ކޯވިޑް-19

ކޯވިޑް-19 : އެންޓިބޮޑީ ސަރވޭއަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އެޗް.އީ.އޯ.ސީން އިލްތިމާސްކުރައްވައިފި


ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދާ އެންޓިބޮޑީސް ޓެސްޓްކުރާ "ސީރޯ ޕްރިވެލަންސް ސަރވޭ" ފުރިހަމަ ކުރުމުގައި އާއްމުންގެ ފަރާތުން ފުރިހަމަ އެއްބާރުލުންދެއްވުމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން އިލްތިމާސްކުރައްވައިފިއެވެ.

މިހާރު ފަށާފައިވާ ސީރޯ ޕްރިވެލަންސް ސަރވޭއަކީ، ރާއްޖޭގައި ކޯވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ ގްރޭޓަރ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން މި ބައްޔަށް ހުށައެޅިފައި ވަނީ އާބާދީގެ ކިތައް އިންސައްތަ މީހުންތޯ ދެނެގަނެ، ކޯވިޑް-19 އިތުރަށް ފެތުރިގެންދާ ބާރުމިނާއި، ޕޮލިސީތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުމަށް ކުރިއަށްގެންދާ ސަރވޭއެކެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗް.އީ.އޯ.ސީގެ ތަރުޖަމާން ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، މިސަރވޭގެ ފުރަތަމަ ބުރު ނިމި، ދެވަނަ ބުރު މިހާރު ފަށައިގެން ކުރިއަށްދާއިރު، އާއްމުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާކަމަށެވެ. މިއީ މުޖުތަމަޢުގެ އެކި އުމުރުފުރާގެ މެދުގައި ކޯވިޑް-19 ފެތުރިފައިވާ މިންވަަރު ދެނެގަތުމަށް ވަރަށް މުހިއްމު ސަރވޭއެއްކަމުން، ސަރވޭ ވީހާވެސް އަވަހަށް ނިންމާލުމަށް އާއްމުންގެ ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ސާމްޕަލް ނަގާނެ މީހުން ކަނޑައަޅަނީ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ނަމެއް ނެގުމަށްފަހު އެ ފަރާތަކަށް އެސް.އެމް.އެސް ފޮނުވައިގެންކަމުން، އެސް.އެމް.އެސް ލިބޭ ފަރާތްތަކުން، އެކަމަށް އިޖާބަދީ، ސާމްޕަލް ނެގުމަށް ކަނޑައަޅާފައިވާ ތަނަކަށް ލަސްނުކޮށް ގޮސް ސާމްޕަލް ނެގުމަށް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ.

"ކޮންމެސް ވަރަކަށް އަޅުގަނޑުމެންނަށް ސްޓަޑީއަށް ތަރުހީބު ލިބެމުންދޭ. އެހެންނަމަވެސް އަޅުގަނޑުމެން ސްޓަޑީ އަވަހަށް ފުރިހަމަކުރަން އެންމެ ބޭނުންވާ މިންވަރަށް އަދި ސާމްޕަލެއް ނުލިބޭ. އެހެންވީމަ އަޅުގަނޑުމެން ވަރަށް ބޮޑަށް ތިބޭފުޅުންގެ އެއްބާރުލުން ބޭނުން މި ސްޓަޑީ ކުރިއަށްގެންދިއުމަށް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ކުރިއަށްގެންދާ ސީރޯ ޕްރިވެލަންސް ސަރވޭގައި ސާމްޕަލް ނެގޭނެ އިންތިޒާމް 4 ތަނެއްގައި ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭގައި ނަމަ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް އަދި ފެކަލްޓީ އޮފް އެޑިއުކޭޝަނަށް ސާމްޕަލް ނެގޭނެއެވެ. އަދި ހުޅުމާލޭގައި ޖެމްސް ޕްރީސްކޫލް އަދި ވިލިމާލޭގައި ނަމަ ވިލިމާލޭ ހޮސްޕިޓަލުން ސާމްޕަލް ނެގުމުގެ ކަންކަން ކުރިއަށްދާނެއެވެ. މިތަންތަނުގައި ސާމްޕަލް ނެގުން ކުރިއަށްދާނީ ހަވީރު 4 އިން ރޭގަނޑު 7 ޖެހުމާއި ހަމައަށެވެ.

ސީރޯ ޕްރިވެލަންސް ސަރވޭ ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. 4 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ސަރވޭގެ ފުރަތަމަ ބުރުގައި ސާމްޕަލް ނެގުމުގެ މަސައްކަތް އެޗް.ޕީ.އޭއިން ކޮށްފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކުއެވެ. މިއީ އެންޓި ބޮޑީ ޓެސްޓަކަށްވުމުން މި ސަރވޭގައި ޓެސްޓް ހަދަނީ އާންމުކޮށް ލޭގެ ޓެސްޓް ހެދުމަށް ބޭނުންކުރާ މިންވަރަށްވުރެ މަދުން ލޭ ނަގައިގެންނެވެ. އަދި ލޭ ނަގާނީ ރެޕިޑް ރެސްޕޮންސް ޓީމުންނެވެ. މި ސަރވޭގެ މަސައްކަތް 4 ހަފްތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށް އެޗް.އީ.އޯ.ސީން ވަނީ ވިދާޅުވެފައެވެ.