ޚަބަރު

އިންތިޤާލީ އިންސާފުގެ ބިލަށް ޚިޔާލް ހޯދުމުގެ ބައްދަލުވުން މާދަމާރޭ


2012ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ނޮވެމްބަރު 2018އާ ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް އިންތިޤާލީ އިންސާފުގެ ބިލަށް ޚިޔާލު ހޯދުމުގެ ބައްދަލުވެއް މާދަމާރޭ ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މަޖިލިސް އިދާރާގައި ބާއްވާ މި ޕެނަލްޑިސްކަޝަންގައި، ޕެނަލްގައި ތިއްބަވާނީ މިބިލް މަޖިލީހަށް ހުށަހެޅުއްވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދާއި، ހެންވޭރު ހުޅަނގު ދައިރާގެ މެމްބަރު ހަސަން ލަތީފާއި، މާފަންނު މެދު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫގެ އިތުރުން ޒަހީނާ ރަަޝީދެވެ.

މާދަމާރޭ 20:30ގައި މަޖިލީހުގެ އިދާރާގައި ބާއްވާ މިބައްދަލުމަށް ވަޑައިގަންނަވާ ބޭފުޅުން 20:15އަށް ވަޑައިގަތުމަށް މަޖިލިސް އިދާރާއިން ވަނީ ދަންނަވާފައެވެ. މިބިލް މަޖިލީހުން ދިރާސާ ކުރަމުންދަނީ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއާއި ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީއަކުންނެވެ.

މިބިލު ހުށަހެޅުއްވުމުގެ އެންމެ ބޮޑު ބޭނުމަކީ 2012އިން 2018އާ ހަމައަށް، ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ފުށުން، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާއި ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައި ދިނުމެވެ.

އިންސާފު ޤާއިމްކުރުމަށް އެކުލަވާލާ މިޤާނޫނުގެ ދަށުން ނުހައްގު އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ޤާއިމްކުރުމަށް މައްސަލަތައް ހުށަހަޅައި ޚާއްސަ އޮފީހެއް ޤާއިމްކުރަންޖެހޭކަމަށް މިބިލުގައި ބުނެފައިވެއެވެ. އިންތިޤާލީ އިންސާފުގެ "އޮމްބަޑްސްމަން އޮފީސް" އެކުލެވިގެން ދާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 3 ބޭފުޅުންގެ މައްޗަށެވެ. އަނިޔާލިބިފައިވާ ފަރާތްތަކުގެ މައްސަލަތައް ތަހުޤީޤުކޮށް ދައުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވުމުގެ ބާރުވެސް މިއޮފީހަށް ބިލްގައި ދީފައިވެއެވެ. ކުރިން ބަލައި ނިމިފައިވާ މައްސަލަތަކުގެ ތެރެއިން އިންސާފު ނުލިބިވާ މައްސަލައަކާ ގުޅިގެން އައު ހެއްކެއް ފެނިއްޖެނަމަ އެމައްސަލައެއް އަލުން ބަލައި ތަޙުޤީގު ކުރުމުގެ ބާރުވެސް މިޤާނޫނުގެ ދަށުން "އޮމްބަޑްސްމަން" އޮފީހަށް ލިބިގެންދާނެއެވެ.

މިބިލުގެ ދަށުން ބަދަލު ނަގައި ދިނުމުގެ ބާރުވެސް "އޮމްބަޑްސްމަން" އޮފީހަށް ލިބިގެންދެއެވެ. އެގޮތުން ލިބުނު އަނިޔާއެއްގެ ސަބަބުން މާލީ ބަދަލު ނަގައިދިނުމާއި، މާލީ ނޫންގަތަށް މީހާއަށް އާމާޒުކޮށް ދެވޭ އަނިޔާގެ ބަދަލު ނެގުމުގެ ބާރުވެސް މި އޮފީހަށް ލިބިފައިވއެވެ. މިބިލުގެ ދަށުން ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ދައުވާ އުފުލަންޖެހޭ ފަރާތްތަކާއި ދޭތެރޭ ދައުވާ އުފުލުމުގެ ބާރުވެސް ޤާނޫނުން އޮމްބަޑްސްމަން އޮފީހަށް ލިބިދޭނެއެވެ.

ރާއްޖޭގައި އަދުލުވެރިކަމާއި އިންސާފު ޤާއިމްކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ޚާއްސަކޮށް ނިމިދިޔަ 5 އަހަރުގައި ނުހައްގުން އަނިޔާލިބި އިންސާފު ލިބިފައި ނުވާ ފަރާތްތަކަށް އިންސާފު ޤާއިމްކޮށްދެއްވާނެކަމަށް ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސުލް ޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.