ޚަބަރު

ބ.ފުޅަދޫ ބަނަދަރު ފުންކުރުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ: އެމްޓީސީސީ


ބ.ފުޅަދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މަސައްކަތުގެ ކޮންޓެކްޓަރ އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނިން ބުނީ ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރުއޫގެ ދަށުން މިހާރު ކުރިއަށްދަނީ ފަޅު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. އެމަސައްކަތުގެ 87 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ފުޅަދުއަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލަ ހައްލުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މި މަޝްރުއޫގެ ދަށުން. 29.167 ކޮޑިމީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމަނާފައިވެއެވެ، އަދި 223 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 108 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 302 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުން ހިމެނެއެވެ. އަދި އެހެން ބަނދަރުތަކެކޭ އެއްގޮތައް ނެރު ބައްތި ޖެހުމާ ބަނދަރު ހިމެނޭ ސަރަހައްދުގައި ޕޭމަންޓް ހެދުމާ މަގުބައްތި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އިން މި މަޝްރުއޫ ހަވާލުކޮށްފައި ވަނީ 48.2 މިލިއަން ރުފިޔާއަށެވެ.

ބ.ފެހެންދޫ އާއި ފުޅަދޫ ބަނދަރުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެއްފަޅެއްތެރޭގައި އޮންނަ މި ދެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން ފެހެންދޫ ބަނދަރުގެ އެއްގަމު ވާޓަރު ހަދައި ގާއެތުރުމުގެ މަސައްކަތުގެ ބޮޑު ބައެއްވަނީ ނިމިފައެވެ.