ޚަބަރު

ކުޅުދުއްފުށިން ފަހުން ނެގި 100 ރެންޑަމް ސާމްޕަލްވެސް ނެގެޓިވް


ކޯވިޑް-19އަށް ޓެސްޓު ކުރުމަށް ހދ.ކުޅުދުއްފުށިން ދެވަނަ ބުރުގައި ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ޓެސްޓުކުރުމުގެ ދެ ބުރެއްވަނީ ބާއްވާފައެވެ. އެގޮތުން ފުރަތަމަ ބުރުގައި އެރަށުން ނެގި 120ސާމްޕަލްވަނީ ނެގެޓިވްވެފައެވެ. އަދި އެންމެ ފަހުން ޓެސްޓު ހެދި ބުރުގައި ނެގި 100 ރެންޑަމް ސާމްޕަލްވެސް ވަނީ ޓެސްޓުކޮށްފައެވެ. އެޗްއީއޯސީގެ އެޓޯލް ޕްރިޕެއަރޑްނަސްގެ ފަރާތުން މަޢުލޫމާތު ޙިއްސާކުރައްވަމުން ޢަބްދުﷲ މައުރޫފް ވިދާޅުވީ ކުޅުދުއްފުށި މޮނިޓަރިންގގެ ޙާލަތަށް ގެނައިފަހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް އައި 84 މީހަކުވެސް ޓެސްޓުކޮށްފައިވާކަމަށެވެ. އަދި މި އެންމެންވެސް ބައްޔަށް ނެގެޓިވްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އެރަށުން ނެގި 100 ރެންޑަމް ސާމްޕަލްގައި ރަށުތެރެއިން ހޮވާލެވުނު 15 ގެކައުންވަނީ 15 މީހުންގެ ސާމްޕަލް ޓެސްޓުކޮށްފައެވެ. އަދި މީހުން އާއްމުކޮށް ޚިދުމަތް ހޯދަންދާ ތަންތަނުގައި މަސައްކަތްކުރާ މީހުންގެ ސާމްޕަލްވެސް ވަނީ ނަގާފައެވެ.

"ކެފޭ ރެސްޓޯރަންޓާއި ފިހާރަތަކުން 25 ސާމްޕަލް، އާއްމު ޚިދުމަތްދޭ ތަންތަން، މިސާލަކަށް ބޭންކް އެއަރޕޯޓްފަދަ ތަންތަނުން 9 ސާމްޕަލް، 11 ޓެކްސީ ޑްރައިވަރުންގެ ސާމްޕަލްވެސް ނެގިން. ހުރިހާ ސާމްޕަލްވަނީ ނެގެޓިވް". އަބްދުﷲ މައުރޫފް ވިދާޅުވިއެވެ.

ކުޅުދުއްފުށިން ލޯކަލް ޓްރާންސްމިޝަނެއް ފެނިފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެރަށުން ޕޮޒިޓިވްވީ ފުލުހެކެވެ. ކުޅުދުއްފުށީގައި މިވަގުތު ބައްޔަށް ޕޮޒިޓިވް 9 މީހުން އެބަތިއްބެވެ. އެއީ އަލާމާތްތައް ހުރެގެން ޓެސްޓު ހެދިއިރު ބައްޔަށް ޕޮޒިޓިވްވި އެކަކާއި، ރެންޑަމް ސާމްޕަލްއިން ޕޮޒިޓީވްވި ދެ މީހުންނާއި، 6 ކޮންޓެކްޓުންނެވެ. މިއީ މުޅިންވެސް އެއް ކްލަސްޓަރއަކަށް ނިސްބަތްވާ މީހުންކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. ގިނަ ކޭސްތަކެއް ފެނުމާއި ގުޅިގެން ކުޅުދުއްފުށީ އަދިވެސް އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ.