ކުރީގެ ޤައުމީ މުބާރާތް، މިހާރުގެ ޕްރެޒިޑެންޓްކަޕްގެ އެންމެ ފުލުގައި އޮވެ މުބާރާތުގެ އެންމެ ކާމިޔާބު ވިކްޓްރީ މެޗުތައް ނިންމާލައިފިއެވެ. އައްޑޫ ސިޓީގައި ކުޅުނު ގްރޫޕް ބީގެ މެޗުތައް ވިކްޓްރީ ނިންމާލީ ޕޮއިންޓަކާއެކުގައެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗު ކާމިޔާބުކޮށް ވެލެންސިޔާ ވަނީ ގްރޫޕްގެ ފުލުން ސަލާމަތްވެ، ތިންވަނަ ހޯދާފައެވެ.ވިކްޓްރީއާއި ވެލެންސިޔާ ވާދަކުރި ގްރޫޕް ސްޓޭޖްގެ ފަހު މެޗު ވެލެންސިޔާ ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ އަހުމަދު ނިޝާންއެވެ. އޭގެ ފަހުން ފުލުފުލުގައި ލިބުނު ދެފުރުޞަތެއް ނިޝާން އަތުން ވަނީ ބޭކާރުވެފައެވެ. އަވިލޯ ފޮނުވާލި ރަނގަޅު ބޯޅައެއް ވިކްޓްރީގެ ކީޕަރ ޖަޒްލާން ކޯނަރަކަށްވެސް ބޭރުކޮށްލިއެވެ.ވިކްޓްރިއަށްވެސް ލަނޑުޖަހަނެ ފުރުޞަތުތުތަކެއް މެޗުގައި ލިބުނެވެ. ތަޖުރިބާކާރު ދެމިޑްފީލްޑަރުންކަމަށްވާ އަހުމަދު ނިޔާޒާއި އަހުމަދު މުޙައްމަދަށް ލިބުނު ފުރުޞަތުގެ ބޭނުމެއް ނުކުރެވުނެވެ. ތަޝްނީމަށްވެސް ލަނޑުޖަހާނެ ފުރުޞަތެއް ލިބި ބޭނުންކުރެވިދިޔައެވެ.މެޗަށްފަހު ވިކްޓްރީގެ އެސިސްޓެންޓް ކޯޗު އަހުމަދު މުޖުތަބާ ބުނީ ފެށިއިރުވެސް ދެއްކި ވާހަކަ ނިމުނު އިރުވެސް ދައްކަން ޖެހިފައިވާކަމަށެވެ." ފުރަތަމަ ދުވަހުވެސް ދެއްކި ވާހަކަ މިއަދުވެސް ދައްކަން މިޖެހެނީ. ފުރުޞަތު ލިބި ބޭނުން ނުކުރެވެނީ. އެކަން ރަނގަޅުކުރަން ވަގުތެއްވެސް ނުލިބޭ. ކޮނެމް ދެދުވަހުން އެއްދުވަހު މެޗެއް މިއޮންނަނީ. އިރާދަކުރެއްވިޔާ ލީގަށް އެކަން ރަނގަޅުކޮށް ވާދަކުރެވޭ ވަރުގެ ޓީމަކާއެކު ނިކުންނާނީ. " މުޖުތަބާ ބުންޏެވެ.ވެލެންސިޔާގެ ކޯޗު މުޙައްމަދު އިޤްބާލްވެސް ބުނީ ފުރުޞަތުތަކުގެ ބޭނުން ނުކުރެވެނީމަމަށެވެ." ފުރުޞަތުތަކުގެ ބޭނުންނުކުރެވިގެން މިހެން މިވަނީ. ފުރަތަމަ ދެދުވަހުވެސް ރަނގަޅަށް ކުޅުނު. ދާން ބޭނުންވި ހިސާބަށް ނުދެވުނީމަ ހިތްހަމައެއް ނުޖެހޭ. ސެމިއަށްދާން އައީ." އިޤްބާލް ބުންޏެވެ.މުބާރާތުގައި ދެން އޮންނާނީ ސެމީފައިނަލް ދެ މެޗެވެ. މިމަހުގެ 26 ވަނަ ދުވަހު ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ނިއުރޭޑިއަންޓާއި އީގަލްސްއެވެ. 27 ވަނަ ދުވަހު ކުޅޭ ދެވަނަ މެޗުގައި ވާދަކުރާނީ މާޒިޔާއާއި ޓީސީއެވެ. މިދެމެޗުވެސް ކުޅޭނީ އައްޑޫ ސިޓީގައެވެ.