ވިޔަފާރި

އަންނަމަސް ނިމޭއިރު ރާއްޖެއަށް މަދުވެގެން 18 އެއަރލައިނަކުން ދަތުރުކުރާނެ- ޓޫރިޒަމް މިނިސްޓަރ


އަންނަމަސް ނިމޭއިރު ރާއްޖެއަށް މަދުވެގެން 18 އެއަރލައިނަކުން ދަތުރުތައް ކުރާނެކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، ބައިނަލްއަޤްވާމީ 12 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުތައް ކުރަމުން އަންނަކަމަށެވެ. އަދި އަންނަ މަސް ނިމެންވާއިރަށް މަދުވެގެން ބައިނަލްއަޤްވާމީ 18 އެއަރލައިނަކުން ދަތުރުތައް ފަށައި، ދުނިޔެއާއި ރާއްޖެ ގުޅުވާލަދޭނެކަމަށެވެ.

ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމާއިއެކު މިހާތަނަށް 12 އެއަރލައިނަކުން ވަނީ ދަތުރުތައް ފަށާފައެވެ. އެއީ އޭރޯފްލޮޓް، އެއަރ އިންޑިއާ، ބްރިޓިޝް އެއަރވޭސް، އެޑްލްވެއިސް، އެމިރޭޓްސް، އިއްތިހާދު އެއަރވޭސްއެވެ. މީގެއިތުރުން އިންޑިގޯ، ޤަތަރު އެއަރވޭސް، ސްޕައިސްޖެޓް، ސްރީލަންކަން އެއަރލައިން، ޓާކިޝް އެއަރލައިންގެ އިތުރުން ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަނުންވެސް އަންނަނީ ބައިނަލްއަޤްވާމީ މަންޒިލްތަކާއި ރާއްޖެއާއި ދެމެދު ދަތުރުތައް ބާއްވަމުންނެވެ.

މިމަހުގެ ބާކީއޮތް ދުވަސްތަކާއި އަންނަމަހުގެ ތެރޭގައިވެސް ރާއްޖެއަށް ގިނަ އެއަރލައިންތަކަކުން ދަތުރުތައް ފެށުމަށް މިހާރު ވަނީ ޝެޑިއުލްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ނޯޑްވިންޑް، އަޒުރު އެއަރ ރަޝިއާ، ގޯއެއަރ، ޗައިނާ ސަދަން އެއަރލައިން، ފްލައި ދުބާއީ، ގަލްފް އެއަރ، ލުފްތަންސާ އަދި އޮސްޓްރިއަން އެއަރލައިން ހިމެނެއެވެ.

ރާއްޖެއަށް ދަތުރުތައް ފަށާފައިވާ ގިނަ އެއަރލައިންތަކަކުންވެސް ޑިމާންޑްއަށް ބެލުމަށްފަހު މިހާރު އަންނަނީ ފްލައިޓްތަކުގެ އަދަދު އިތުރުވެސްކުރަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި އޭރޯފްލޮޓް އަދި އެމިރޭޓްސްއިންވެސް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާނެކަން ވަނީ އިއުލާންކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީއާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކޯވިޑް19 އަށްފަހު އަލުން ކޮޅަށް ޖެހުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.