ފަލަސްޠީނުގެ ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން 7 އޮކްޓޫބަރު 2023 ގައި ޔަހޫދީ ދައުލަތަށް އަމާޒުކޮށް ދިން ކުއްލި ޙަމަލާއާއެކު، ޔަހޫދީންގެ ނިރުބަވެރި ދައުލަތުގެ ސަލާމަތީ ނިޒާމުގެ ބަލިކަށިކަމާއި ނާކާމިޔާބީ ވަނީ މުޅި ދުނިޔެއަށް ބޭޒާރުވެފައެވެ.
އަސްކަރީ ގޮތުންނާއި ޖާސޫސީ ގޮތުން ހޯދާފައިވާ ކުރިއެރުންތަކުންނާއި، ބިރުދެއްކުމުގެ ސިޔާސަތުން އެ ޤައުމުގެ ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދެވޭނެ ކަމަށް ދެކެމުންއައި ދެކުމަކީ ހަޤީޤަތެއް ނޫންކަން ވަނީ ހާމަވެފައެވެ.
އަމިއްލަ ސަލާމަތް އަލުން އިޢާދަކުރުމުގެ ނަމުގައި، ޔަހޫދީ ދައުލަތުން ޣައްޒާގައި ފެށި ލާއިންސާނީ ޤަތުލުޢާންމަށް ތިން އަހަރު ފުރިގެންދިޔައިރު، އެކަމުގެ ސަބަބުން މި ކާރިސާ އިތުރަށް ބޮޑުވެ، ޔަހޫދީ ދައުލަތުގެ އެތެރޭގެ ސިޔާސީ ބައިބައިވުންތައް ވަނީ އިންތިހާއަށް ފުޅާވެފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ޔަހޫދީންގެ އަގު މުޅިން ވެއްޓިގެން ގޮސްފައިވާއިރު، ޔަހޫދީންގެ ސިޔާސީ ވެރިން ފަލަސްޠީނުގެ ރައްޔިތުންނާ މެދު ގެންގުޅޭ އަނިޔާވެރި ސިޔާސަތުތަކާއި، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުފައްދާފައިވާ ދައުލަތުގެ މުސްތަޤުބަލާ މެދު މިހާރު ވަނީ ވަރުގަދަ ސުވާލުތަކެއް އުފެދިފައެވެ.
ޔަހޫދީންގެ ޚާރިޖީ ވުޒާރާގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް އަދި ސިޔާސީ ދިރާސާވެރިޔާ އަލޯން ލީލް ޓީއާރްޓީ ވޯލްޑް ނޫހަށް މަޢުލޫމާތު ދެމުން ބުނީ، 7 އޮކްޓޫބަރުގެ ޙަމަލާއަކީ ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ކުރުވި ކަމެއް ކަމަށާއި، އޭގެ ރައްދުގައި ޔަހޫދީ ދައުލަތުން އަޅަމުންދިޔަ ފިޔަވަޅުތަކަކީ ބޮޑު ނާކާމިޔާބީއެއް ކަމަށެވެ. މީޑިއާތަކުން ޔަހޫދީންނަށް ލިބުނު ގެއްލުންތައް ބޮޑުކޮށްގެން ދެއްކުމުގެ ސަބަބުން އާންމުންގެ ރުޅިވެރިކަން އިތުރުވެ، ހައްދުފަހަނައެޅި ކަނާތުފިޔައިގެ ސިޔާސީ ފިކުރުތަކަށް ބާރު ލިބުނު ކަމަށް އޭނާ ބުންޏެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޔަހޫދީ ދައުލަތުގައި ދިރިއުޅޭ ޢަރަބި ރައްޔިތުންނާ ދެކޮޅުވެރިކަން އުފެދި، ޑިމޮކްރެޓިކް ހަމަތައް ފުނޑުފުނޑުވެފައިވާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން އެ ޙަމަލާ ހުއްޓުވުމުގައި ވީ ނާކާމިޔާބީތައް ބެލުމަށް މިނިވަން ތަޙުޤީޤީ ކޮމިޝަނެއް އުފެއްދުމަށް ދެކޮޅުހަދަމުންދާއިރު، ގެއްލުން ލިބުނު ޢާއިލާތަކުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ބާރުއަޅަމުންނެވެ.
