ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި އެޗްޕީއޭގެ މިންގަނޑަށް ޢަމަލުކުރާ މިންވަރު ބެލުމަށްޓަކައި ކުރިއަށްގެންދާ އިންސްޕެކްޝަންގައި މިހާތަނަށް 39 ތަނެއް ބަލައިފިއެވެ.
އެޗްޕީއޭއިން ކުރިއަށް ގެންދާ މި އިންސްޕެކްޝަނަކީ ކޯވިޑް-19އާ ގުޅިގެން ޢާއްމުން އެއްވާ ތަންތަން ހުންނަންޖެހޭނެކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންވަރަށް ތަންތަނުގެ ޙާލަތު ހުރިތޯ ބެލުމަށް ކުރިއަށް ގެންދާ އިންސްޕެކްޝަނެކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި އެޗްޕީއޭގެ ޑިރެކްޓަރ އަހްމަދު ނާޞިރު ވިދާޅުވީ އޮފީސްތައް އިންސްޕެކްޓް ކުރުމަށް ކުރިއަށް ގެންދާ މަސައްކަތް އަންނަ ހަފްތާގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށެވެ. އަދި މި މުއްދަތުގައި މާލެ ސަރަޙައްދުގެ ހުރިހާ ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތައް އިންސްޕެކްޓްކޮށް ނިންމާލެވޭނެކަމަށެވެ. އެއަށްފަހު ޓްރާންސްޕޯޓްގެ ޚިދުމަތް ދޭތަންތަނާއި ސިނާޢީ މަސައްކަތްތައް ކުރާތަންތަންވެސް އިންސްޕެކްޓް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ނާޞިރު ވިދާޅުވީ މި އިންސްޕެކްޝަންތަކުގައި ޖުމުލަ 5 ކަމަކަށް އިސްކަންދީގެން ބެލުމަށް ހަމަޖެހިފައިވާކަމަށެވެ. މިގޮތުން މިއިންސްޕެކްޝަންގެ ތެރެއިން އޮފީސް މާޙައުލުގައި ކަންކަން ބައްޓަންކުރެވިފައިވަނީ އެޗްޕީއޭގެ އުސޫލާ އެއްގޮތަށް ކޯވިޑް-19އިން ރައްކާތެރިވެވޭނެ ފަދަ ގޮތަކަށްތޯ ބަލާނެއެވެ.
އެގޮތުން އޮފީސް މާޙައުލުގައި ގައިދުރުކަން އިސްކުރެވޭނެ ގޮތަށް އަޅާފައިވާ ފިޔަވަޅުތަކާއި ގިނަގިނައިން އަތްދޮވެ ސެނިޓައިޒްކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކަށްވެސް ބަލާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން ރައްކާތެރިކަމަށްޓަކާ ތަންތަން ޑިސްއިންފެކްޓްކުރާނެ ގޮތުގެ ގަވާއިދުވެސް އެޗްޕީއޭއިން ޢާއްމުކޮށްފައިވާއިރު މިއުސޫލުތަކަށް ޢަމަލުކުރާ މިންވަރު ބަލާނެކަމަށް ނާޞިރު ވިދާޅުވިއެވެ.
" އޮފީސްތަކުގެ ކައުންޓަރުތަކުގައި ކޯވިޑް-19އާ އިން ރައްކާތެރިވުމުގެ އަޅަންޖެހޭ ފިޔަވަޅުތައް ފެންނާނެގޮތަކަށް ހުންނަން އެބަޖެހޭ. ގައިދުރުކުރުމުގެ މެސެޖްތަކާއި މާސްކް އެޅުމުގެ މެސެޖްތައް ފެންނަ ގޮތަށް ހުންނަން އެބަޖެހޭ. ކައުންޓަރުތަކާއި މީޓިންތަކުގައިވެސް ގައިދިރުކޮށް ގޮނޑިތައް ބަހައްޓަންވެސް ޖެހޭނެ. ލިފްޓްގައިވެސް ގައިދުރުކަމުގެ މެސެޖްތަކާއި އަރާމީހުންގެ އަދަދުވެސް ފެންނަގޮތަށް ހުރިތޯވެސް ބަލާނަން." އެޗްޕީއޭގެ ޑިރެކްޓަރ އަޙްމަދު ނާޞިރު ވިދާޅުވިއެވެ.
ނާސިރު ވިދާޅުވީ މިހާތަނަށް ބެލި ގިނަ ތަންތަނުގައިވެސް އެޗްޕީއޭގެ އުޞޫލާއި އެއްގޮތަށް ފިޔަވަޅުތައް އަޅާފައި ވާކަމަށެވެ. އެހެންނަމަވެސް މަދު ތަންތަނުގައި ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތުތައް އެކަށިގެންވާވަރަށް ފެންނާނެހެން ބެހެއްޓިފައި ނެތްކަމަށެވެ.
ނާޞިރު ވިދާޅުވީ މާލެއެކޭ އެއްފަދައިން އަތޮޅުތަކުގައި ހުރި އޮފީސްތައްވެސް އެޗްޕީއޭގެ ގައިޑްލައިންނާއި އެއްގޮތަށް ހުރިތޯ ބެލުމުގެ މަސައްކަތް ކުރަމުންދާނެކަމަށެވެ. މިގޮތުން މިހާރުވެސް އަތޮޅުތަކަށް އެޗްޕީއޭގެ ގައިޑްލައިން ހިއްސާކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އެޗްޕީއޭއިން ކުރިއަށްގެންދާ މި އިންސްޕެކްޝަންތައް ކުރިއަށް ގެންދަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ސިޓީ ކައުންސިލްއާއި އެޗްޑީސީ އަދި އެޗްޕީއޭއާ ގުޅިގެންނެވެ.