ރައީސް ޑޮނާލްޑް ޓްރަމްޕަކީ ދޯހަޅި އިޤްތިޞާދީ ސިޔާސަތެއް ގެންގުޅުއްވާ ވެރިއެއްކަމަށް ބުނެ 700 އަށްވުރެ ގިނަ އިޤްތިޞާދީ މާހިރުން އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވުމާއި ދެކޮޅަށް އަޑުއުފުލައިފިއެވެ.
700 އަށްވުރެ ގިނަ އިޤްތިޞާދީ މާހިރުން ސޮއިކޮށް އާއްމުކޮށްފައިވާ ސިޓީއެއްގައި ވަނީ ރައީސް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އެމެރިކާގެ ޑިމޮކްރަސީއަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަމަށް ބުނެފައެވެ.
އަންނަ މަހުގެ 3 ވަނަ ދުވަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބާއި ޖެހެންދެން އާންމުންނަށް ސޮއިކުރެވޭގޮތަށް ބާއްވާފައިވާ ހުޅުވާލެވިފައިވާ ސިޓީގައި 700 އަށްވުރެ ގިނަ އިޤްތިޞާދީ މާހިރުން ސޮއިކޮށްފައިވާއިރު، މީގެ ތެރޭގައި ނޯބަލް ޕްރައިޒް ލިބިވަޑައިގެންފައިވާ 7 ބޭފުޅަކުވެސް ވަނީ ސޮއިކުރައްވާފައެވެ.
ގިނަ އަދަދެއްގެ އިކޮނޮމިސްޓުން ސޮއިކުރައްވާފައިވާ އޯޕަން ލެޓާގައި ވަނީ ކޯވިޑްގެ ނުރައްކާ ޤައުމަށް އެހާ ބޮޑަށްކުރީ ދާއިރާގެ މާހިރުން ދެއްވި އިރުޝާދުތަކަށް ބެލުމެއްނެތި ރައީސް ޓްރަމްޕް އަމިއްލަ ފައިދާއަށް އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުންކަމަށް ބުނެފައެވެ. އަދި މި ދަނޑިވަޅުގައިވެސް ޤައުމުގެ އިޤްތިޞާދާއި ގުޅޭގޮތުން ރައީސް ޓްރަމްޕް ރައްޔިތުންނަށް އޮޅޭގޮތަށް ގިނަ ވާހަކަތަކެއް ދައްކަވާފައިވާކަމަށް ވަނީ ބުނެފައެވެ. މި ސަބަބުތަކަށްޓަކައި ދެވަނަ ދައުރަކަށް ރައީސް ޓްރަމްޕް ނުހޮވާ އެމެރިކާގެ ފުރިހަމަ ޑިމޮކްރަސީ އަނބުރާ ގެނައުމަށް އިޤްތިޞާދީ މާހިރުން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ.
މިސިޓީއާ ގުޅިގެން ރައީސް ޓްރަމްޕްގެ ކެމްޕޭން އޮފީހުން ވަނީ މިއީ ރައީސް ޓްރަމްޕާއި ޒާތީގޮތުން ޖައްސާލައިގެން ނެރެފައިވާ ސިޓީއެއްކަމަށް ބުނެފައެވެ. އެގޮތުން މި ސިޓީގައި އިދިކޮޅު ކެނޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯބައިޑަންއާއި އެމަނިކުފާނުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަދައްކާފައި ނެތުމުން އެކަމަށް ރައީސް ޓްރަމްޕްގެ ކެމްޕޭން އޮފީހުން ވަނީ ފާޑުކިޔާފައެވެ. އެގޮތުން ރައީސް ޓްރަމްޕްގެ ކެމްޕޭންއިން ބުނީ ޖޯ ބައިޑަން ވެރިކަމަށް އައުމުން ޤައުމުގެ އިޤްތިޞާދަށް ކުރާނެ އެންމެ ފައިދާއެއްވެސް ބަޔާންކޮށްފައި ނެތުމުން މީގެ ހަޤީޤަތް ހާމަވާކަމަށެވެ.
ޓްރަމްޕްގެ ކެމްޕެއިން ޓީމުގެ ވާހަކަތަކަށް އެމެރިކާގެ އިޤްތިޞާދީ މާހިރުން ވަނީ ރައްދު ދީފައެވެ. އެގޮތުން އެކަމަނާ ވިދާޅުވީ އޮބާމާ ވެރިކަމަށް އައީ އެމެރިކާގެ އިޤްތިޞާދު ވަރަށް ބޮޑަށް އަޑިއަޅާލަފައި އޮތްވާކަމަށާއި ނަމަވެސް ރައީސް އޮބާމާގެ ސަރުކާރުން އެޙާލަތުން އަރައިގަނެ ރައީސް ޓްރަމްޕް ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެމެރިކާގެ އިޤްތިޞާދު އޮތީ ރަނގަޅު ހާލަތެއްގައިކަމަށެވެ.