2025 ވަނަ އަހަރުގެ ނޮބެލް ސުލްޙައިގެ އިނާމަށް ނަން ހުށަހެޅުނު ފަލަސްޠީނުގެ ޢިލްމުވެރިޔާ، ޕްރޮފެސަރ މާޒިން ޤުމްޞިއްޔާ ވިދާޅުވި ގޮތުގައި، 1948 އިން ފެށިގެން ދެމިއޮތް އިސްތިޢުމާރީ އަދި ނަސްލީ އިމްތިޔާޒީ ނިޒާމަކީ ހަމައެކަނި އަސްކަރީ ބާރުން ދެމެހެއްޓޭނެ އެއްޗެއް ނޫންކަން މި ހަނގުރާމައިން ސާބިތުވެއްޖެއެވެ. އިންސާނީ ޙައްޤުތަކާއި ޢަދުލުއިންސާފު ޤާއިމުނުކޮށް ދާއިމީ ހަމަޖެހުމެއް ނާންނާނެ ކަމަށާއި، ތިން އަހަރުގެ މި ޤަތުލުޢާންމުގެ ސަބަބުން ޔަހޫދީންގެ އަނިޔާވެރި ވެރިކަމުގެ ނިމުން ގާތްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންސްޓިޓިއުޓް ފޮރ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒް (އައިއެންއެސްއެސް) އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި، ޣައްޒާ ޢުދުވާނު، ސަރުކާރުން ކުރިއަށްގެންދިޔަ ގޮތާމެދު ހިތްހަމަޖެހެނީ ޔަހޫދީ ދައުލަތުގެ ރައްޔިތުންގެ އެންމެ 34 އިންސައްތައެވެ. އަދި 75 އިންސައްތަ މީހުން މިނިވަން ތަޙުޤީޤީ ކޮމިޝަނަކަށް ތާޢީދުކުރާއިރު، 59 އިންސައްތަ މީހުން ޤަބޫލުކުރަނީ ކުރިއަށް އޮތް އަހަރުތަކުގައިވެސް މިފަދަ ޙަމަލާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. މީގެ އިތުރުން ޤައުމުގެ ސަލާމަތީ ޙާލަތު ރަނގަޅުވި ކަމަށް ދެކެނީ އެންމެ 38 އިންސައްތަ މީހުންނެވެ.
ޣައްޒާއަށް ދިން ޙަމަލާތަކުގައި 74,000 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުކޮށް، މުޅި ސަރަޙައްދު ސުންނާފަތިކޮށްލުމާއި، ހުޅަނގު އައްސޭރީގައި ހިންގި ލާއިންސާނީ ޖަރީމާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަންކަން ކަމަށް ލީލް ވެސް ވަނީ އިޢުތިރާފުވެފައެވެ.
މި ޖަރީމާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ޔަހޫދީ ދައުލަތް ވަނީ ވަރަށް ބޮޑަށް އެކަހެރިވެ ބޭޒާރުވެފައެވެ. 2026 ގެ ޕިއު ރިސާޗް ސެންޓަރުގެ ދިރާސާއަކުން ދައްކާ ގޮތުގައި، ދުނިޔޭގެ 36 ޤައުމެއްގެ 67 އިންސައްތަ މީހުން ޔަހޫދީ ދައުލަތާމެދު ނުރުހުން ފާޅުކޮށްފައިވާއިރު، އެމެރިކާގެ 60 އިންސައްތަ އަދި އިނގިރޭސިވިލާތުގެ 69 އިންސައްތަ ރައްޔިތުން ވަނީ ޔަހޫދީ ދައުލަތުގެ މި ލާއިންސާނީ ޢަމަލުތަކާ ދެކޮޅު ހަދައިފައެވެ.
މީގެ އިތުރުން، ޖުލައި 2024 ގައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ ފަލަސްޠީނުގެ ބިންތަކަށް ޔަހޫދީން ވެރިވެގަނެގެން ތިބުމަކީ ޣައިރުޤާނޫނީ ޢަމަލެއް ކަމަށް ކަނޑައަޅައިފައެވެ. އަދި ނޮވެމްބަރު 2024 ގައި އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ވަނީ ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުގައި ނަތަންޔާހޫއާއި ކުރީގެ ދިފާޢީ ވަޒީރު ޔޯއާވް ގާލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ.
ތިން އަހަރު ފާއިތުވެދިޔައިރު މިއަދު ފެންނަމުންދަނީ، 7 އޮކްޓޫބަރުގެ ޙާދިސާއާއި ޣައްޒާގެ ޤަތުލުޢާންމުގެ ސަބަބުން، ޔަހޫދީންގެ އަސްކަރީ ބާރުގެ ޙަޤީޤަތް ހާމަވެ، އެ ޤައުމު ސިޔާސީ، އަޚްލާޤީ އަދި ބައިނަލްއަޤްވާމީ ގޮތުން ފޫނުބެއްދޭނެ ފަދަ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ މަންޒަރެވެ.