންސް ޕެޓްރޯލަށް "އައިސީޖީއެސް ސަންކްލަޕް" ރާއްޖެ އަތުވެއްޖެ


ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ސިލްސިލާކޮށް ހިންގާ ސަރފޭސް ސަވައިލަންސް ޕެޓްރޯލެއްގައި ބައިވެރިވުމަށް އިންޑިއަން ކޯސްޓްގާޑް ޝިޕް "އައިސީޖީއެސް ސަންކްލަޕް" ރާއްޖެ އަތުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އައިސީޖީއެސް ސަންކްލަޕްގެ މި ދަތުރުގައި، މިމަހު ދޭކުން ފަހަކަށް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަރފޭސް ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

މިއީ އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ނޭވީ ގުޅިގެން ހިންގާ 71 ވަނަ ސަރފޭސް ސަވައިލަންސް ޕެޓްރޯލްކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއްވިއެވެ.

މިއީ ދިވެހިރާއްޖޭގަ ކަނޑައެޅޭ ވަކި ސަރަޙައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ހިންގާ ޕެޓްރޯލެއްކަމަށާއި މި ޕެޓްރޯލްތައް ފެށިފައިވަނީ 2009 ވަނަ އަހަރު ކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވިއެވެ.

މިސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ޤައުމީ ދިފާޢީ ބާރުގެ ކޯސްޓްގާޑާއި އިންޑިއާ ނޭވީން ގުޅިގެން ބެލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.