ޚަބަރު

ރައްކާތެރިކަމުގެ ފިޔަވަޅުތައް ފުރިހަމަތޯ ބެލުމަށް 10 އޮފީހެއް އިންސްޕެކްޓުކޮށްފި


ސަރުކާރާއި އަމިއްލަ އޮފީސްތަކުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިހުރިތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަންގައި މިހާތަނަށް 10 އޮފީހެއް ބަލައިފިއެވެ.

މި އިންސްޕެކްޝަން ފަށާފައިވަނީ މިއަދުއެވެ. އިންސްޕެކްޝަންގައި ބަލަމުންދަނީ، ކޯވިޑް-19އިން ރައްކާތެރިވުމަށް އޮފީސްތަކުގައި އެޅުމަށް އެޗްޕީއޭއިން އަންގާފައިވާ ފިޔަވަޅުތަކަށް ޢަމަލުކުރަމުންދޭތޯއެވެ. އެގޮތުން މަސައްކަތުގެ މާހައުލުގައި ގައިދުރުކަން ބަހައްޓަމުންދާ މިންވަރާއި، މާސްކު ބޭނުންކުރުމާއި، ތަނުގެ ސާފުތާހިރުކަން ހުރި މިންވަރުވެސް ބެލުން ވަނީ ހަމަޖެހިފައެވެ.

އިންސްޕެކްޝަންގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ގިނަ އޮފީސްތަކުގައި ގައިޑްލައިނާއި އެއްގޮތަށް ޢަމަލުކުރަމުންދާކަމަށެވެ. ނަމަވެސް ޤަވާއިދާ ޚިލާފު ކުދި ކުދި ކަންކަން ފާހަގަކުރެވިގެން އެކަންކަން އިސްލާހުކުރުމަށް އަންގާފައިވާކަމަށެވެ.

"މިހާތަނަށް 10 އޮފީސްވަނީ ބަލާފައި. ބައެއް ކަންކަން ފާހަގަވި، މީޓިންގް ރޫމްގައި ހުންނަންޖެހޭ ޑިސްޓެންސް ނެތުމާއި، ސާފުކުރުމުގެ ޝެޑިއުލެއް ނެތުމާއި އަދި މަދުން ފާހަގަވި މާސްކު ނާޅާ މައްސަލަވެސް." ޑރ ނަޒްލާ ވިދާޅިވިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ގައިޑްލައިންގައި ބުނެފައިވަނީ ޤަވާއިދާ ޚިލާފުވާ ފުރަތަމަ ފަހަރު 48 ގަޑިއިއރަށް ތަން ބަންދުކުރާނެކަމަށެވެ. އަދި އުސޫލާ ޚިލާފުވާ ދެވަނަ ފަހަރު 3 ދުވަހަށް ތަން ބަންދުކުރުމަށްފަހު 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި ތިން ވަނަ ފަހަރު 5 ދުވަހަށް ތަން ބަންދުކޮށް 1000ރުފިޔައިން ޖޫރިމަނާކުރާނެއެވެ.

މި އިންސްޕެކްޝަން ކުރިއަށްގެންދަނީ އެޗްޕީއޭއާއި ފުލުހުން ގުޅިގެންނެވެ.