އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ކުޑައިމީސްކޮށް، ޓެރަރިޒަމާއި އިސްލާމްދީނާ ގުޅުވައިގެން ދެކެވެމުންދާ ވާހަކަތައް ދިވެހިރާއްޖެއިން ކުށްވެރިކޮށްފިއެވެ.
ރާއްޖެއިން އެކަން ކުށްވެރިކޮށްފައި މިވަނީ، ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ހަޖޫޖަހާ ކުޑައިމީސްކޮށް ދައްކާފައިވާ ވާހަކަތަކާގުޅިގެން ދުނިޔޭގެ އިސްލާމީ ގިނަޤައުމުތަކުން އެކަމުގެ ކަންބޮޑުވުންފާޅުކުރައްވަމުން ދަނިކޮށެވެ.
ކީރިތި ރަސޫލާއާއި އިސްލާމްދީނާއި ޓެރަރިޒަމާ ގުޅުވައިގެން ދައްކަމުން ގެންދާ ވާހަކަތައް ކުށްވެރިކޮށް ދިވެހި ޚާރިޖިއްޔާއިން ނެރެފައިވާ ބަޔާނުގައި ވަނީ އިސްލާމްދީނާއި ކީރިތި ރަސޫލާއާއި ދެކޮޅަށް ދައްކަމުންގެންދާ ވާހަކަތަކަކީ ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއަށް ފެތޭކަމެއް ނޫންކަމަށެވެ.
އިސްލާމްދީނަކީ އަބަދުވެސް ހަމަޖެހުމާއި ސުލްހައަށް މަސައްކަތްކުރާ ދީނެއްކަން ފާހަގަކުރައްވައި އެމިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ހުދޫދުގެ ތެރެއިން އިންސާނީ ހައްގުތަކާއި ޚިޔާލުފާޅުކުރުމުގެ ހައްގުތައް ފޯރުކޮށްދީ އެކަން ކަށަވަރުކޮށްދިނުމުގައިކަމުގައިވެއެވެ. އިންސާނީ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ދިނުމަށް ރާއްޖެއިން ތާއީދުކުރިނަމަވެސް ހުރިހާ ވައްތަރެއްގެ ހައްދުފަހަނައަޅައި ދިއުމަކީ ރާއްޖެއިން އަބަދުވެސް ކުށްވެރިކޮށް ދެކޮޅުހަދާނެކަމެއްކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އިސްލާމްދީނާއި ޓެރަރިޒަމާ ގުޅުވައި ފްރާންސްގެ ރައީސް ދެއްކެވި ވާހަކަތަކާ ގުޅިގެން ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ވެރިން އަންނަނީ އަންނަނީ ނުރުހުން ފާޅުކުރައްވަމުންނެވެ. އަދި ބައެއް ޤައުމުތަކުގައި އެކަމާ ދެކޮޅަށް މުޒާހަރާތައް ކުރަމުންވެސް ދެއެވެ. އަދި ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކުރުމަށްވެސް އަންނަނީ ގޮވާލަމުންނެވެ.