ޚަބަރު

އިހަވަންދޫ ބަނދަރުގެ މަޝްރޫޢާއެކު ރަށަށް ބޮޑު ހިތްހަމަޖެހުމެއް


މަސްވެރިކަމާއި، މާލެދަތުރުކުރާ ބޮޑެތި ބޯޓުފަހަރާއިއެކު އިހަވަންދޫގެ ބަނދަރުވެ ފެންނަނީ ބާރުވޮޑު ތޮއްޖެހިފައިވާ ބަނދަރެއްއްގެ ގޮތުގައެވެ. ބަނދަރުގެ ތޮއްޖެހުމުގެ މައްސަލައަށް ޙައްލެއް ގެނައުމަށް، ސަރުކާރުންވަނީ އެށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް ފަށާފައެވެ.

ހއ.އިހަވަންދޫއަކީ އުތުރުގެ ރައްތަކުގެ ތެރެއިން އެންމެ އާބާދީ ބޮޑު އެއް ރަށެވެ. ރަށުގެ ރައްޔިރުންގެ އިތުރަށް އެކި ޚިދުމަތްތަކުގައި ކޮންމެ ދުވަހަކުވެސް އެތަށް ބަޔަކު އެރަށަށް ދަތުރުކުރެއެވެ.

ރަށުގެ މަލަމައްޗަށް ބަލާލުމުންވެސް ފެންނަނީ، ތޮއްޖެހިފައިވާ އިހަވަންދޫ ބަނދަރެވެ. ހއ.އިހަވަންދޫގެ ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީވެސް ބަނދަތުގެ މައްސަލައެވެ. އިހަވަންދޫގައި މިވަގުތު ބޭނުންކުރަމުންދާ ބަނދަރަކީ ނިސްބަތުން ބޮޑު ބަނދަރެކެވެ. 1200އަކަފޫޓުގެ ބަނދަރެއް ނަމަވެސް ބަނދަރުގެ ތޮއްޖެހުމުގެ ސަބަބުން އެއް ދޯނިން އަނެއް ދޯންޏަށް އަރައިގެން ބަނދަރު ތޮށިމައްޗަށް ފައިބަންޖެހޭ ޙާލަތު ދިމާވެއެވެ. މި މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން މިހާތުވަނީ އެރަށުގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ފަށާފައެވެ.

އިހަވަންދޫގެ ބަނދަރުގެ ދަތިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވިދާޅުވީ އެރަށަކީ ވިޔަފާރިތައްގިނަ އަދި މަސްވެރިކަމުގެ ދާއިރާގައިވެސް ގިނަ ބަޔަކު މަސައްކަތްކުރާ ރަށެއްކަމަށެވެ. މިއާއިއެކި މުދާ އުފުލާ ބޯޓުތަކާއި، މަސްވެރިކަމަށް ބޭނުންކުރާ ގިނަ އުޅަނދުތަކާއި، ގިނަ ލޯންޗުތަކާއި ޑީންގީތައްވެސް ރަށުގައި ބޭނުންކުރަމުންދާކަމަށެވެ. އިހަވަންދޫގެ ބަނދަތު އަބަދުވެސް އޮންނަނީ ތޮއްޖެހުން ބޮޑު ބަނދަރެއްގެ ގޮތުގައިކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ އެރަށުގައި 20މަސްދޯނި ބޭނުންކުރަމުންކަމަށެވެ. އަދި ވިޔަފާރިއަށް މާލެ ދަތުރުކުރާ 4ބޮޓުވެސް އޮންނަކަމަށެވެ. މީގެއިތުރަށް އިހަވަންދުއަކީ އައިސްޕްލާންޓް ހުުންނަ ރަށަކަށްވާތީ އެހެން ރަށްތަކާއި، ސަރަޙައްދުތަކުގެ މަސައްދޯނިތައްވެސް އެރަށަށް އައިސްއަޅަން އަންނަކަމަށެވެ.

"މިހާރު ވަރަށް ތޮއްޖެހިފައި މިއޮންނަނީ ބަނދަރު. ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ނިމުމުން އެކި ކަހަލަ ކަންކަމަށް އަންނަ އުޅަނދުތަކަށް ވަކި ސަރައްދުތައް ހަމަޖާއްސާނަން. ބޯޓުފަހަރަށް، މަސްދިނުފަހަރަށް، އަރާފޭބުމަށް ވަކި ސަރަޙައްދު ހަމަޖައްސާނަން." ކައުންސިލް ރައީސް ރމުޙާއްމަދު ރަޝިދު ވިދާޅުވިއެވެ..

އިހަވަންދޫ ބަނދަރުގެ މަސައްކަތް އެމްޓީސީއާއި ހަވާލުކޮށްގެން ފަށާފައިވަނީ މިއަހަރުގެ ޖޫންމަހުއެވެ. ބަނދަރުގެ މަސައްކަތްކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީންނެވެ. އެރަށުގެ ބަނދަރުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ކުންފުނީގެ ސީއީއޯ އާދަމް އާޒިމްވަނީ އެރަށަށް ޒިޔާރަތްކުރައްވާފައެވެ.

އާދަމް އާޒިމް ވިދާޅުވީ އިހަވަންދޫ ބަނދަރު ތަރައްޤީކުރަނީ ބޭރު ތޮއްޓަށްވެސް ދޯނިފަހަރާއި ބޯޓުފަހަރު ގާތްކުރެވޭގޮތަށްކަމަށެވެ. މި މަސައްކަތުގައި މިހާރު ކުރަމުންދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތެކެވެ. އޭނާ ވިދާޅުވީ ކޯވިޑްގެ ޙަލަތާއި ގުޅިގެން ބަނދަރުގެ މަސައްކަތުގައި ލަސްތަކެއް ދިމާވިނަމަވެސް، މިހާރު އަނެއްކާވެސް ބާރު ސްޕީޓްގައި މަސައްކަތް ފަށާފައިވާކަކަށެވެ. އިހަވަންދޫ ބަނދަރަށް 95 މީޓަރުގެ އެއްގަމު ތޮއްޓާއި، 284 މީޓަރުގެ ބޭރު ތޮށި އިތުރުކުރުމަށްވަނީ ހަމަޖެހިފައެވެ.

"ފުންކުރުމުގެ މަސައްކަތް މިކުރަނީ، ދެން ބޭރު ތޮށީގައިވެސް ދޯނި އެޅޭގޮތަށް މި ހަދަނީ. ނޮވެމްބަރުގައި ބޭނުންވާ ބޮޑުހިލަ ރަށަށް ގެނެވޭނެ. ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތް ނިންމާނަން." ސީއީސޯ އާދަމް އާޒިމް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ %26 މަސައްކަތްވަނީ މުޅިން ނިމިފައެވެ. މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހު ނިންމުމަށްވަނީ ހަމަޖެހިފައެވެ.